އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އެ ޕާޓީގެ އިހުތިޖާޖެއްގައި - ފޮޓޯ: އެމްޑީޕީ
ޕީޕީއެމް/ޕީއެންސީ ފިކުރަކީ ސިފައިނާއި ފުލުހުން ސިޔާސީކުރާ ފިކުރެއް
އަދި އެއީ ރައްޔިތުން އެ ދެ މުއައްސަސާއަށް ކުރާ އިތުބާރު ނަގާލައި އަނިޔާވެރިވާ ފިކުރެއް – ފައްޔާޒް
ޖުނާން އަޙުމަދު 6 އޮކްޓޯބަރ 2025 (ހޯމަ)   09:36
ޕީޕީއެމް/ޕީއެންސީ ފިކުރަކީ ވެރިކަމަށް އަންނަ ކޮންމެ ދައުރަކު ސިފައިންގެ އާއި ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމަށް މަޖުބޫރުކުރާ ފިކުރެއް ކަމަށާ، ރައްޔިތުން އެ ދެ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލުވާލަނީ އެޕާޓީ އިން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުން އެކްސްގައި ޕޯސްޓްކުރައްވާ ފައްޔާޒް ރޭ ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު އެ ދެ މުއައްސަސާ ސިޔާސީކޮށް ހަލާކުކޮށްފައިވާ ކަމަށާ، އަދި ޕީޕީއެމް/ޕީއެންސީ އަކީ ސަލާމަތީ ހިދުމަތްތަކުގެ މައްޗަށް ގައިރު ގާނޫނީ އަމުރު ކުރުމާއި، އެ އަމުރުތައް ތަންފީޒުކުރުމަށް ވަޒީފާގެ ބިރުދައްކާ ޕާޓީތަކެއްކަމަށެވެ.

"ޕީޕީއެމް/ޕީއެންސީއަކީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ޣައިރު ޤާނޫނީ އަމުރު ކުރުމާއި އެ އަމުރުތައް ތަންފީޒުކުރަން ވަޒީފާގެ ބިރު ދައްކާ ޕާޓީތަކެއް. ވެރިކަމަށް އަންނަ ކޮންމެ ދައުރަކު ސިފައިންގެ އާއި ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމަށް މަޖުބޫރުކުރާ ފިކުރެއް. ރައްޔިތުން، އެ ދެ މުައައްސަސާއަށް ކުރާ އިތުބާރު ގެއްލުވާލަނީ ތިޔަ ޕާޓިން." ފައްޔާޒް ވިދާޅުވިއެވެ.

ސިފައިންނާއި ފުލުހުންގެ މައްޗަށް ގައިރު ގާނޫނީ އަމުރުކޮށްގެން، މިހާރުގެ ސަރުކާރުން ހުދުމުހުތާރުކަން ދައްކައި، އެ ދެމުއައްސަސާއަށް މަލާމާތް ކުރަމުންދާ ކަމަށް ވިދާޅުވޗެ ފައްޔާޒް ވިދާޅުވީ، އެމްޑީޕީގެ ފަސް އަހަރުގެ ތެރޭގައި ޕީޕީއެމް ސަރުކާރުން ގެއްލުވާލި އިތުބާރު ފުލުހުންނާއި ސިފައިންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާ، އަދި ފުލުހުންނާއި ސިފައިންނަކީ ޕްރޮފެޝަނަލް، ޝަރަފުވެރި އަދި ގަދަރުވެރި ބަޔަކަށް ހެދުމަށް އެމްޑީޕީގެ ސަރުކާރުން ގެނައި ބަދަލުތަކަށް އެ ދެ މުއައްސަސާގެ ގިނަ ބަޔަކު ހެކިވާނެ ކަމަށެވެ.

މިހާރުގެ ރައީސް މުއިއްޒު އިސްނަގައިގެން މާލޭ މަޖީދީ މަގުގައި، ކޮވިޑްގެ އާލަމީ ވަބާގެ ދުވަސްވަރު ކުރި މުޒާހަރާތަކުގައި ގާނޫނީ ވާޖިބު އަދާކުރަން ތިބި ފުލުހުންގެ ގަޔަށް މުޒާހަރާގެ ބައިވެރިން ކުޅުޖެހިކަން ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ، މިފަދަ ނާތަހުޒީބު، ލާއިންސާނީ އަމަލެއް ހިންގާނީ ފުލުހުންނަށް އެއްވެސް ވަރެއްގެ ރަހުމެއް، ހަމްދަރުދީއެއް ނުވަތަ އިހްތިރާމެއް ވެސް ނެތް ބައެއްކަމަށް، އޭރުގެ ޕޮލިސް ކޮމިޝަނަރު ވެސް މި ހާދިސާއާ ގުޅިގެން ވިދާޅުވެފައިވާ ކަމަށެވެ.

"އެމްޑީޕީގެ ފަސް އަހަރު ޕީޕީއެމް ސަރުކާރުން ގެއްލުވާލި އިތުބާރު ފުލުހުންނާއި ސިފައިންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު. ފުލުހުންނާއި ސިފައިންނަކީ ޕްރޮފެޝަނަލް،ޝަރަފުވެރި އަދި ގަދަރުވެރި ބަޔަކަށް ހެދުމަށް ގިނަ ބަދަލުތަކެއް ގެނެވުނު. މި ކަންކަމަށް އެ ދެ މުއައްސަސާގެ ގިނަ ބަޔަކު ހެކިވާނެ. މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ދެ މުއައްސަސާ ސިޔާސީކޮށް ހަރާބުކޮށްފި. ހުދުމުހުތާރުކަން ދައްކައި ސިފައިންނާއި ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރުކޮށްގެން ތިޔަ ކުރައްވަނީ އެ މުއައްސަސާއަށް މަލާމާތް." ފައްޔާޒް ވިދާޅުވިއެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވުމަށް ބޭނުންކުރާ ހަތިޔާރެއް ކަމަށްވާ އަދި، ލީތަލް ވެޕަންއެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުގައި ކަނޑައަޅާފައިވާ "ސޮނިކް ވެޕަން" ނުވަތަ އެލްއާރުއޭޑީ (ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް) ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާގައި އާންމު ރައްޔިތުންނާ ދެކޮޅަށް، ރައީސް މުއިއްޒުގެ އަމުރުފުޅަށް ފުލުހުން ވަނީ ބޭނުންކޮށްފައެވެ.

އަދި އެރޭގެ މުޒާހަރާ ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ސަރުކާރުގެ ފަރާތުން ފުލުހުންނަށް ގައިރު ގާނޫނީ އަމުރުކޮށް އަނިޔާވެރިކޮށް ބަޔަކު ހައްޔަރުކޮށްފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް