
މަޖިލިސް ރައީސް މިމޭރުމުން ވާހަކަ ދެއްކެވީ ރޭ ސަންގު ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައެވެ. އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ބިލުތަކުގެ އިބްތިދާއީ ބަހުސް ކުރިއަށްދާއިރު ވާދަވެރި ސިޔާސީ ޕާޓީތައް އޮންނަ ކަމަށް ވާނަމަ ސިޔާސީ ވާހަކަ ދެކެވޭނެ ކަމަށެވެ. އެއީ ސުވާލެއް ވެސް އޮތް ކަމެއް ނޫން ކަމަށާއި، އެއް ބަޔަކު އަނެއް ބަޔަކަށް ރައްދު ވެސް ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެންމެ އެންމެ އެކަށީގެންވާ މިންވަރަށް އެ އިލްމީ ބަހުސް އަދި މަޖިލިސްގެ ތަޅުމުގައި އެންމެ ކުރެއެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އެކަމަކު އިލްމީ ބަހުސް ކުރައްވާ ބޭފުޅުން ވެސް އެބަތިއްބެވި މަޖިލީހުގައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި އަލަށް މަޖިލީހާ ގުޅިވަޑައިގަތް ބޭފުޅުން ގިނަ ކަމަށާ، އެ ބޭފުޅުން އިލްމީ ބަހުސްތައް ކުރެއްވުމަށްޓަކައި އަދި މަޖިލީހަށް ހުށަހެޅޭ ބިލުތަކާއި އެހެންވެސް މަސައްކަތްތަކަށް ހޭނެން ވަގުތުކޮޅެއް ނަގާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރާއްޖެއަށް ޑިމޮކްރަސީގެ ނިޒާމު އައީ ފުރަތަމަ އެއްވެސް ވަރަކަށް އެކަމަށް ހޭލުންތެރިނުވެ ތިއްބައެވެ.
"މިހާރު މަޑުމަޑުން ރަނގަޅުވަމުން ދަނީ. މިދެންނެވިހެން 17 ވަނަ މަޖިލީހަށްވުރެ 18 ވަނަ މަޖިލީހުގެ ބަހުސްތައް ރަނގަޅު. 19 ވަނަ މަޖިލިސް އެއަށްވުރެ ރަނގަޅުވާނެ. ދެން މިހާރު މިހާތަނަށް އައިއިރު މި މަޖިލިސް ވެސް ދެން ކުރިއަށްދާއިރު އަދި މާ ރަނގަޅުވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
ސިޔާސީ ކަންކަމަށް ރައްޔިތުން ހޭލުންތެރިވާކަން ވެސް އަބްދުއްރަހީމް ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ދަތުރުތަކުގައި އެއްބަޔަކު ދިޔުމުން ސިޔާސީ ގޮތުން އިދިކޮޅު ފިކުރުގެ ފަރާތްތަކުގެ އުނދަގޫ ފޯރުވައި ޖަލްސާއަށް ހުރަސް އަޅާ އެފަދަ އަމަލުތައް މިހާރު ނުހިންގާ ކަމަށެވެ.
"މިހާރު ނެތެއްނޫންތޯ އެކަމެއް! މިހާރު ކޮންމެ ފިކުރެއްގެ މީހަކަށް ވެސް، ރައީސަކަށް ވެސް އަދި ރައީސްކަން ކުރައްވާފައި ހުންނަ ބޭފުޅަކަށް ވެސް (ކޮންމެ ރަށަކަށް) ދެވޭ. ފެނިވަޑައިގަންނަވާނެ މި ދޭތެރެއިން ކުރީގެ ރައީސް ޔާމީން ދިއްދޫއަށް ވަޑައިގެންފި. ދިއްދޫއަށް ވަޑައިގަތީމަ މަރުހަބާ ވިދާޅުވީ އެއީ ކޮންމެހެން ރައީސް ޔާމީން ވެރިކަމަށް ގެންނަން ބޭނުންވާ މީހުން ނިކުމެ މަރުހަބާ ކީކީއެއް ނޫނޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
"...ގައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްވީމަ އެ ދައުވަތު ދިން ބޭފުޅުން ނިކުމެ އިހުތިރާމް ކުރެއްވުމުގެ ގޮތުން މަރުހަބާ ވިދާޅުވީ. އޭގެ މާނައަކީ މިހާރު ހޭލުންތެރިވެއްޖެއޭ. ކުރީގަ ނަމަ އެކަން އެހެނެއް ނުވާނެއޭ. އިބްރާހީމް މުހައްމަދު ސޯލިހު ހޯރަފުއްޓަށް ވެސް ވަޑައިގަތް. އަޅުގަނޑުމެން ފިކުރުގެ މީހުންނެއް ނުދެއެއް ނޫންތޯ ހަޅޭއްލަވާކަށް؟" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެފަދައިން މިސާލު ދައްކަވައި އަބްދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ވެސް ހޭލުންތެރި އަދި ތަހުޒީބު ވެފައިވާ ހިސާބަކަށް ދާ ދުވަސް އަންނާނެ ކަމަށެވެ.




