ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ގެމަނަފުށީގެ ޒުވާނާ އަފްލާހު.-
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި ފަރުވާ ދެމުންދިޔަ ދިވެއްސަކުވެސް ނިޔާވެއްޖެ
މަރްޔަމް މުޙައްމަދު 3 ނޮވެމްބަރ 2025 (ހޯމަ)   09:02
މާލެ އެމްޕީއެލް ބަނދަރާ ދިމާ ބޭރުން ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި އިއްޔެ ހިނގި ހާދިސާގައި ވަރަށް ބޮޑަށް އަނިޔާވެގެން އައިޖީއެމްއެޗުން ފަރުވާދެމުން އައި ދިވެހި ޒުވާނާ ވެސް ރޭ ނިޔާވެއްޖެއެވެ.

އިއްޔެގެ ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގެ ސަބަބުން ފަރުވާ ދެނިކޮށް ނިޔާވީ އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ ގއ.ގެމަނަފުށީ، ދިލްބަހާރުގޭ، އަލީ އަފްލާހު އަބްދުﷲ އެވެ. އުމުރުން 25 އަހަރުގެ އެ ޒުވާނާ ނިޔާވީ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.

އެމްޕީއެލްގެ ކޮޅުވެއްޓީގައި މަސައްކަތްކުރާ އަފްލާހުގެ އާއިލާގެ މީހަކު މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ހާދިސާގައި އަފްލާހަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އުނަގަނޑުން ތިރި އޮތީ އެއްކޮށް ޗިސްވެފައި ކަމަށާއި އޮޕަރޭޝަން ކުރުމުގެ މަސައްކަތް ކުރިނަމަވެސް، މާބޮޑަށް ހާލު ސީރިއަސްވެ ހިތް ހުއްޓިގެން ނިޔާވީ ކަމަށް އެމީހާ ބުނެފައި ވެއެވެ.

އަފްލާހުގެ ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު މަސްޖިދުއްތަޢާވުން (އާސަހަރާ މިސްކިތް) ގައެވެ.

މި ހާދިސާގައި ދިވެހި ޒުވާނާގެ އިތުރުން ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އުމުރުން 32 އަހަރުގެ މަސްޢޫދު ހޮސައިން ވެސް ވަނީ އިއްޔެ ނިޔާވެފަ އެވެ. އެއީ ވެސް އެމްޕީއެލްގެ މުވައްޒަފެކެވެ.

ފުލުހުން އިއްޔެ ބުނެފައިވާ ގޮތުގައި، ކޮޅުވެއްޓި ބަންޑުންޖަހާލި ވަގުތު އޭގައި 14 މީހަކު ތިއްބެވެ. އެ އެންމެން ސަލާމަތްކުރި ނަމަވެސް 6 މީހަކަށް އެކި ވަރުގެ އަނިޔާވި އެވެ. އަނިޔާވި މީހުންނަށް މިހާރު ވެސް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.

އިއްޔެގެ ހާދިސާގައި އެމްޕީއެލްއާ ދިމާ ބޭރުގައި އަޅާފައި އޮތް ބޯޓުގައި ހުރި ހައިމާކްތައް ބޭލުމަށް އެ ބޯޓާ ކައިރިކޮށްފައި އޮތް ކޮޅުވެއްޓި ބަންޑުންޖަހާލީ އެ އުޅަނދަށް އަރުވާފައި ހުރި ބޮޑު ދެ ހައިމާކުގެ ބެލެންސް ގެއްލިގެންނެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ހިތާމަވެރި ހާދިސާތަކެއް މިފަހުން ވަނީ ހިނގާފައެވެ. އޭގެ ބައެއް ހާދިސާތަކުގައި ބައެއް މީހުންވަނީ ނިޔާވެފައެވެ.

ކޮމެންޓް