
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެކަމާ ގުޅޭގޮތުން ފުރަތަމަ ކުރި ސުވާލަކީ ހާމަނާއީ އަވަހާރަވުމުން ތައުޒިޔާގެ މެސެޖެއް ނުފޮނުއްވަނީ ކީއްވެތޯ އެވެ.
އެ ސުވާލަށް ޖަވާބު ނުދެއްވައި ރައީސް ވިދާޅުވީ ތައުޒިޔާގެ މެސެޖެއް ނުފޮނުވާނަމެކޭ ނުދަންނަވާ ކަމަށެވެ.
ދެން ނޫސްވެރިޔާ ކުރި ސުވާލަކީ ހާމަނާއީ އަވަހާރަވުމަކީ އިސްލާމީ އުންމަތަށް ލިބުނު ހިތާމައެއްތޯ ކަމަށް ރައީސް މުއިއްޒު ގަބޫލުކުރައްވަންތޯއެވެ.
ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ "ވަރަށް ބޮޑު ހިތާމައެއް މި ހަނގުރާމަކީ" ކަމަށެވެ. އީރާނަށް ހަމަލާދިނުން ކުށްވެރިކުރެއްވުމުގެ ބަދަލުގައި ރައީސް މުއިއްޒު ވިދާޅުވީ ހަމަލާދޭ ހުރިހާ ގައުމެއް ވެސް ގޯސް ކަމަށެވެ.
ސުވާލަށް ޖަވާބު ނުދެއްވުމުން އަނެއްކާވެސް ސުވާލު ތަކުރާރުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ "މި ހަނގުރާމައިގައި އަވަހާރަވާ ކޮންމެ މުސްލިމަކީ އަޅުގަނޑުމެންނަށް ލިބޭ ހިތާމައެއް" ކަމަށެވެ.
ހާމަނާއީ އަވަހާރަވުމުން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިނުކުރަނީ ކީއްވެގެންތޯ ސުވާލުކުރުމުން އެ ސުވާލަށް ވެސް ރައީސް މުއިއްޒު ޖަވާބެއް ނުދެއްވި އެވެ. ޖަވާބު ނުދެއްވުމުން ތަކުރާރުކޮށް އެ ސުވާލުކުރާތީ އެމަނިކުފާނު ވިދާޅުވީ ދިވެހި ސަރުކާރުން މަސައްކަތް ކުރަނީ އަރަބި އިސްލާމީ ހުރިހާ ގައުމަކާ ގުޅިގެން ކަމަށެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުން ދޭހަވީ އަރަބި އިސްލާމީ ބައެއް ގައުމުތަކުން ނުރުހިދާނެތީ އެކަން ނުކުރެއްވީ ކަމެވެ.
އިސްލާމީ ގައުމުތަކުގެ އިސްވެރިން އަވަހާރަވުމުން މީގެކުރިން ރައީސް މުއިއްޒު އެކްސްގައި ވެސް އެކަން ކުށްވެރިކޮށް ޕޯސްޓް ކުރައްވާފައިވެ އެވެ. ނަމަވެސް ހާމަނާއީ އަވަހާރަކޮށްލުމުން އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅުވެފައެއް ނުވެއެވެ. އަދި ދިވެހި ސަރުކާރުންވެސް އެކަމާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.




