މާލޭގެ އުސް އިމާރާތްތަކެއް؛ ބިދޭސީ މީހާ ވެއްޓިފައިވަނީ އިމާރާތެއްގެ ހަ ވަނަ ބުރިން.- ފޮޓޯ: ފިޔެސް
މާލޭ ގެއެއްގެ ސިޑިގޮޅިއަށް މީހަކު ވެއްޓި މަރުވެއްޖެ
ހަސަން އިބްރާހީމް 4 ނޮވެމްބަރ 2025 (އަންގާރަ)   21:17
މާލޭގެ މާފަންނުގައި ހުރި ގެއެއްގެ 6 ވަނަ ފަންގިފިލާއިން އެގޭ ސިޑި ގޮޅިއަށް މީހަކު ވެއްޓި މިއަދު މަރުވެއްޖެއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ އިރުއޮއްސި 6:30 ހާއިރު ކަމަށާ، މި ހާދިސާގައި ވެއްޓި މަރުވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރޮޓަން، 47، ކަމަށެވެ.

ސިޑި ގޮޅިން ނަގައިގެން އޭނާ ގެންގޮސްފައިވަނީ އައިޖީއެމް ހޮސްޕިޓަލަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ދީފައެއް ނުވެ އެވެ. ނަމަވެސް މިކަން ހިނގި ގޮތް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން މިރޭ ބުންޏެވެ.

އަދި ހާދިސާއާ ގުޅުން ހުރި އިތުރު މައުލޫމާތު ލިބުނު ވަރަކުން ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މީގެ ކުރިން ވެސް، އިމާރާތްތަކުގެ މަތީ ފަންގިފިލާތަކުން ސިޑިގޮޅިއަށް މީހުން ވެއްޓި، ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ.

ކޮމެންޓް