އެމްޑީޕީގެ ހިންގާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެމްޑީޕީން އަނެއްކާވެސް ބޮޑު މުޒާހަރާއެއް މާރިޗު 21 ގައި ބާއްވަނީ
ސަރުކާރާ ދެކޮޅަށް މި ބޮޑު މުޒާހަރާ އެމްޑީޕީން ބާއްވާ އިރު، ރެފަރެންޑަމް ވޯޓާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފައި
ޖުނާން އަޙުމަދު 24 ފެބްރުއަރީ 2026 (އަންގާރަ)   17:12
ދެ އިންތިހާބު އެއްކޮށްލުމަށް މިއަންނަ ކައުންސިލް އިންތިހާބާއެކުގައި ނަގާ ރެފަރެންޑަމް ވޯޓާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކޮށްފައި ވަނިކޮށް، އަންނަ މާރިޗު މަހުގެ 21 ގައި މި ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން މިއަދު ނިންމައިފިއެވެ.

އެމްޑީޕީގެ ހިންގާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަ ކުރައްވާ، އެމްޑީޕީގެ ތަރުޖަމާނު ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، އަންނަ މާރިޗު މަހުގެ 21 ވާ ހޮނިހިރު ދުވަހު ރާއްޖޭގެ މިހާރުގެ ވެރިކަމާ ދެކޮޅަށް އަދި ދިވެހި ރައްޔިތުންގެ މިނިވަންކަން އަލުން ހޯދުމަށްޓަކައި ބޮޑު އެއްވުމެއް ނުވަތަ މުޒާހަރާއެއް ބޭއްވުމަށް ޕާޓީގެ ލީޑަޝިޕުންނާއި ހިންގާ ކޮމިޓީން މިހާރު ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން، މި ހަރަކާތަކީ މި ގައުމުގައި މިހާރު މިއޮތް ހުދުމުހުތާރު ވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް ވާއިރު، ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި އިސްލާހަށް މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ހުރިހާ މެންބަރުން މި ހަރަކާތުގައި ބައިވެރިވުމަށް އެމްޑީޕީން ވަރަށްބޮޑަށް އެދޭ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

"ހާއްސަގޮތެއްގައި މުޅިރާއްޖެއަށް ބަހާލެވިގެން ހިންގޭ ހާއްސަ ކެމްޕޭން ހަރަކާތްތަކާއި، މިއަންނަ މާރިޗު މަހުގެ 21 ވާ ހޮނިހިރުދުވަހު އަޅުގަނޑުމެން އަނެއްކާވެސް މި ހުދުމުހުތާރު ވެރިކަމުން މި ރާއްޖެ ސަލާމަތްކޮށް ދިވެހިންގެ މިނިވަންކަން އަލުން ދިވެހިންނަށް ހޯދުމަށްޓަކައި ބޮޑު އެއްވުމެއް ނުވަތަ މުޒާހަރާއެއް ކުރުމަށް މިވަނީ މި ކޮމެޓީއާ އަދި ޕާޓީގެ ލީޑަޝިޕުން ނިންމާފައި. އެހެންކަމުން މި ފުރުސަތުގައި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން އަދި އިސްލާހަށް މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުން ނުކުންނެވުމަށް ގޮވާލަން." – މައުރޫފް ޒާކިރް

އަދި މި މުޒާހަރާއަކީ ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ރައްޔިތުން އަޑު އުފުލުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ވިދާޅުވެ މައުރޫފް ވިދާޅުވީ، މި އެއްވުން ބާއްވާނެ ސަރަހައްދަކާއި، ވަގުތު، އަދިވެސް އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުން ގެންދާނެ ކަމަށެވެ.

ސަރުކާރާ ދެކޮޅަށް މިފަދަ ބޮޑު މުޒާހަރާއެއް އެމްޑީޕީން ބާއްވަން ނިންމާފައި ވާއިރު، އެމްޑީޕީން މިދިޔަ އަހަރު މަޑުޖައްސާލި ނޮވެމްބަރު 17 އެއްވުން ނުވަތަ އެފަދަ ބޮޑު އެއްވުމެއް މިއަހަރު ބޮޑުކޮށް ބާއްވާނެ ކަމަށް އެޕާޓީން ކުރިން ވަނީ އިއުލާންކޮށްފައި ކަން ފާހަގަކޮށްލެވެއެވެ.

މި ސަރުކާރު ވެރިކަމަށް އައިފަހުން ރާއްޖޭގެ އެންމެބޮޑު އިދިކޮޅުޕާޓީ އެމްޑީޕީން ވަނީ ސަރުކާރު ޖަވާބުދާރީކޮށް ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސް އަދި އެއްވުންތަކެއް ވެސް ބާއްވާފައެވެ.

އެގޮތުން މިދިޔަ 2025 ވަނަ އަހަރުގެ ޖެނަވަރީ މަހުގެ 31 ވަނަ ދުވަހު "ފުދިއްޖެ-ފުނޑިއްޖެ" މިނަމުގައި މާލޭގެ ބޮޑެތި މަގުތަކުގައި، ބޮޑު ހިނގާލުމެއް މި ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބޭއްވިއެވެ.

އަދި މީގެ އިތުރުން މިދިޔަ އަހަރުގެ އޮކްޓޫބަރު 3 ގައި "ލޫޓުވައިފި، ލޫޓުވައިފި" މިނަމުގައި އިދިކޮޅު އެމްޑީޕީން ބޮޑު މުޒާހަރާއެއް އެތައް ބަޔަކާ އެކު އާޓިފިޝަލް ބީޗުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އަދި ހަމަ އެއާއެކު، ފާއިތުވި އެމްޑީޕީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެގްރިމެންޓް ދޫކޮށް، އެލޮކޭޓުކޮށްފައިވާ ފްލެޓުތައް އޭގެ ހައްގުވެރިންގެ ކިބައިން ނިގުޅައިގަނެ، އެމްޑީޕީ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް ވެސް ލޫޓުވާލައިފި ކަމަށްބުނެ އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން އިސްނަގައިގެން "ކޮބާ ކޮބާ މަގޭ ގޯތި، ކޮބާ ކޮބާ މަގޭ ފްލެޓު" މި ނަމުގައި ހާއްސަ އެއްވުމެއް އަލިމަސް ކާނިވާ ސަރަހައްދުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު 31 ގައި ބާއްވާފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.

މިއީ ފާހަގަކޮށްލެވޭ ބޮޑެތި ބައެއް އެއްވުންތަކާއި މުޒާހަރާތައް ނަމަވެސް، އެމްޑީޕީގެ ޕީޖީ ގްރޫޕުންނާއި، އެ ޕާޓީގެ ލީޑަޝިޕްގެ އެކި ގުނަންތަކުން ވެސް މި ސަރުކާރު ވެރިކަމަށް އައިފަހުން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް