
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެން އިއްވި ރިޔާސީ ބަޔާނުގައި ދިވެހި ރައްޔިތުންނާއި މުހާތަބުކުރައްވާ އަޑުފުޅަށް ބާރުލައްވާފައި ވިދާޅުވީ "ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން މިވަގުތުން ފެށިގެން ނިމުނީ" ކަމަށް ނަމަވެސް މި ވިދާޅުވުމާމެދު ރައްޔިތުންގެ ހިތުގައްޔާއި ގާނޫނީ މާހިރުންގެ ހިތުގައި މިވަނީ ސުވާލުމާކެއް ޖެހިފައެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 151 ވަނަ މާއްދާގެ (ކ) ގައި، ހުލާސާ ބަޔާނަށްފަހު ފަނޑިޔާރަކު ކަމެއް ސާފުކޮށްލުމުގެ ގޮތުން އަޑުއެހުމެއް ބޭއްވި ނަމަވެސް މައްސަލައިގައި ހިމެނޭ 2 ހަސްމުންކުރެ ހަސްމަކަށް އިތުރު ކަންކަން ނުވަތަ ހެކި ހުށަހެޅުމުގެ އެއްވެސް ފުރުސަތެއް ލިބިގެން ނުވާކަން ވަރަށް ސާފުބަހުން ބަޔާންކޮށްފައި ވެއެވެ.
އިސްވެ ދެންނެވި މައްސަލައިގައި ސައީދު އާއި އެ މައްސަލައިގައި ހިމެނޭ މަރިޔަމް ދީނާ ސާލިހު ވެސް ކްރިމިނަލް ކޯޓުގައި ހުލާސާ ބަޔާން އިއްވީ އެއް ދުވަހެއްގައެވެ. ނަމަވެސް މައްސަލައިގައި ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމަށް މަރިޔަމް ދީނާ ސާލިހު މެޑިކަލް ސަބަބަކާ ހުރެ ހާޒިރުވެފައި ނުވުމުން އެ ދުވަހުގެ ޝަރިއަތުގެ މަޖިލީހުގައި ފަނޑިޔާރު ވަނީ، 5 ދުވަސް ފަހުން ދީނާގެ ބައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެފަހުން 2 މަސް ދުވަސް ފާއިތުވީއެވެ. ޖިނާއީ އިޖްރާތުގެ ގާނޫނަށް 151 ވަނަ މާއްދާގެ (ބ)ގައި ވަނީ ހުލާސާ ބަޔާން އިއްވާތާ މަދުވެގެން 30 ދުވަހުގެ ތެރޭގައި ހުކުމްކުރުމުގެ މަޖިލިސް ބާއްވަންވާނެ ކަމަށެވެ. މިކަން މިހެން އޮއްވާ ނޫސްތަކުގެ ފަލަސުރުހީތަކުން ފެނިގެން މި ދިޔައީ މަރިޔަމް ދީނާ ސާލިހުއަށް ދިފާއުގައި އާ ހެކި ހުށަހަޅަން ކޯޓުން ފުރުސަތުދިން ޚަބަރެވެ.
ސުބުޙާﷲ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 151 ވަނަ މާއްދާގެ (ކ) އާއި މުޅިން ހިލާފު ކަމަކަށް ވާއިރު މިކަން ކޯޓުން ކޮށްފިނަމަ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމް ފުނޑިގެން ގޮސް ޢަދުލު އިންސާފު ގާދޫކޮލުން ބޭރުވެގެން ދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އަދި ޝަރުއީ ނިޒާމުގައި ގާނޫނުތަކަށް ތަބާވުމުގެ ފަލްސަފާ ނެތިގެން ގޮސް އާރާއި ބާރާއި ނުފޫޒު ހުރި މީހުންނަށް ނޫނީ އިންސާފު ނުލިބޭނޭ ބޭއިންސާފު އިޖުރާއަތެއް އަށަގަތުމަކީ ޔަގީންވާ ކަމެކެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނާއި ގާނޫނީ މާހިރުންނާއި ބޭއިންސާފު އަރާ ހަމަކުރުމުގެ ކުރިން ދިވެހި ގައުމުގެ ހައްގުގައި ދިވެހި އެންމެހާ ރައްޔިތުން ތެދުވެ "އިންސާފުކީ އާވާޒް" އާދެ! އިންސާފުގެ އަޑު އިއްވުމުގެ ވަގުތު ޖެހިއްޖެ ކަމުގައި ގާނޫނީ މާހިރުން ދެކެއެވެ.




