ޔޫޓީއެފް އާއި ފަހި ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެތެރެއިން - ފޮޓޯ: ފިޔެސް
ރަސްމާލެ ހިއްކުން އެމްޓީސީސީއާ ހަވާލުނުކޮށް ކުރަމުންދަނީ ބޮޑު އިސްރާފެއް
"ސައުތު އޭޝިއާގައި ބިންހިއްކުމުގެ ގާބިލުކަން ހުރި ހަމައެކަނި ކުންފުނި ރާއްޖޭގެ އެމްޓީސީސީ އިން ހުށަހެޅި އަގަށްވުރެ 200 މިލިޔަން ޑޮލަރު ބޮޑުކޮށް ބޭރުބަޔަކަށް ދިނުމަކީ ސުވާލު އުފެދޭކަމެއް" - ޔޫޓީއެފް
މުޙައްމަދު ޤާސިމް 7 ޖެނުއަރީ 2026 (ބުދަ)   14:53
ސައުތު އޭޝިއާގައި ބިންހިއްކުމުގެ ގާބިލްކަން ލިބިފައިވާ ހަމައެކަނި ކުންފުނި ކަމުގައިވާ ރާއްޖޭގެ އެމްޓީސީސީ އިން ކޮމާޝަލް ރޭޓުގައި ފުށި ދިއްގަރުފަޅު ހިއްކުމަށް ކުޑައަގެއް މި ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް، އެއަށްވުރެ 200 މިލިޔަން ޑޮލަރު އަގުބޮޑުކޮށް ބޭރުގު ކުންފުނިތަކަށް ރަސްމާލޭގެ ބިންހިއްކުމަށް ހަވާލުކުރުމަކީ ސުވާލު އުފެދޭކަމެއް ކަމުގައި ޔޫޓީއެފް (އުތުރު ތިލަފަޅު ޔޫނިއަން) އިން ބުނެފިއެވެ.

ޔޫޓީއެފް އާއި ފަހި ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ދެ ޔޫނިއަންގެ އިތުރުން ހުޅުމާލެ ފޭސް-3 ޔޫނިއަން ވެސް ހިމެނޭހެން ތިން ޔޫނިއަން އިން ކަނޑައަޅުއްވާފައި ހުންނެވި ސްޕޯކްސް ޕާސަން، އަދި ޔޫޓީއެފްގެ ނައިބުރައީސް ޞަބާހު ރަޝީދު ވިދާޅުވީ، ފުށި ދިއްގަރުފަޅު ހިއްކުމަށް ސަރުކާރުން އިއުލާން ކުރުމާއިއެކު ސައުތު އޭޝިއާގައި ބިންހިއްކުމުގެ ގާބިލްކަން ލިބިފައިވާ ހަމައެކަނި ކުންފުނި ރާއްޖޭގެ ރައްޔިތުންގެ ކުންފުނި އެމްޓީސީސީ އިން ކޮމާޝަލް ރޭޓުގައި 400 މިލިޔަން ޑޮލަރަށް ފުށި ދިއްގަރުފަޅު ހިއްކުމަށް މި ސަރުކާރަށް ހުށަހަޅާފައި ވަނިކޮށް އެއަށްވުރެން 200 މިލިޔަން ޑޮލަރު އަގުބޮޑުކޮށް ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ބޭރުގު ކުންފުނިތަކަށް ދިނުމަކީ ސުވާލު އުފެދޭކަމެއް ކަމަށެވެ.

ރަސްމާލެ ހިއްކުމަށްވުރެ ކުޑަ ހޭދައަކުން ދެލައްކައަށް ވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެން އެބައޮތްކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން، ރާއްޖެއިން ޗައިނާއަށް ކަނޑައެޅުއްވި ކުރީގެ އެމްބަސެޑަރުގެ ނައިބު ކަމާއި، މެލޭޝިއާއަށް ރާއްޖެއިން ކަނޑައެޅުއްވި ޑެޕިއުޓީ ހައިކޮމިޝަނަރ ކަން ވެސް ކުރެއްވި ޞަބާހު ރަޝީދު ވިދާޅުވީ، ރަސްމާލޭގެ ނަމުގައި، މި ސަރުކާރުން ފުށިދިއްގަރުފަޅުގައި ތަރައްގީ ކުރަންފެށި މަޝްރޫއަކީ، އަސާސީ ހިދުމަތްތަކާއި އެހެނިހެން ހަރަދުތައް ވެސް ނުހިމެނޭހެން، ހަމައެކަނި ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކުރަންޖެހޭ މަޝްރޫއެއް ކަމަށެވެ.

ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން ބިން ހިއްކައި، 9003 އާއިލާއަކަށް ގޯތި ދިނުމަށްފަހު، އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން ބިންހިއްކައި ދެވަނަ ސްކީމުގެ 14300 ގޯތި ދިނުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ސަރަހައްދުތަކަކީ ބްރިޖަކުން ގުޅާލެވޭ ތަންތަން ކަމަށް ވާއިރު، އަދި 300 މިލިޔަނާއި 350 މިލިޔަނާއި ދެމެދުގެ އަދަދެއް ހަރަދު ކޮށްގެން ފުރަތަމަ ފިޔަވަހީގެ މި ރަށްތަކުން ހިއްކަން ކަނޑައަޅާފައިވާ 645 ހެކްޓަރުގެ ބިން ހިއްކައި، އަސާސީ ހިދުމަތް ގާއިމުކޮށް، މި ސަރަހައްދުތަކުން ގޯއްޗާއި ފުލެޓަށް ފޯމް ހުށަހަޅާފައިވާ ފަންސާސް ދެހާސް އާއިލާއެއްގެ "ދެލައްކައަށް ވުރެ ގިނަ" ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެންއޮއްވާ، އެތައްސަތޭކަ މިލިޔަން ޑޮލަރު ހަރަދުކޮށް، ރައްޔިތުންގެ މުދަލުން އެ ކުރަމުންދަނީ ބޮޑުއިސްރާފެއް ކަމަށް ވެސް ޞަބާހު ވިދާޅުވިއެވެ.

އެހެންކަމުން، ރަސްމާލެ މަޝްރޫއު މިހާރުން މިހާރަށް ހުއްޓާލުމަށް އެ ޔޫނިއަންތަކުގެ ފަރާތުން މި ސަރުކާރަށް ގޮވާލާކަމަށް ވިދާޅުވެ، ޞަބާހު ވިދާޅުވީ އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން އިތުރަށް ބިންހިއްކައިގެން އިތުރު 7500 އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވެން އެބައޮތް ކަމަށާ، ކުރީ ސަރުކާރުން 850 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ މިސަރަހައްދުން ފުރަތަމަ ހިއްކަން ނިންމާފައިވަނީ 645 ހެކްޓަރުގެ ބިން ކަމަށް ވެސް ކުރީ ސަރުކާރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ހޯޕްއައިލެންޑްގެ ނަމުގައި މި ސަރުކާރުން އުތުރުތިލަފަޅުގައި އަޅަން އުޅޭ ޖަލަކީ 19247 އާއިލާ އެއްގެ ބޯހިޔާވަހިކަމުގެ ހައްގު ގެއްލިދާނެ ކަމަކަށްވާތީ، އެކަން ނުކުރުމަށް ރައީސް މުއިއްޒު އަރިހުން އެދިވަޑައިގަންނަވަމުން ޞަބާހު ވިދާޅުވީ، ކޮންމެހެންވެސް ޖަލެއް އަޅަންޖޭހޭނަމަ، ވާދޫކަނޑު ހުރަސްކޮށް ބްރިޖަކުން ގުޅެންނެތް ފުށިދިއްގަރު ފަޅަށް އެ ޖަލު ބަދަލުކުރުމަށް ސަރުކާރަ ގޮވާލައްވާ ކަމަށެވެ.

"ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުން ބޯހިޔާވަހިކަމަށް ފެށި އެ މަޝްރޫއު ތައް ކުރިއަށް ގެންދިއުމަށާއި ރައީސް ޞާލިހުގެ ސަރުކާރުން ދީފައި ހުރި ފްލެޓާއި ގޯތިތައް އޭގެ ހައްގުވެރިންނަށް އެއްވެސް ބަދަލެއް ގެނައުމަކާއި ނުލައި ދެއްވާނެކަމުގެ ވައުދުފުޅާއެކުގަ. އަދި ނިމިދިއަ ސަރުކާރުން ފަށާފައިވާ ބޯހިޔާވެހިކަމުގެ މަޝްރޫއު ތައް ހުއްޓައިނުލާ ކުރިއަށްގެންދާނެ ކަމަށާ، ބޯހިޔާވަހިކަމަށް ވެ ވަޑައިގަތް ވައުދުފުޅުތައް ފުއްދަވާނޭ ކަމަށް، ރިޔާސީ އިންތިހާބުގެ ކެމްޕޭނުގަ އާއި ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި." – ޞަބާހު ރަޝީދު

އެހެން ނަމަވެސް އެ ވައުދުތަކުގައި ހިމެނޭ ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40594 އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމަށް އިސްކަންދިނުމުގެ ބަދަލުގައި، ވާދޫ ކަނޑު ހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ފުށިދިއްގަރުފަޅު "ރަސްމާލެ" ގެ ނަމުގައި އައު މަޝްރޫއެއް ފެށުމަކީ ދައުލަތުގެ ބަޖެޓުންކުރާ ބޮޑު އިސްރާފެއް ކަމުގައި އެ ޔޫނިއަން އިން ދެކޭކަމަށް ވިދާޅުވެ، ޞަބާހުގެ ވާހަކަ ނިންމަވާލެއްވީ ހުސްވިއަހަރުގެ ފަހުކޮޅު ކާނިވާ ސަރަހައްދުގައި ބޭއްވި ބޯހިޔާވަހިކަމުގެ އެއްވުމުގައި ރައްޔިތުން މި ސަރުކާރަށް ކޮށްފައިވާ ޑިމާންޑުތައް އާކޮށްދެއްވަމުންނެވެ.

ބޯހިޔާވަހިކަމުގެ އެއްވުމުގައި ރައްޔިތުން މި ސަރުކާރަށް ކުރި ޑިމާންޑުތަކަކީ:

  1. މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި ބިންވެރިޔާ އާއި ގެދޮރުވެރިޔާ ދެ ސްކީމުގެތެރެއިން ފުރަތަމަ ސްކީމްގައި ޝަރުތުހަމަވި 22766 އާއިލާ އާއި ދެވަނަ ސްކީމަށް ކުރިމަތިލި 40594 އައިލާގެ ތެރެއިން ޝަރުތު ހަމަވާނެކަމަށް ބެލެވޭ 29234 އާއިލާ އާއިއެކު ޖުމުލަ ފަންސާސް ދެހާސް އާއިލާއެއްގެ ދެ ލައްކަ އަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ބްރިޖުން ގުޅާލެވެންހުރި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ބިންހިއްކަން ފަށާފައިވާ 645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ނިންމުމަށް ފަހުގައި މެނުވީ "ރަސްމާލެ" ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުން.
  2. ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި 13763 މީހުންނަށް ފުލެޓް ދިނުމަށް ކުރީ ސަރުކާރުން ފާށާފައިވާ 11000 ފުލެޓްގެ ތެރެއިން ނިމިފައިވާ 4000 ފުލެޓް 15 ނޮވެމްބަރު 2023 ގައި އިއުލާންކުރި ފްލެޓު ލިސްޓުގައި ފްލެޓު ލިބޭނެކަމަށް ކަނޑައަޅައި އެގްރިމެންޓު ހަދާފައިވާ ފަރާތްތަކަށް އެ ލިސްޓުގައިވާ ގޮތަށް ފުލެޓު ދިނުމަށާއި، އަދި ބާކީތިބި 9763 މީހުންނަށް ފުލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭސް ހަމަޖައްސައި، އިތުރު 7000 ފްލެޓް އެޅުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ފުލެޓްތަކުގެ މަސައްކަތް ފެށުން.
  3. މީގެ ކުރިން ވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޯހިޔާވަހި ކަމުގެ އެއްބަސްވުމަކީ ގަނެވިއްކާ އެއްބަސްވުމަކަށް ވީހިނދު، ފަހި ދިރިއުޅުން 4000 ފްލެޓު ދިނުމުގައި މި ސަރުކާރުން ހަދަމުންދާ ކުލީގެ އެއްބަސްވުން ގަނެއްވިއްކާ އެއްބަސް ވުމަކަށް ބަދަލުކޮށްދިނުން.
  4. ކުރީ ސަރުކާރުން އެފްޑީސީ މެދުވެރިކޮށް އެއްބަސްވުން ހަދައި ސޮއިކޮށްފައިވާ ފުލެޓްތަކުގެ ހައްޤުވެރިންނާއި ހަވާލުކޮށްފައިވާ 4000 ފްލެޓުގެ ކުލި، ކުރީސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ބޮޑު ނުކުރުމާއި، އެތަންތަނުން ނަގަމުން އަންނަ ޑައުން ޕޭމަންޓު ކަނޑާލުން.
  5. ހުޅުމާލޭ ފޭސް-3، ގިރާވަރު ފަޅު، ގުޅީފަޅު، އަދި އުތުރުތިލަފަޅުގެ ބިމުން ނުހިއްކައި މިހާރު ބާކީހުރި ބިން ހިއްކުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށާއި، އެ ސަރަހައްދުތަކުން ހިއްކާ ނިމިފައި ހުރި ބިންތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ކަނޑާ، ގޯތިތައް ހަވާލުކުރުމަށާއި، މިރަށްތަކުގައި ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުން.
  6. ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40594 އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުން.
ކޮމެންޓް
އސލ
2 days ago
މުއިއްޒު ޖީބަށް ލާރި އަޅަން ކޮށްގެން އުޅޭ ކަމެއް.