ފައިސަލާ ބޯޓު، ކާށިދޫ ފަރަށް އަރާފައި.-- ފޮޓޯ: ޕޮލިސް
ކާށިދޫ ފަރަށް ބޯޓު އުރުނު ހާދިސާގައި ގެއްލުނު މީހާ ފެނުނީ މަރުވެފައި އޮއްވާ
މަރްޔަމް މުޙައްމަދު 12 ނޮވެމްބަރ 2025 (ބުދަ)   06:33
މާލެއިން ފުރައިގެން ކ.ކާށިދޫ އަށް ދަތުރުކުރި މުދާ އުފުލާ ބޯޓު އެރަށު ފަރަށް އަރައި، ހިނގި ހާދިސާގައި ގެއްލި ހޯދި މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އެ ހާދިސާގައި މަރުވީ ބަނގްލަދޭޝް މީހެއް ކަމަށްވާ އެމްޑީ އަލަމްގީރް، 30އ އެވެ. 

ފުލުހުންނާއި އެމްއެންޑީއެފުން ވެސް ބުނި ގޮތުގައި، އެ މީހާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް ފަރުމަތިންނެވެ. ފުލުހުން ބުނީ ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެމީހާ އޮތީ މަރުވެފައި ކަމަށެވެ. އޭނާ ފެނުނުކަމާއި އޮތީ މަރުވެފައިކަން ފުލުހުންގެ ފަރާތުން ހާމަކުރީ ރޭ ދަންވަރު ބާރަޖަހަން އުޅެނިކޮށެވެ.

ކާށިދޫގައި ދުއްވާ "ފައިސަލާ ބޯޓު" އެ ރަށުގެ ދެކުނު ފަރާތު ނެރުނު ކައިރި ފަރަށް އެރީ އެ ރަށަށް ވަންނަން އުޅެނިކޮށް ކަން އެނގިފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި، އެ ބޯޓު ފަރަށް އެރިކަމުގެ ރިޕޯޓު ލިބުނީ ރޭ 7:52 ހާކަންހާއިރު އެވެ. އޭރު އެ ބޯޓުގައި ތިބީ 11 ފިރިހެނުން ކަމަށާއި އެއީ 5 ދިވެއްސަކާއި 6 ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

މި ބޯޓު ފަރަށް އެރުމާ ގުޅިގެން ބޯޓުގައި ހުރި ގިނަ މުދާތަކެއް ކަނޑަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އެންމެހާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.  

ކޮމެންޓް