
ފުލުހުން އެމީހާގެ ވަނަވަރު ހާމަކޮށް މިއަދު ބުނެފައިވަނީ، އެމީހަކީ ޗެންގް ޖިއާ ނަމަކަށް ކިޔާ އުމުރުން 38 އަހަރުގެ ޗައިނާ ރައްޔިތެއްކަމަށެވެ.
އަދި އެމީހާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށާ، އޭނާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތްކުރަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ވަގުތު އޭނާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށް ވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަމަށާ، ކޯސްޓްގާޑުން މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ 13:32 އެހައިކަންހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގެސްޓުހައުސްއެއް ތެރެއިން ވެސް މަރުވެފައި އޮތް މީހަކު އިއްޔެ ފެނިގެން ފުލުހުން އެތަނުގައި ހަރަކާތްތެރި ވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މާލޭގެ މަޖީދީމަގު ހެންވޭރުކޮޅުގައި ހުންނަ ގެސްޓުހައުސްއެއްގެ ތެރެއިން، މަރުވެފައި އޮތް މީހަކު ފެނިއްޖެ ކަމުގެ މައުލޫމާތު ފިޔެސްގެ ރިޕޯޓަރަކަށް ލިބުމުން އެ ސަރަހައްދަށް ގޮސް އެތަނުގައި ތިބި ފުލުހުންނާ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ނަމަވެސް އެ ސަރަހައްދުގައި ތިބި ގިނަ އާންމުން ވަނީ އެތަނުގައި އޮތީ މަރުވެފައި އޮތް މީހެއްކަމަށް ބުނެފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލާ ވެސް އެ ސުވާލު ފިޔެސް އިން ކުރުމުން ފުލުހުންގެ އެއްވެސް ޖަވާބެއް މިކަމުގައި ނެތް ނަމަވެސް އެތާ ތިބި އާންމުންގެ ފަރާތުން އިތުރަށް ސާފުވި ގޮތުގައި ފެނުނު ފެނުމަށް ބެލެވެނީ އެމީހާ ވަނީ އަމިއްލައަށް މަރުވެފައި ކަމަށެވެ.




