
10:15 - މުޒާހަރާގެ ތެރެއިން ބައެއް މީހުން ވަރަށް އަނިޔާވެރިކޮށް ހައްޔަރުކޮށްފި. މުޒާހަރާގެ ބައިވެރިން ދަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވަމުން.
10:05 - ފުލުހުން ތަކުރާރުކޮށް ބުނަމުންދަނީ އެ ސަރަހައްދު ދޫކޮށް ދިޔުމަށް. އެހެންނަމަވެސް މުޒާހަރާގެ ބައިވެރިން ގޮވަމުންދަނީ "ކުރިއަށް ކުރިއަށް".
9:50 - ފުލުހުން ގިނަ އަދަދަކަށް ޕެޕަސްޕްރޭ ޖަހަމުންދާތީ ގިނަބަޔަކަށް ޕެޕަސްޕްރޭގެ އަސަރުކޮށް ބައެއް މީހުންނަށް އަވަސް ފަރުވާ ދެމުން އެބަ ގެންދޭ.
9:30 - މުޒާހަރާގެ ބައިވެރިން ކުރިއަށް ދިޔަނުދީ ފުލުހުން ވަނީ މަޖީދީމަގު ބްލޮކް ކޮށްފައި. ފުލުހުން ބުނަނީ އެމަގުން ކުރިއަށް ނުދެވޭނެކަމަށް. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ކުރިއަށް ދިޔަ ނުދިނުމަށް ޕެޕަސްޕްރޭވެސް ބޭނުންކޮށްފައި.
---------------
"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި އިދިކޮޅު އެމްޑީޕީން ބާއްވާ ބޮޑު މުޒާހަރާ އެތައް ބަޔަކާ އެކު އާޓިފިޝަލް ބީޗުގައި ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
ސަރުކާރުން އަސާސީ ހައްގުތަކަށް އަރައިގަނެ ކޮރަޕްޝަންގެ އަމަލުތައް ހިންގާތީ އެމްޑީޕީން ބާއްވާ މުޒާހަރާއަށް ވަނީ އެކި ރަށްރަށުން މީހުން މާލެ އައިސްފައެވެ.
އެއްވުމުގައި ބައިވެރިވާ މީހުން ދަނީ ދިވެހި ގައުމީ ދިދަ ވިހުރުވަމުންނެވެ. އަދި ބައެއް މީހުން ދަނީ އެމްޑީޕީގެ ދިދަ ވެސް ބޭނުން ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން އެ ތަނުގައި ތިބެ ޝުއޫރުތައް ފާޅު ކުރަމުންނެވެ.
މި އެއްވުމުގައި ފުރަތަމަ ވާހަކަ ދެއްކެވީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެވެ.
ޝާހިދު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައި ޕާޓީ ކަމަށާ، ގެނައި އިސްލާހީ ބަދަލުތައް އޮޔާލާ ދޫކޮށްލާ ފުޑުފުޑުކޮށްލާއިރު ބަލަހައްޓައިގެން ތިބޭނެ ބައެއް ނޫންކަމަށެވެ.
މަޖިލިސް މެންބަރު މީކާއީލް ނަސީމް ވާހަކަ ދައްކަވަމުން ވިދާޅުވީ އެ އެއްވުމަކީ މިހާރު ވެރިކަމުގައި ހުރި އަނިޔާވެރި ވަލިއްޔުލްއަމްރު އަޒުލުކުރަން ބާއްވާ އެއްވުމުގެ ފެށުން ކަމަށެވެ.
މަޖިލިސް މެންބަރު މައުރޫފް ޒާކިރު ވަނީ ރައީސް މުއިއްޒުއަށް ޑިމާންޑްތަކެއް ހުށަހަޅުއްވާފައެވެ.
މައުރޫފް ހުށަހެޅުއްވި ހުށަހެޅުންތަކުގެ ތެރޭގައި، ގާނޫނުއަސާސީއަށް ގެނައި ބަދަލު އަނބުރާ އިއާދަ ކުރުމާއި، މާލީ ސިޔާސަތު ފުނޑާލައި އެސްއޯއީތައް މެދުވެރިކޮށް ޕްރޮޖެކްޓްތައް ހިންގުމުގެ ނަމުގައި ބަޖެޓު ލޫޓުވުން ހުއްޓުމަށާއި، ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމަށް ހުރަސް އެޅުން ހުއްޓާލައި ކުރިއަށް އޮތް ފަސް ހަފްތާތެރޭ ކުންފުނިތަކަށް ދިނުމަށާ، ފައްކާވަމުން އައި ލާމަރުކަޒީ ނިޒާމު އިހު އޮތްގޮތައް އިއާދަކޮށް ބާރުވެރިކަން ރަށްރަށުން ނިގުޅައިގަތުން ހުއްޓާލުމަށާ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާ ކޮންޓްރޯލް ކުރާ ގާނޫނު އުވާލުން ހިމެނެއެވެ.
ދެން އެއްވުމުގައި ވާހަކަދެއްކެވީ އެމްޑީޕީގެ ކުރީގެ ނައިބްރައީސް މުޙައްމަދު ޝިފާޒެވެ. ރައީސް މުއިއްޒަށާއި ސަރުކާރަށް ފާޑުވިދާޅުވެ ޝިފާޒް ވިދާޅުވީ އެ އެއްވުން މަޖީދީމަގުން ކުރިއަށް ދާނެ ކަމަށެވެ.
އެއަށްފަހު އެ އެއްވުމުގައި ތިބި މީހުން ދަނީ މަޖީދީމަގުން ކުރިއަށްދާން މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް އެ ސަރަހައްދުން ކުރިއަށްދިޔުން ފުލުހުން ވަނީ ހުއްޓުވާލާފައެވެ.




