އެމްޖޭއޭ އިން ރޭ ބޭއްވި ކުއްލި ބައްދަލުވުން
ނޫސްވެރިންގެ އަމިއްލަ ނިޒާމަކުން ނޫސްތައް ރެގިއުލޭޓުކުރަން ފަށަނީ
މިގޮތަށް މިކަން ކުރަންޖެހުނީ މިހާރުއޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމު ފުނޑިގެން ދިޔުމުން - އެމްޖޭއޭ
ޖުނާން އަޙުމަދު 19 ސެޕްޓެމްބަރ 2025 (ހުކުރު)   09:19
ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރާގޮތަށް ރައީސް މުޙައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމާއެކު ދިވެހި ނޫސްވެރިންގެ އަމިއްލަ ނިޒާމަކުން ނޫސްތައް ރެގިއުލޭޓުކުރަން އެމްޖޭއޭ (މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން) އިން ނިންމައިފި އެވެ.

އެމްޖޭއޭ އިން މިގޮތަށް ނިންމެވީ، މީޑިއާ ކޮންޓްރޯލް ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމާއެކު އެ ޖަމިއްޔާގެ ހުރިހާ މެންބަރުން ވެގެން ރޭ ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ. މިގޮތަށް މިކަން ކުރަންޖެހުނު ސަބަބެއް ކަމަށް އެ ބައްދަލުވުމުގައި އެމްޖޭއޭ އިން ބުނީ، މީޑިއާ ކޮންޓްރޯލް ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމާއެކު މިހާރު އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމު ފުނޑިގެން ދިޔުމުގެ ސަބަބުންކަމަށެވެ.

ސެލްފް ރެގިއުލޭޓަރީ ނިޒާމު ނޫސްވެރިން އަމިއްލައަށް ގާއިމުކުރަން ފާސްކުރުމުގެ އިތުރުން ވެސް، އަލަށް އުފައްދާ މީޑިއާ ކޮމިޝަންގެ އިންތިހާބު ބޮއިކަޓުކުރަން ބާރު އެޅުމަށާއި، މީޑިއާ ކޮންޓްރޯލް ގާނޫނު ބާތިލްކުރަން ހައިކޯޓަށް ހުށަހެޅުމަށާއި، ޕޮލިސް ކޮމިޝަނަރާ ބައްދަލުކުރަން ފާސްކޮށް، ސެޕްޓެމްބަރު 16 ވަނަ ދުވަހު ފުލުހުން ނޫސްވެރިންނަށް އަނިޔާކުރި މައްސަލަ އާއި ނޫސްވެރިންގެ މުދަލަށް ގެއްލުން ދިން މައްސަލަ ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހެޅުމަށް ވެސް ރޭގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ސަރުކާރު އަޑީގައި އޮވެގެން ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްހަންނާނު އަބޫބަކުރު ލައްވާ ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލް ބިލު، ދައުރުން ބޭރުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި 60 މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކުރި އިރު، އެ ބިލު ހުށަހެޅި ހިސާބުން ވެސް ސަރުކާރުން ވަނީ އެ ބިލަށް ތާއިދުކުރާކަން ހާމަކޮށްފައެވެ.

ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު އިއްޔެ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށާފައި ވާއިރު، އެ ގާނޫނުގެ ހަތަރުވަނަ މާއްދާގައިވާ ގޮތުގެ މަތިން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި ދައުލަތުގެ އޮފީހެއް ވެސް އިއްޔެ ރައީސް މުއިއްޒު ވަނީ އުފައްދަވާފައެވެ.

އެހެންކަމުން އެ ބިލް ތަސްދީގު ކުރެއްވުމާއެކު، މީޑިއާ ރެގިއުލޭޓް ކުރެވޭގޮތަށް ކުރިން އޮތް ސެލްފް ރެގިއުލޭޓަރީ ނިޒާމު ފުނޑިގެން ދިޔުމުން އެކަމުގެ ކަންބޮޑުވުމާއެކު އެމްޖޭއޭއިން ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ މީޑިއާ ސެލްފް ރެގިއުލޭޓް ކުރުމުގެ ގޮތުން "ފްރީ ޕްރެސް ކައުންސިލެއް" އުފެއްދުމަށް ފާސްކޮށް، އެކަމުގެ އިދާރީ މަސައްކަތްތައް ކުރުމަށް ފަސް މެންބަރުންގެ ކޮމިޓީއެއް ވެސް ނަގާފައެވެ.

އެގޮތުން ރޭ އުފެއްދި ކޮމިޓީގައި ހިމެނޭ ފަސް މެންބަރުންނަކީ:

  • ދައުރު ނޫހުގެ އަޙުމަދު ޒާހިރު (ހިރިގާ)
  • މިހާރު ނޫހުގެ ⁠⁠މުޙައްމަދު ހަމްދޫން
  • އެމްޖޭއޭގެ ކޮންސަލްޓަންޓު ⁠މުޙައްމަދު ޖުނައިދު
  • މިހާރު ނޫހުގެ ނާޒިމް ޙަސަން
  • ވީޓީވީގެ ޢައިޝަތު ޝިއުރާ

⁠މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި މުއައްސަސާއެއް އުފެއްދެވުމުން، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެން ގޮސްފައި ވާއިރު، ނޫސްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް އުފެއްދުމަށްޓަކައި މީޑިއާ ކައުންސިލެއް ފުރަތަމަ އުފައްދައި މެންބަރުން އިންތިހާބުކުރީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި، އޭރު އިންފޮމޭޝަން މިނިސްޓަރަކަށް ހުންނެވި މުޙައްމަދު ނަޝީދު އެވެ.

އެއީ މިހާރު މިއޮތް ގާނޫނުއަސާސީ ތަސްދީގުކުރެއްވުމުގެ ކުރިން އުފެއްދެވި ކޮމިޝަނެއް ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް