ވާހަކަ - އުލްޔާ
ވާހަކަ: އުލްޔާ
މ ޝ 7 ސެޕްޓެމްބަރ 2025 (އާދީއްތަ)   08:28
މަގުގެ ހިޔާދޭ ފަޅިން ނިކަން މަޑުމަޑުން ހިނގާލާފައި އުލްޔާ އައީ ގެއަށް އައުމަށެވެ. މީގެ ދިހަ މިނިޓްކުރިން އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ނުހާގެ ގޭގައި ދެކުދިން ކުޅެން ތިބެފައި ނުހާ ދިން ހަބަރުން އޭނާ ކުޅޭ ހިތް ކެނޑިގެން ގެއަށް އައުމަށް ނުކުތީއެވެ.

އުމުރުން އެންމެ އެގާރަ އަހަރުގެ އުލްޔާއަށް އޭނާއާ އެއް އުމުރުގެ ނުހާ އެދިން ހަބަރަކީ ހިތި ހަބަރެކެވެ. އެހަބަރުގެ ސަބަބުން އޭނާގެ މަޑުމައިތިރި އެހެނަސް މީހުންނާ ގުޅޭ މިޒާޖަށް ބޮޑު ބަދަލެއް ގެންނާނެ ހަބަރެކެވެ. އޭނާ އެންމެ ލޯބިވާ މީހާއަށް އޭނާގެ ހިތުގައި އޮތް ލޯބި ދެން އޭނާ ފޮރުވާނީ ހިތުގެ އަޑީގައެވެ. ލޯބިން އިސްވެ އެއިންސާނާއާ ވާހަދައްކަން ދެން އޭނާއަށް ދަތިވާނެކަން ގައިމެވެ. އެއީ މުޅި ދުނިޔެއިން އެމީހަކާމެދު އޭނާ އެންމެ ފަހުރުވެރިވަމުން އައި އޭނާގެ ބައްޕައެވެ. ރައްޓެހި ކުދިން ކައިރީގައި އޭނާގެ ބައްޕަގެ ނަން ބުނާއިރުވެސް ހިނިތުންވެފައި އޭނާއަށް ހުރެވެނީ ބައްޕައާމެދު ހިތުގައި އޮންނަ ލޯބީގެ ބޮޑުކަމުންނެވެ.

ނުހާ ބުނީ ނުހާގެ މަންމަގެ ކައިރީގައި އުލްޔާގެ މަންމަ ދެއްކި ވާހަކައެއްގެ ކުޑަމިންވަރެއް ނުހާއަށް އިވުނު ގޮތަށެވެ. އެއީ އުލްޔާގެ ބައްޕަ އެހެން މީހަކާ ކައިވެނިކުރި ވާހަކައެވެ. އެއަޑު އަހާފައި އިތުރަށް އެތާ ހުންނަން ނުކެރިގެން ނުހާ ދުވެފައިގޮސް ގޭވަލުތެރެއަށް ވަދެ އޭނާ އެކަނިވެރިވާން ބޭނުންވާ ވަގުތު އިންނަ ރުއްބުރިމަތީ އިނީޔޯލައެވެ. އޭރު ނުހާގެ ހިތް ތެޅޭލެއް ބާރުކަމުން ނުހާވެސް ބިރުގަތްކަމަށް ބުންޏެވެ. އެންމެ ގާތް ލޯބިވާ އެކުވެރިޔާގެ ބައްޕަ އެކުރި ކަމަކުން ނުހާ އިންތިހާއަށް ކަންބޮޑުވީމަ އެހެންވީތާއެވެ. ދެން ވަރަށް ބޮޑަށް ވިސްނާފައި ގޮތް ނިންމީ ބުރާސްފަތި ދުވަހު އުލްޔާ ކުޅެން އައުމުން ނޫނީ އެވާހަކަ ނުބުނާށޯލައެވެ. އެކަމަކު އެވާހަކަ ބުނެ ނިމުނުއިރަށް އުލްޔާ މަޑުމަޑުން ބަހެއްވެސް ނުބުނެ އިސްޖަހާލައިގެން ހުރެ ހިނގައިގަތީމާ ނުހާއަށްވެސް އެކުވެރިޔާ ހުއްޓުވާކަށް ނުކެރުނެވެ.

އުލްޔާ ގެއާ ހަމައަށް ފޯރިއިރުވެސް އޭނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ ނުހާގެ އެކުރު ޖުމްލައެވެ. އިތުރު ތަފުސީލެއް ނުލިބުނަސް، ދެން އޭނާގެ މުޅި ޅައުމުރުގެ އުފާވެރިކަން އެ ނެތިދިޔައީކަމަށް އަމިއްލައަށް އޭނާ ގަބޫލުކޮށްފިއެވެ. މަންމަގެ ދުލުން ބުނި ޖުމްލައެއް ނުހާއަށް އިވުނުގޮތަށް އޭނާއަށް އިއްވުމުން ދެން އޭގައި އޮތީ ކޮން ސުވާލެއް ހެއްޔެވެ؟

އޭނާ ގޭތެރެއަށް ވަދެގެންގޮސް އޭނާގެ ނިދާ އެނދުގައި އިށީނދެލިއެވެ. އެހެންޏާ ކުޅެން އުޅެފައި އޭނާ ގެއަށް އަންނަނީ މެންދުރު ނަމާދަށް ގޮވަން ވާ އިރަށެވެ. ދާހިއްލާ ފޯވެ، ފެންވަރަށް ބޭނުންވާ ވަރަށް ކުޅެ ނިންމާފައެވެ. އެކަމަކު ހުރިހާ ކަމެއް މިއަދު ތަފާތެވެ. ނުހާމެންގެއަށް އޭނާ ދިޔަތާ ބައިގަޑިވެސް ނުވަނީސް އޭނާ އެހެރީ އައިސް އަމިއްލަ ގޭގެ އޭނާގެ ކޮޓަރީގައެވެ. ދާހިއްލާ ފޯވެފައި ހުރީ ކުޅެން ހޭދަކުރި ވަގުތު ގިނަވެގެނެއްނޫނެވެ. ލިބުނު ހިތްދަތިވެ ހާސްވާވަރުގެ ހަބަރާހެދިއެވެ. އިތުރު މީހަކާ އެވާހަކަ ހިއްސާކުރަންވެސް، އެކަމާ ހިޔާލު ބަދަލުކޮށްލަންވެސް ނުކެރޭ ވަރުގެ ކަމެއް ކުރިމަތިވީވިއްޔާއެވެ.

މަޑުމަޑުން ލިޔާ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނދެ އޭނާގެ ސްކޫލް ދަބަހުން ތުނި ނޯޓްފޮތެއް ނެގިއެވެ. ދުވަހުގެ ތާރީހު ޖަހާފައި ފިލިނުޖަހާ ލިޔަން ފެއްޓިއެވެ. ނުހާ ދެއްކި ވާހަކައިން ފެށިގެންގޮސް، އޭނާގެ އޮޅުންބޮޅުންވެފައިވާ ސިކުނޑީގެ ހިޔާލުތައް ފޮތަށް އޮއްސާލިއެވެ. އެ ކިޔަސް އެހެން މީހަކަށް ރޭކާނުލާނެހެން ފިލިނުޖަހާ ލިޔަމުންދިޔައީ ހުސްތަންވެސް ނުދީއެވެ.

އެއީ ބަސްމަދު، މަޑުމައިތިރި އުލްޔާގެ ކޮންމެ ދުވަހެއްގެ އާދައެވެ. އޭނައަށް ފެންނަ މަންޒަރުތަކާއި ދިމާވާ ކަންތައް ތާރީހާއެކު ނޯޓްކުރާތާ ދެއަހަރުވީއިރު އެކަހަލަ ދިހަ ބާރަ ނޯޓްފޮތް ފުރިފައި ރައްކާކޮށްފައި އެބައޮތެވެ. އެކަމަކު އޭރު ލިޔުނު ހުރިހާ ވާހަކައަކީވެސް ޅަކުއްޖަކު އޭނާގެ މަޖާ ދުވަސްތަކާ ބެހޭގޮތުން އުފަލުން ފުރިފައި ހުރެ ލިޔުނު ވާހަކަތަކެކެވެ. ގޭ ވަލުތެރެއިން އާ ބުޅަލެއް ފެނިގެން އެވާހަކައެވެ. 'އެބައުޅޭ އެބައުޅޭ' ޕްރޮގްރާމުން އައި ބިރުވެރި ވާހަކައެއް އަޑުއަހަން ހުރިއިރު އޭނާ ބިރުގަތް ވާހަކައެވެ. ދެބެއިންގެ ދެދަރި ޖަންނައާއެކު ފަޅު ގެއަކަށް ވަދެ އުޅެނިކޮށް ނަންނުގައްޗެއް ފެނުނު ވާހަކައެވެ. އަދި ބައެއް ސަފުހާތައް ފުރިފައި ހުންނަނީ އެފަހަރު ރަށު ބޯޓު މާލެއިން އައި އިރު ބައްޕަ އޭނާއަށް ފޮނުވި ސިޓީގައިވާ އިބާރާތްތަކުގެ ވާހަކައިންނެވެ. މަންމައަށް ފޮނުވާ ސިޓީ އޮންނަ އުރައިގެ އެތެރޭގައި އޮންނަ އޭނާގެ ސިޓީއަށް އޭނާ ކޮންމެ ފަހަރަކު ކުރާ ފޮނި އިންތިޒާރުގެ ވާހަކައެވެ. އޭގައި ބައްޕަ ދޭ ނަސޭހަތްވެސް ލިޔެފައި އޮވެއެވެ. މަންމައަށް ކަންތައްތަކުގައި އެހީތެރިވުމަށާއި، ދެ ކޮއްކޮއާ ނުތޮޅި ތިން ކުދިން ބަސްއަހައިގެން އުޅުމަށް ލިޔެފައި އޮންނަ ވާހަކަތަކެވެ.

(ނުނިމޭ)

ކޮމެންޓް