
މީގެތެރެއިން އެންމެ ޝައުގުވެރި ވާހަކައަކީ ޓްރަމްޕް އެކުލަވައިލާ ކެބިނެޓްގެ ވާހަކައެވެ. ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު، އީލޮން މަސްކް އާއެކު އެކުލަވައިލާ ކެބިނެޓާއި ދައުލަތުގެ އެންމެ އިސް މަގާމުތަކަށް އައްޔަނުކުރާ މީހުންގެ މުއްސަނދިކަމުގެ އަގު 460 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އަރާނެ ކަމަށް ބެލެވެއެވެ. އެލަން މަސްކުގެ މުއްސަނދިކަމުގެ އަގު އެކަނިވެސް 439 ބިލިއަނަށް އަރައެވެ. މިއީ މެދު ފަންތީގެ ގައުމުތަކުގެ ޖީ.ޑީ.ޕީއަށްވުރެ ބޮޑު އަދަދެކެވެ.
ޓްރަމްޕް މިހާރު މަގާމުތަކަށް ހޮވާފައިވާ މީހުންގެ ތެރެއިން މަދުވެގެން 11 މީހަކީ ބިލިއަނަރުންގެ ދަރަޖައިގެ މީހުންނެވެ. އޭގެތެރެއިން ބައެއް މީހުންނަކީ ބިލިއަނަރުންނެވެ. އަނެއް ބަޔަކީ ބިލިއަނަރުންނާ ކައިވެނިކޮށްގެން އުޅޭ ނުވަތަ އެ ދަރަޖައާ ކައިރިވެފައިވާ މީހުންނެވެ.
ޓްރަމްޕް އަކީ ވެސް މަހުޖަނަކަށް ވެފައި އޭނާ ފުރަތަމަ ރައީސް ކަމަށް އިންތިހާބުވި 2016 ވަނަ އަހަރުވެސް އެކުލަވައިލީ މަހުޖަނުންގެ ކެބިނެޓެކެވެ. އެއީ އޭރު އެމެރިކާގެ ތާރީހުގައި އެންމެ މުއްސަނދި ކެބިނެޓެވެ.
ކެބިނެޓަށާއި ދައުލަތުގެ ބައެއް މަގާމުތަކަށް ޓްރަމްޕް އައްޔަނުކުރާ މީހުންނަކީ އޭނޭގެ ގާތް ރައްޓެހިންނާއި އޭނާގެ ކެމްޕޭނަށް ޚަރަދުކުރި ފަރާތްތަކެވެ.
އެކި ގައުމުތަކަށް ކަނޑައަޅާނެ ސަފީރުންގެ ގޮތުގައި ހޮވާފައިވާ ފަރާތްތަކުގެ ތެރޭގައިވެސް އެތައް ބިލިއަނަރުންނެއް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުގެ ސަފީރުކަމަށް ހަމަޖައްސާފައިވާ ފައިނޭންސަރ ވޯރެން ސްޓީފަންސް، އެމެރިކާގެ ޤައުމުތަކުގެ ޖަމްޢިއްޔާގެ ސަފީރުކަމަށް ހަމަޖައްސާފައިވާ ކޯނެއަރ ކުންފުނީގެ އެގްޒެކެޓިވް ލިއެންޑްރޯ ރިޒޫޓޯ ޖޫނިއަރ، ފަރަންސޭސިވިލާތުގެ ސަފީރުކަމަށް ހަމަޖައްސާފައިވާ ޗާލްސް ކުޝްނަރ، އަދި ތުރުކީވިލާތުގެ ސަފީރުކަމަށް ހަމަޖައްސާފައިވާ ޓޮމް ބެރަކް އެވެ.
"އޭނާ (ޓްރަމްޕް) ދިރިއުޅޭ ދުނިޔޭގެ މީހުންނާ އެކުގައި މަސައްކަތްކުރަން ބޭނުންވުމަކީ އަޖައިބުވާންޖެހޭ ކަމެއް ނޫނެވެ،" މިހެން ބުނެފައިވަނީ ރެސްޕޮންސިބިލިޓީ އެންޑް އެތިކްސް އިން ވޮޝިންގޓަން ނަމަކަށް ކިޔާ ވޮޗްޑޯގް ގްރޫޕްގެ ކޮމިއުނިކޭޝަންސްގެ ނައިބު ރައީސް ޖޯޑަން ލިބޮވިޓްޒް އެވެ. "ބިލިއަނަރު ވިޔަފާރިވެރިންގެ މާހައުލަކީ އޭނާ ނިސްބަތްވާ މާހައުލެވެ. އަދި އެއީ އޭނާ ދެކެން ބޭނުންވާ އަދި އޭނާ އެކުގައި ތިބެން ބޭނުންވާ މީހުންނެވެ."
ކުރިއަށް އޮތް ޓްރަމްޕް ވެރިކަމުގެ ކެބިނެޓުގައި އެންމެ މުއްސަނދި އަދި އެންމެ ފާހަގަކޮށްލެވޭ މީހަކީ ޓެސްލާ އަދި ސްޕޭސްއެކްސްގެ އުފެއްދުންތެރި އީލޮން މަސްކެވެ. އޭނާއަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާއެވެ. މަސްކް އަދި ވިވެކް ރާމަސްވާމީ އަކަށް ސެނެޓުގެ ރުހުމެއް ބޭނުމެއް ނުވާނެއެވެ. ސަބަބަކީ އެމީހުން މަސައްކަތްކުރާ "ޑިޕާޓްމަންޓް އޮފް ގަވަރންމަންޓް އެފިޝެންސީ" (ޑީއޯޖީއީ) އަކީ ސަރުކާރުގެ ރަސްމީ ޑިޕާޓްމަންޓަކަށް ނުވާތީއެވެ. އެހެންނަމަވެސް، ޓްރަމްޕް ވަނީ އާންމު ސެނެޓް އަޑުއެހުންތަކުގައި އެ މީހުންގެ މުއްސަނދިކަން މައްސަލައަކަށް ވެދާނެތޯ ސުވާލު އުފައްދާފައެވެ.
ތިރީގައި މިވަނީ ޓްރަމްޕްގެ ދެވަނަ ދައުރަށް އެކުލަވައިލާ ކެބިނެޓަށް އައްޔަނުކުރަން މިހާތަނަށް އިއުލާންކޮށްފައިވާ ބައެއް ފަރާތްތަކާއި އެފަރާތްތަކުގެ މައުލޫމާތެވެ.
އީލޮން މަސްކް
މުޅިން އަލަށް އުފެއްދި ސަރުކާރުގެ އިދާރާ "ޑިޕާޓްމަންޓް އޮފް ގަވަރންމަންޓް އެފިޝެންސީ" (ޑީއޯޖީއީ) ގެ އެޑްވައިޒަރީ ބޯޑުގެ އެންމެއިސް އެއް ވެރިޔާ (ކޯ-ފައުންޑަރ) އަކީ ދުނިޔޭގެ އެންމެ މުއްސަނދި މީހާ އީލޮން މަސްކް އެވެ. މި ބޯޑުގެ މަސައްކަތަކީ ސަރުކާރުގެ މުވައްޒަފުންނާއި، ޕްރޮގްރާމްތަކާއި ގަވާއިދުތައް އެންމެ މުހިންމު އަދި އެންމެ ބޭނުންތެރި ގޮތްގޮތަށް ބަދަލުކޮށްގެން، ސަރުކާރުގެ އިސްރާފު ކުޑަކުރެވޭނެ ގޮތްތައް ބެލުމެވެ.
އެންމެފަހުން އާންމުވެފައިވާ މައުލޫމާތަށް ބަލާއިރު މަސްކުގެ މުއްސަނދިކަމުގެ އަގު 439 ބިލިއަން ޑޮލަރަށްވުރެ މައްޗެވެ. އޭނާގެ ނެޓް ވޯތު އޭނާގެ ވިޔަފާރިތަކާއި މާކެޓަށް އަންނަ ބަދަލުތަކާ ގުޅިގެން އަބަދުވެސް ބަދަލުވަމުންދެއެވެ. މަސްކު އަކީ ދުނިޔޭގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ ޓެސްލާ، ސްޕޭސްއެކްސް އަދި އެކްސް (ޓްވިޓަރ)ގެ ސީއީއޯ އެވެ.
ވިވެކް ރާމަސްވާމީ
ވިވެކް ރާމަސްވާމީއަކީ ޑީއޯޖީއީގެ އަނެއް ވެރިޔާ (ކޯ-ފައުންޑަރ) އެވެ. 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި އޭނާ ވާދަކުރިއެވެ. ނަމަވެސް އޭނާ އެ ވާދައިން ފަހުން ތަނާޒުލުވެ، ޓްރަމްޕަށް ތާއީދުކުރިއެވެ.
އުމުރުން 39 އަހަރުގެ ވިވެކް އަކީ އެމެރިކާގެ އެންމެ ޒުވާން ބިލިއަނަރުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާގެ މުދަލުގެ އަގަކީ 1 ބިލިއަން ޑޮލަރެވެ. އޭނާގެ ވިޔަފާރި ފެށުނީ 2014 ގައި ރޯވަންޓް ސައިންސަސް ނަމަކަށް ކިޔާ ބޭސް އުފައްދާ ކުންފުންޏަކުންނެވެ. އަދި އެ ކުންފުނި 2021 ގައި ޕަބްލިކް ކުންފުންޏަކަށް ބަދަލު ކުރިއެވެ. އޭނާ ސިޔާސީ މައިދާނަށް ނުކުމެ 2021 ގައި ރޯވަންޓްގެ ސީއީއޯކަމުން އިސްތިއުފާ ދިނެވެ.
ސްކޮޓް ބެސެންޓް
ސްކޮޓް ބެސެންޓް އަކީ ޓްރަމްޕް ސަރުކާރުގެ ޓްރެޒަރީ ސެކްރެޓަރީ އަކަށް އައްޔަނުކުރުމަށް ނިންމާފައިވާ ފަރާތެވެ. ޓްރެޒަރީ ސެކްރެޓަރީގެ މަގާމަކީ ގިނަ ވިޔަފާރިވެރިން ހޯދަން މަސައްކަތްކުރި މަގާމެކެވެ. ސެނެޓުން ފާސްކޮށްފިނަމަ، ބެސެންޓް ވާނީ ޓްރަމްޕްގެ އިޤްތިޞާދީ ޓީމުގެ އިސްވެރިޔާއަށެވެ. އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޓެކްސް އަދި ޓެރިފްއާ ގުޅޭ ގޮތުން ޓްރަމްޕްގެ ހަރުކަށި ސިޔާސަތުތައް ތަންފީޒުކުރުން ހިމެނެއެވެ.
ޓްރަމްޕްގެ ކެމްޕޭނަށް އިގްތިސާދީ ލަފާ ދީފައިވާ ބެސެންޓަކީ ފައިނޭންސްގެ ދާއިރާއިން ދިހަވަރަކަށް އަހަރު ދުވަހުގެ ކެރިއަރެއް ހޭދަކުރެއްވި ބޭފުޅެކެވެ. ސޮރޮސް ފަންޑުގައި މަސައްކަތް ކުރައްވަމުން ގެންދެވިއިރު، ޗީފް އިންވެސްޓްމަންޓް އޮފިސަރުގެ އިތުރުން އެހެން ހެޖް ފަންޑުތަކުގައި ވެސް މެކްރޯ އިކޮނޮމިކް އަދި ޖިއޮޕޮލިޓިކަލް ރިސްކްތައް ތަހުލީލު ކުރެއްވި އެވެ. ބިލިއަނަރުންގެ ތެރޭގައި ހިމެނޭ ބެސެންޓްގެ ނެޓްވޯތު 1 ބިލިޔަން ޑޮލަރަށް އަރައެވެ.
ހަވާޑް ލަޓްނިކް
ހަވާޑް ލަޓްނިކް އަކީ ކޮމާސް ސެކްރެޓަރީގެ މަގާމަށް އައްޔަނުކޮށްފައިވާ ފަރާތެވެ. ޓްރެޒަރީ ސެކްރެޓަރީގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރި މީހުންގެ ތެރޭގައި އޭނާވެސް ހިމެނުނެވެ. ލަޓްނިކްގެ މުދަލުގެ އަގު 1.5 ބިލިއަން ޑޮލަރަށްވުރެ މަތިވެއެވެ. އޭނާއަކީ ކެންޓަރ ފިޓްޒްޖެރަލްޑްގެ ސީއީއޯއެވެ. އަދި 9/11 ގެ ހަމަލާގައި ނިއުޔޯކުގެ ވޯލްޑް ޓްރޭޑް ސެންޓަރުގައި މަސައްކަތްކުރި އެ ކުންފުނީގެ 600 އަށްވުރެ ގިނަ މުވައްޒަފުން މަރުވުމާ ގުޅިގެން އެ ކުންފުނިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ގައުމީ ފެންވަރުގައި އޭނާ މަޝްހޫރުވިއެވެ.
ލިންޑާ މެކްމަހޯން
ލިންޑާ މެކްމަހޯންއަކީ ޓްރަމްޕްގެ ޓްރާންޒިޝަން ޓީމުގެ އަނެއް ވެރިޔާއެވެ. އަދި އޭނާ ވަނީ އެޑިއުކޭޝަން ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމަށް ހޮވާފައެވެ. މެކްމަހޯން ވަނީ އޭނާގެ ފިރިމީހާ ވިންސް މެކްމަހޯންއާއެކު ވޯލްޑް ރެސްލިންގ އެންޓަރޓެއިންމަންޓް އުފައްދާފައެވެ. ވިންސް މެކްމަހޯންގެ މުދަލުގެ އަގަކީ 3 ބިލިއަން ޑޮލަރެވެ. އޮކްޓޯބަރު މަހު މި ދެމަފިރިންނާ ދެކޮޅަށް ދަޢުވާއެއް އުފުލާފައިވެއެވެ. އެއީ އެތައް އަހަރެއް ވަންދެން ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުން ދިޔަ ރިންގްސައިޑް އެނައުންސަރަކާ ބެހޭ ގޮތުން އެނގިހުރެ އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ތުހުމަތުގައެވެ.
ޖޭކަބް އައިޒެކްމަން
ޓްރަމްޕް ވަނީ ޖޭކަބް އައިޒެކްމަން އަންނަން އޮތް ސަރުކާރުގައި ނާސާގެ ވެރިޔާގެ މަގާމަށް ޢައްޔަނުކޮށްފައެވެ. އައިޒެކްމަންއަކީ ޓެކްނޮލޮޖީގެ ވިޔަފާރިވެރިއެކެވެ. އަދި ފަހަކަށް އައިސް މަސްކްއާއެކު މަސައްކަތްކޮށްފައިވެއެވެ. އޭނާ ސެޕްޓެންބަރު މަހު ސްޕޭސްއެކްސްގެ ދަތުރެއްގައި ބައިވެރިވެ، އެ ދަތުރަށް ފައިސާ ހޯދުމަށް އެހީތެރިވެދިނެވެ. އޭނާގެ މުދަލުގެ އަގަކީ 1.7 ބިލިއަން ޑޮލަރެވެ. އައިޒެކްމަންއަކީ ޝިފްޓް4 ޕޭމަންޓްސްގެ ސީއީއޯއެވެ. އޭނާ މި ކުންފުނި އުފެއްދީ އުމުރުން 16 އަހަރުގައި 1999 ވަނަ އަހަރުއެވެ. އޭގެ ފަހުން 2011ގައި ޑިފެންސް ފަރމް ޑްރޭކަން އިންޓަނޭޝަނަލް އުފައްދައި، ފަހުން އެ ކުންފުނި ބްލެކްސްޓޯންއަށް ވިއްކާލިއެވެ.
ވޮރެން ސްޓީފަންސް
ޓްރަމްޕް ވަނީ ސްޓީފަންސް ޔުނައިޓެޑް ކިންގްޑަމްގެ ގެ ޔޫއެސް އެމްބެސެޑަރުގެ މަޤާމަށް ޢައްޔަނުކޮށްފައެވެ. މިއީ އެންމެ މުހިންމު ޑިޕްލޮމެޓިކް މަޤާމުތަކުގެ ތެރެއިން މަޤާމެކެވެ.
ސްޓީފަންސްގެ މުދަލުގެ އަގަކީ 3.4 ބިލިއަން ޑޮލަރެވެ. އާކަންސާސްގައި އުފަން މި މިލިއަނަރަކީ ތިން ދަޅައެއްހާ ދުވަހު އޭނާގެ އިންވެސްޓްމަންޓް ބޭންކިންގ ކުންފުނި ސްޓީފަންސް އިންކްގެ ޗެއަރމަން އަދި ސީއީއޯގެ މަޤާމުގައި ހުރި މީހެކެވެ. މި ބޭންކު އުފެއްދީ އޭނާގެ ބައްޕައާއި ބޮޑުބޭބެއެވެ. ސްޓީފަންސް 1986 ގައި ސީއީއޯ އަކަށް ވުމަށްފަހު، އޭނާގެ ކަޒިން އަތުން ކުންފުނީގެ ހިއްސާ ގަތެވެ.
ސްޓީފަން ފެއިންބާގް
ސްޓީފަން ފެއިންބާގް ވަނީ ޑެޕިއުޓީ ޑިފެންސް ސެކްރެޓަރީގެ މަގާމަށް ހޮވާފައެވެ. ފެއިންބާގްގެ މުދަލުގެ އަގަކީ 5 ބިލިއަން ޑޮލަރެވެ. އޭނާއަކީ ޕްރައިވެޓް އިކުއިޓީ ފަރމް ސެރްބެރަސް ކެޕިޓަލް މެނޭޖްމަންޓްގެ އެއް ބާނީއެވެ. މި ކުންފުނިން އަލްބަރޓްސަންސް ގްރޯސަރީ ޗެއިންގައި އިންވެސްޓްކުރެއެވެ. އަދި 2012 ވަނަ އަހަރު ކޮނެކްޓިކަޓްގެ ސެންޑީ ހުކް ސްކޫލުގައި ހިނގި މާރާމާރީގައި ބޭނުންކުރި ބަޑި އުފެއްދި ކުންފުނީގައި އިންވެސްޓްކޮށްފައިވާތީ ފާޑުކިޔުންތަކާ ކުރިމަތިވިއެވެ.
ކެލީ ލޯފްލަރ
ކުރީގެ ޖޯޖިއާ ސެނެޓަރު ކެލީ ލޯފްލަރ ވަނީ ސްމޯލް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެސްބީއޭ) ގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ނަން ހުށަހެޅިފައެވެ. އޭނާގެ ފިރިމީހާ ޖެފްރީ ސްޕްރެޗަރގެ މުދަލުގެ އަގަކީ 1.1 ބިލިއަން ޑޮލަރެވެ. ސްޕްރެޗަރއަކީ ސްޓޮކް އެކްސްޗޭންޖް އޮޕަރޭޓަރު އިންޓަރކޮންޓިނެންޓަލް އެކްސްޗޭންޖްގެ ސީއީއޯއެވެ. ސެނެޓަށް ދިއުމުގެ ކުރިން ލޯފްލަރ އުޅުނީ އިންޓަރކޮންޓިނެންޓަލް އެކްސްޗޭންޖުން އުފެއްދި ޑިޖިޓަލް އެސެޓް ކުންފުނި ބަކްޓްގެ ސީއީއޯގެ މަގާމުގައެވެ. އަދި އޭނާއަކީ ޑަބްލިއުއެންބީއޭގެ އެޓްލާންޓާ ޑްރީމްގެ އެއް ވެރިފަރާތެވެ. ނަމަވެސް 2021 ގައި އެ ޓީމު ވިއްކާލިއެވެ.
ޗާލްސް ކުޝްނަރ
ޗާލްސް ކުޝްނަރ ވަނީ ފްރާންސްގައި ހުންނަ ޔޫއެސް އެމްބެސެޑަރުގެ މަގާމަށް ނަން ހުށަހަޅާފައެވެ. އޭނާ އުފެއްދި ރިއަލް އެސްޓޭޓް ފަރމް ކުޝްނަރ ކޮމްޕެނީޒްގެ މާކެޓް ވެލިއުއަކީ ގާތްގަނޑަކަށް 3 ބިލިއަން ޑޮލަރެވެ. ކުޝްނަރ ވަނީ ކުރިން ދެ އަހަރު ދުވަހު ޖަލުގައި ހޭދަކޮށްފައެވެ. އެއީ 2004 ވަނަ އަހަރު ޓެކްސް ނުދެއްކުމާއި، ފެޑެރަލް އިލެކްޝަން ކޮމިޝަނަށް ދޮގު މަޢުލޫމާތު ދިނުމާއި، ފެޑެރަލް ހެކިވެރިޔަކާ ދެކޮޅަށް ބަދަލުހިފުމުގެ ކުށަށް އިޢުތިރާފުވުމާ ގުޅިގެންނެވެ. ޓްރަމްޕް ވަނީ އޭނާގެ ފުރަތަމަ ދައުރުގެ ފަހު މަހު 2021 ގައި ކުޝްނަރ އަށް މައާފު ދީފައެވެ.
މި ލިޔުމުގައި ބަޔާންކޮށްފައިވާ ބިލިޔަނަރުންނަކީ ޓްރަމްޕްގެ ދެވަނަ ދައުރުގައި މުހިންމު މަގާމުތަކަށް ޢައްޔަނުކުރުމަށް ހުށަހަޅާފައިވާ ބައެއް މީހުންނެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ އެކި ދާއިރާތަކުގެ ކާމިޔާބު ވިޔަފާރިވެރިންނެވެ. ކުރިން ސިޔާސީ މަގާމުތަކުގައި ތިބި މީހުންނެވެ. މި މީހުންގެ މުއްސަނދިކަމުގެ ބޮޑުކަމާއެކު މީގެތެރެއިން ބައެއް މީހުންނަކީ ކުރިން އެކި ކަހަލަ ތުހުމަތުތަކާ ކުރިމަތިވެފައިވާ މީހުންކަން ފާހަގަކުރެވެއެވެ.
މިހާރުގެ ރައީސް ޖޯ ބައިޑެންގެ ކެބިނެޓާ އަޅާބަލާއިރު މިއީ ވަރަށް ބޮޑު ތަފާތެކެވެ. ބައިޑެންގެ ކެބިނެޓުގައި ހިމެނޭ ފަރާތްތަކުގެ ޖުމްލަ މުއްސަނދިކަން އަރަނީ އެންމެ 118 މިލިއަން ޑޮލަރަށެވެ. އެހެންނަމަވެސް ޓްރަމްޕް ވަނީ ބައިޑެންގެ ކެބިނެޓަކީ އާންމު މަސައްކަތްތެރި އެމެރިކާ ރައްޔިތުންނަށް އޮޅުވާލާ، ކޮރަޕްޓް ވެރިކަމުގެ އެލީޓް ބައެއްގެ ގޮތުގައި ތަކުރާރުކޮށް ސިފަކޮށްފައެވެ.




