ކުރިން ސަރުކާރުތަކުގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ އަދި ރައީސް ޢަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބޮޑުބޭބެ ވިދާޅުވާ ހަމްދޫނަކީ މައުމޫންގެ ބޭބޭފުޅު އަދި ކުރީގެ އެޓޯލްސް މިނިސްޓަރު މަރުހޫމް ޢަބްދުﷲ ހަމީދުހެ ދަރިކަލެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި ހަމްދޫން ހަމީދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. މީގެ އިތުރުން ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖެ އިން ސިންގަޕޫރަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރަކަށް ވެސް ހަމްދޫން ހުންނެވި އެވެ.
ރައީސް އޮފީހުން މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާއިރު، އެ އޮފީހުގެ ވެބްސައިޓުން ވެސް އެއްވެސް މައުލޫމާތެއް ފެންނާކަށް ނެތެވެ.
މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދާއި ތަފްސީލު ހާމަކުރަމުން ނުގެންދެ އެވެ. ސިޔާސީ މަގާމުތަކުގެ އަދަދު 3000 އާ ގާތްކުރާ ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރުމުން ސަރުކާރުން އިއުލާނުކޮށްފައިވަނީ މިހާރު ސަރުކާރުގެ މިނިސްޓްރީތަކުގައި ތިބީ 922 ސިޔާސީ މުވައްޒަފުން ކަމުގައެވެ. އެހެންނަމަވެސް މި މައުލޫމާތު ކަށަވަރުކުރެވޭނޭ އެއްވެސް ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މަގާމުތަކުގެ ތެރެއިން ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމު ކުރަނީ ވަޒީރުންނާއި، ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކެވެ. އެހެންނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި އެ މައުލޫމާތު އަދާހަމަ ނުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުގައި އަދާހަމަ ކުރުން ހުއްޓައިލީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ގިނަ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވާން ފެށި ފަހުންނެވެ.