
ޔުނިވާސަލްގެ މައި ކުންފުނި، ޔުނިވާސަލް އެންޓަޕްރައިޒަސް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މި ބަދަލާއެކު އެ ކުންފުނީގެ ވިޔަފާރި ރާއްޖޭން ބޭރަށް އިތުރަށް ފުޅާކޮށް ދުނިޔޭގައި ފާހަގަ ކުރެވޭ ހޮސްޕިޓަލިޓީ ބްރޭންޑަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓްވެސް ހިމެނޭހެން ގިނަ ރިސޯޓުތައް ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރު މަނިކު ވިދާޅުވީ، 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރާއްޖޭގައި ފާހަގަކުރެވޭ ނަން މަޝްހޫރު ރިސޯޓުތައް އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ކަމަށެވެ.
ޔުނިވާސަލްގެ ޓުއަ އޮޕަރޭޓާ ޕާޓްނަރުންނާއެކު ރާއްޖޭގެ ރިސޯޓު ލައިފްގެ އާ ކޮންސެޕްޓުތައް ތައާރަފުކޮށް، ރާއްޖޭގެ ފުރަތަމަ ރިސޯޓު ކުރުނބާ މޯލްޑިވްސް އިން ފެށި ދަތުރުގައި ބަރޮސް، ވެލައްސަރު، ކުރަމަތި، ހުވަފެންފުށި އަދި މިލައިދޫ ފަދަ މަގުބޫލު ރިސޯޓުތައް އެ ކުންފުނީގެ ދަށުން ހިންގަމުން އަންނަކަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.
"މިހާރު ދުނިޔޭގެ ދަތުރުފަތުރުގެ ޓްރެންޑަށް އަންނަމުންދާ ބަދަލާއެކު އަޅުގަނޑުމެންގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނާއި ޕާޓްނަރުންގެ މެދުގައި ބްރޭންޑަށް ހޭލުންތެރިކަން އިތުރު ކުރަންވީ ވަގުތު މިއީ. ވާސާ އަކީ ހަމައެކަނި ނަމެއް ނޫން. މިއީ އަޅުގަނޑުމެންގެ ރިސޯޓް ޕޯޓްފޯލިއޯގެ ޕޮޓެންޝަލް ފުރިހަމައަށް އިހުސާސް ކުރެވި، މުސްތަގުބަލުގައި ވިޔަފާރި ކުރިއެރުވުމަށް އަޅާ ފިޔަވަޅެއް."
ޔުނިވާސަލް އެންޓަޕްރައިސަސްގެ ބަޔާނުގައި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރު ވިޝާ މާހިރު އަކީ ވާސާ ހޮސްޕިޓަލިޓީގެ ސީއީއޯ ކަންވެސް ފާހަގަކޮށްފައި ވެއެވެ. ވިޝާ ވަނީ ވޭތުވެދިޔަ 20 އަހަރު ތެރޭގައި ޔުނިވާސަލްގެ އިސް މަގާމުތަކެއް އަދާކުރައްވާފައެވެ. ޔުނިވާސަލް ރިސޯޓްސްގެ ސީއީއޯއަކަށް އެންމެ ފަހުން ހުންނެވީވެސް ވިޝާ އެވެ.
ވާސާ ހޮސްޕިޓަލިޓީއާއެކު، އެ ކުންފުނީގެ އާ ހޮސްޕިޓަލިޓީ އަދި ލައިފްސްޓައިލް ބްރޭންޑު "ނީވާ" ވަނީ ލޯންޗްކޮށްފައެވެ. ދެން ވާސާ ހޮސްޕިޓަލިޓީގެ ރިސޯޓްތަކުގެ ތެރެއިން ރާއްޖެ އަދި ސީޝެލްސް ހިމެނޭހެން 6 ރިސޯޓެއް ނީވާ ގެ ދަށުން ހިންގާނެ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ނީވާ ގެ ނަމުގައި ހިންގާ ރިސޯޓްތައް:
ނީވާ ބްރޭންޑްގެ އިތުރުން ވާސާ ހޮސްޕިޓަލިޓީ އިން ހިންގާ ރިސޯޓްތަކުގެތެރޭގައި ރާއްޖޭގެ ބަރޮސް، މިލައިދޫ، ހުވަފެން އަދި ކަނދޮޅު ހިމެނެއެވެ. އަދި މީގެ އިތުރުން ސްރީލަންކާގައި ހިންގާ މަހަވެލި ރީޗް ހޮޓެލް އަކީވެސް ވާސާ ގެ ތަނެކެވެ.




