އެ ޖަލްސާގައި މޭޔަރު އާތިފް ވަނީ ދާދިފަހުން ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި ބަދަލާ ދެކޮޅަށް އަދި ތަރައްގީގެ ކަންކަމަށް ސަރުކާރުގެ ސަބަބުން އެޅެމުންދާ ހުރަސްތަކުގެ މައްޗަށް ވަރަށް ދިގުކޮށް ވާހަކަ ދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔަގެ ކުރިފުޅުމަތީގައި ހުންނަވައިގެން ދެއްކެވި މޭޔަރު އާތިފް ދެއްކެވި މިވާހަކަތައް ޓީވީއެމް އިން ނާއި ރައީސް އޮފީހުގެ ސޯޝަލް މީޑިއާ މަންސަތަކުން އެވަގުތު ލައިވް ވެސް ކުރިއެވެ.
އެހެންނަމަވެސް މިހާރު ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލްގައި ހިމެނޭ ރޭގެ ޖަލްސާގެ ވީޑިއޯއިން މޭޔަރު އާތިފްގެ ވާހަކަ އެއްކޮށް ވަނީ އުނިކޮށްފައެވެ.
ލާމަރުކަޒީ ގާނޫނަށް އެންމެފަހުން ގެނައި 16 ވަނަ އިސްލާހާ ގުޅޭގޮތުން އެކި ކައުންސިލްތަކުގެ ރައީސުން ވަނީ ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި، ރައީސް ކުރިފުޅުމަތީ ޕޯޑިއަމްގައި އެ އިސްލާހުތަކާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އެހެންނަމަވެސް އެބޭފުޅުންގެ ވާހަކަތައް ރައީސް އޮފީހުގެ ވީޑިއޯ އިން އުންޏެއް ނުކުރެއެވެ.
ކުޅުދުއްފުށީ ސިޓީގެ މޭޔަރު އާތިފް ދެއްކެވި ވާހަކަ ފިޔެސް ގެ ޔޫޓިބް އިން ފެނިވަޑައިގަންނަވާނެ އެވެ.