ފެނަކަ ކޯޕަރޭޝަންގެ ކުރީ އެމްޑީ ސައީދު
ސައީދުގެ މައްޗަށް ކުށް ސާބިތުވެ، ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ޖުނާން އަޙުމަދު 28 ސެޕްޓެމްބަރ 2025 (އާދީއްތަ)   16:35
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިއަދު ކުރިއަށް ދިޔަ މައްސަލައަކީ 2024 ޑިސެމްބަރު 26 ގައި ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. އެ މައްސަލައަކީ، އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައެވެ. މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. 

މި މައްސަލައިގައި ހިމެނޭ އެއްބަސްވުމަކީ ސައީދު ފެނަކައާ ހަވާލުނުވަނީސް، އެ ކުންފުނީގެ އޭރުގެ މެނޭޖުމަންޓުން 2018 ޖެނުއަރީ 30، ގައި ހެދި އެއްބަސްވުމެކެވެ. މިއީ ފެނަކައިގެ ޕަބްލިކް ރިލޭޝަންސް މަސައްކަތް ކުރަން ބްލޭޒަންއަށް 1.3 މިލިއަން ރުފިޔާ ދޭ ގޮތަށް ސޮއިކުރި އެއްބަސްވުމެކެވެ.

މިއަދު ފުރަތަމަ އޮތް ޝަރީއަތުގެ މަޖިލީހުގައި ސައީދުގެ މައްޗަށް ކުށް ސާބިތުވާކަމަށް ހުކުމްކުރިއިރު، މި މުއާމަލާތުގެ ތެރެއިން ސައީދު ގޯސް ހެދި ކަމަށް މި މައްސަލަ ތަހުގީގު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމާ އޭނާ ހަވާލުވުމަށް ފަހު ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށް، ބަދަލުގެ ގޮތުގައި 805،600ރ. އެ ކުންފުންޏަށް ދިނުމުންނެވެ. މި އެއްބަސްވުމުގައި ސޮއިކުރީ 2019 އޭޕްރީލް 25 ގަ އެވެ.

ކޯޓުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ބުނީ، މި އެއްބަސްވުން އެކުލަވާލަން ނިންމީ، އެއްބަސްވުމާ އެއް ގޮތަށް ބްލޭޒަންއިން ކުރި އެއްވެސް މަސައްކަތެއް ފެންނަ ލިޔުމެއް ނޫނީ ބާރުދޭ އެހެން އެއްވެސް ހެއްކެއް ނެތި ކަމަށެވެ.

ދައުވާއަށް ޖަވާބުދާރީ ވަމުން ސައީދު ކޯޓުގައި ބުނީ، ސެޓްލްމަންޓް އެއްބަސްވުމަކާއި ރިޓެއިނާ އެއްބަސްވުމެއްގައި ސޮއިކުރީ، ބްލޭޒަންއަށް އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރެވުނީ ފެނަކައިން ލިބެން ޖެހޭ އެއްބާރުލުން ނުލިބިގެން ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ފެނަކައިގެ ވަކީލުން ގާނޫނީ ލަފާ ހޯދި ކަމަށް ވެސް އޭނާ ބުންޏެވެ.

ސައީދު ބުނި ގޮތުގައި ބްލޭޒަންއާ އެކީ ސެޓްލްމަންޓް އެއްބަސްވުމަކަށް ދާން ޖެހުނީ، އެއްބަސްވުން އުވާލައިގެން ކޯޓަށް ގޮސްފި ހާލަތެއްގައި ބްލޭޒަންއަށް ބޮޑު ބަދަލެއް ދޭން ޖެހިދާނެތީ، ފެނަކައަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތް ކުރުމަށް ކަމަށެވެ.

ދެވަނަ އަށް އޮތް ޝަރީއަތުގެ މަޖިލީހުގައި، އަދަބާ މެދު ވާހަކަ ދައްކަން ދިން ފުރުސަތުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ފާހަގަކުރީ ދައުވާ ލިބޭ ފަރާތުގެ މައްޗަށް އަދަބު މަތިވާނެ އަދި ދަށްވާނެ ހާލަތެއް ފާހަގަ ނުވާކަމަށެވެ. ދައުވާކޮށްފައިވާ މާއްދާއަށް ބަލާއިރު، ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ ދަށުން ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްކަމަށާ، މި ކުށަށް އަންނާނެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުންކަން ފާހަގަކުރިއެވެ. 

ސައީދުގެ ފަރާތުން ވަކީލުން އެދުނީ އޭނާއަކީ އިތުރު ކުށެއް މީގެ ކުރިން ސާބިތުވެފައިވާ މީހަކަށް ނުވާތީއާ އަދި އިތުރު ގާނޫނީ ސަބަބުތައް ހުރުމާއެކު ކަނޑައެޅޭ ޖަލުގެ އަދަބު ތިންބައިކުޅަ އެއްބައި ޖޫރިމަނާއަށް ބަދަލުކޮށްދިނުމަށެވެ. 

އެހެންނަމަވެސް ޝަރީއަތް ކުރިއަށްގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު ޙުކުމް އިއްވެވީ ސައީދު ހަތަރު އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ. 

ހުކުމް ކުރައްވަމުން ގާޒީ ވިދާޅުވީ މި މައްސަލައިގައި ހިމެނޭ މަރްޔަމް ދީނާ ސޯލިހުގެ ބައި އެ ކޯޓުގެ އެހެން ގަޒިއްޔާއަކުން ބެލުމަށް ނިންމެވިކަމަށެވެ. އެއީ އޭނާގެ ބަލި ހާލަތު ހުރިގޮތުން ޝަރީއަތަށް ހާޒިރުވާން އުޒުވެރިވާކަމަށްބުނެ ލިޔެކިޔުން ހުށަހަޅާފައިވާތީއެވެ. ދީނާގެ މައްޗަށްވެސް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. 

މި މައްސަލައިގައި ސައީދަށް ކަނޑައެޅި އަދަބަކީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށްތަކަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބެވެ. މިހާ ހަރުކަށި އަދަބެއް ކަނޑައެޅި ކަމަށް ގާޒީ ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްދޭން ހަދާފައި ހުންނަ ކުންފުނިތަކުން ހިންގާ މިފަދަ ކަންކަމުގެ ސަބަބުން ކުންފުނީގެ ހިންގުމުގެ ހަރަދު ބޮޑުވާ ކަމަށާ، އެ ހަރަދު ފޫބެއްދުމަށްޓަކައި ރައްޔިތުންނަށް ދޭ ހިދުމަތުގެ އަގު ބޮޑުކުރާ ކަމަށާ، އެކަމުގެ ސަބަބުން އާހިރުގައި ތަކުލީފު އުފުލަންޖެހެނީ އާންމު ރައްޔިތު މީހާއަށް ކަމަށެވެ. އެހެންކަމުން ކޮރަޕްޝަންގެ މައްސަލަ ސާބިތުވާ ކުންފުނިތަކުގެ ވެރިންގެ މައްޗަށް ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދޭންޖެހޭކަމަށް ގަބޫލުކުރާ ކަމަށްވެސް ގާޒީ ބަޔާންކުރެއްވިއެވެ. 

މި މައްސަލައިގައި ސައީދަށް ހުކުމްކުރި އިރު ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ހާމަވެފަ އެވެ. އެހެންނަމަވެސް ސައީދު ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި ހުރިހާ މުއާމަލާތެއްވެސް ކުރައްވާފައިވާނީ ކުންފުނީގައި ހެދިފައިވާ އެންމެހައި އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވައިފަ އެވެ.

ސައީދުގެ މައްޗަށް ތުހުމަތުވާ ބައެއް މައްސަލަތައް އޭސީސީގައި މިހާރު ވެސް ކުރިއަށްދެ އެވެ.

ކޮމެންޓް