"މީޑިއާ ކޮންޓްރޯލް ބިލް ބޭރުކުރޭ" މިގޮތަށް ބޮޑުއަކުރުން ލިޔެފައިވާ ކަރުދާހަކާއެކު ލޫކަސް މި އިހުތިޖާޖުގައި ބައިވެރިވެލެއްވީ، ރައީސް މުއިއްޒު ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ކުމުންދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނުކުންނަވާ، އަނގަމަތީ ޓޭޕުއަޅުއްވާ ބަންދުކުރައްވާ ހުންނަވައިގެންނެވެ.
ފިޔެސް އާ ވާހަކަދައްވަމުން ލޫކަސް ވިދާޅުވީ، މިހާރު މަޖިލީހަށް ހުށަހަޅާފައި އެވާ، މީޑިއާ ކޮންޓްރޯލްކުރުމުގެ ބިލަކީ އޭނާ ވެސް ސީދާ ދެކޮޅު ބިލެއް ކަމަށާ، އެހެން ކަމުން ރައީސް މުއިއްޒުއަށް މަރުހަބާ ދެއްނެވުމަށް އެގޮތަށް ނުކުންނެވީ އެކަން އެމަނިކުފާނަށް ހާމަކޮށްދެއްވުމުގެ ގޮތުން ކަމަށެވެ.
އެކަން ހާމަކުރައްވާ ލޫކަސް މީސްމީޑިއާގައި ހިއްސާކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ؛
"މާލޭގަ އަޑު އުފުލަމުންދާ ނޫސްވެރިންގެ އިހުތިޖާޖުގައި އަޅުގަނޑު ހދ. ކުމުންދޫން ބައިވެރިވެއްޖައިން." މިފަދައިންނެވެ.
ލޫކަސް ޖަލީލް، މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލާ ދެކޮޅު އިހުތިޖާޖުގައި
މާލޭގައި އިހުތިޖާޖު ކުރަމުންގެންދާ ގިނަ ނޫސްވެރިންނާއި އާންމުންގެ އިތުރުން ވެސް ސިޔާސީ ގިނަ ފަރާތްތަކަކުން އިހުތިޖާޖު ކުރަމުންދަނީ މަޖިލީހުގެ އިދާރާ ކައިރީގައެވެ.
މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް، ބިލު އަނބުރާ ގެންދިޔުމަށް މި ސަރުކާރަށް ގޮވާލާ ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް ކުރިއަށްދަނިކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު އެޖެންޑާކޮށްފައި ވާއިރު، މި ބިލާ ބެހޭގޮތުން ރައީސް މުއިއްޒު އެންމެފަހުން ވިދާޅުވެފައި ވަނީ، އެ މަނިކުފާނުގެ ކޮންޓްރޯލް މީޑިއާއަށް އޮންނަ ގޮތަކަށް ބިލު ފާސްކުރަން ބޭނުންފުޅުނުވާ ކަމަށާ، ޕީއެންސީގެ މެންބަރުންނަށް މިހާރު އެކަން އަންގަވައިފައި ވެސް ވާނެކަމަށެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، ހދ.އަތޮޅުގެ މީހުން އުޅޭ ރަށްރަށަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.
"އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުރިކަމެއްނޫން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ، އަޅުގަނޑު އެއްވެސް އިރެއްގައި ކުރި ކަމެއްވެސް ނޫން، ކުރާނެވެސް ކަމެއްނޫން. އެހެންނަމަވެސް ޒިންމާދާރު ކަމާއެކީގައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރަން ޖެހޭނީ." ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިމޭރުމުން ވާހަކަ ދެއްކެވިއިރު، އެ ބިލު ބޭރުކުރުމަށް ރާއްޖޭގެ ގިނަ ނޫސްވެރިންގެ އިތުރުން ވެސް ގިނަ އާންމުންނާއި، ބައިނަލްއަގްވާމީ ގޮތުން ނޫސްވެރިކަމުގެ ދިފާއުގައި މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ ގޮވާލަމުންނެވެ.