ޔޫޓީއެފް ޔޫނިއަންގެ މައި އޮފީސް މ. އައިރިސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް - ފޮޓޯ: ފިޔެސް
ބޯހިޔާވަހިކަމުގެ ޑިމާންޑުތަކަށް އިޖާބަދިނުމަށް ޔޫޓީއެފް ޔޫނިއަން އިން ވެސް ސަރުކާރަށް ގޮވާލައިފި
މި މަހުގެ 17އާ ހަމައަށް، ޑިމާންޑުތައް ފުރިހަމަ ނުވެއްޖެ ނަމަ، ސިލްސިލާ އިހުތިޖާޖުތަކުގައި ޔޫޓީއެފް ޔޫނިއަން ވެސް ބައިވެރިވާނެ - ޔޫޓީއެފް
ޖުނާން އަޙުމަދު 5 ނޮވެމްބަރ 2025 (ބުދަ)   09:52
"ކޮބާކޮބާ މަގޭ ގޯތި، ކޮބާކޮބާ މަގޭ ފްލެޓު" ގެ ނަމުގައި ހުކުރުދުވަހުގެ ރޭ ބޭއްވި ބޯހިޔާވަހިކަމުގެ އެއްވުމުގައި، އެ އެއްވުން އިންތިޒާމްކުރި ޕާޓީ، އެމްޑީޕީން ސަރުކާރަށް ހުށަހަޅާފައިވާ 6 ޑިމާންޑު، ކަނުލާ އަޑުއަހާ، މި މަހުގެ 17ގެ ކުރިން އެ ޑިމާންޑުތަކަށް ސަރުކާރުން އަވަސް އިޖާބައެއް ދެއްވުމަށް އުތުރު ތިލަފަޅު ބިންވެރިންގެ ހައްގުގައި މަސައްކަތްކުރާ ޔޫޓީއެފް (އުތުރު ތިލަފަޅު ޔޫނިއަން) އިން ވެސް ސަރުކާރަށް ގޮވާލައިފިއެވެ.

ޔޫޓީއެފް އިން ވެސް މިކަމަށް ގޮވާލާފައި ވަނީ، އެ ޑިމާންޑުތައް ސަރުކާރަށް ތަކުރާރުކޮށް އިއްވުމުގެ ގޮތުން ޑިމާންޑުތަކާ ބެހޭ ވީޑިއޯ އަކާއި އެކީގައި، އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.

ސަރުކާރުން އެ 6 ޑިމާންޑު ކަނުލައި އެއްސެވުމަށް އެދި، އެކްސް ޕޯސްޓުގައި ޔޫޓީއެފް އިން ބުނެފައި ވަނީ، މި މަހުގެ 17އާ ހަމައަށް، ޑިމާންޑުތައް ފުރިހަމަ ނުވެއްޖެ ނަމަ، ބޯހިޔާވަހި ކަމުގެ އެއްވުމުގައި އިއުލާންކުރި ފަދައިން، ސަރުކާރާ ދެކޮޅު ސިލްސިލާ އިހުތިޖާޖުތަކުގައި އެ ޔޫނިއަންގެ ފުރިހަމަ ބައިވެރިވުން ދިނުމާއެކު އެކަމުގައި ދެމިތިބޭނެކަމަށެވެ.

ޔޫޓީއެފް އިން މިކަމަށް ގޮވާލާފައި ވާއިރު، ހުޅުމާލެ ފޭސް 3 އިން ބޯހިޔާވަހިކަމަށް ބޭނުންވާ އާންމު ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ، ފޭސް 3 ޔޫނިއަން އިން ވެސް، ބޯހިޔާވަހިކަމުގެ ޑިމާންޑުތަކަށް ސަރުކާރުން އިޖާބަދިނުމަށް ހޯމަ ދުވަހު ގޮވާލާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އަދި މި މަހުގެ 17އާ ހަމައަށް، ޑިމާންޑުތައް ފުރިހަމަ ނުވެއްޖެ ނަމަ، ސިލްސިލާ އިހުތިޖާޖުތަކުގައި އެ ޔޫނިއަން ވެސް ދެމިތިބޭނެ ކަމަށް ފޭސް 3 ޔޫނިއަން އިން ބުނެފައި ވެއެވެ.

ފާއިތުވި އެމްޑީޕީ ސަރުކާރުން މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރަންފެށި ފްލެޓުތަކާއި ގޯތިތަށް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ ބަދަލުގައި، އެކަންކަމުން ސިޔާސީ މަންފާ ނަގައި، މުޅިން ވެސް އޮޅުވާލުމާއި މަކަރާއި ހީލަތް މިސަރުކާރުން ހަދަމުން އަންނަކަމަށް ބުނެ "ކޮބާކޮބާ މަގޭ ގޯތި، ކޮބާކޮބާ މަގޭ ފްލެޓު" މި ނަމުގައި އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ހުކުރުދުހަވުގެ ރޭ އެއްވުމެއް ބާއްވާފައި ވެއެވެ.

ކާނިވާ ސަރަހައްދުގައި ކުރިއަށްދިޔަ އެ އެއްވުމުގައި ސަރުކާރަށް 6 ޑިމާންޑެއް ހުށަހަޅައި، އެ ޑިމާންޑުތަކަށް މި ސަރުކާރުން ބީރުކަންފަތެއް ދީފިނަމަ، މި މަހުގެ 17 ގައި އެމްޑީޕީން ބާއްވާ، ބޮޑުމުޒާހަރާގެ ފަހުން ސިލްސިލާ އެއްވުނަތަކެއް މޭލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާނެ ކަމަށް ވެސް އެ އެއްވުމުގައި އެމްޑީޕީން އިއުލާން ކޮށްފައިވެއެވެ.

ބޯހިޔާވަހި ކަމުގެ އެއްވުމުގައި ރޭ އިއްވި 6 ޑިމާންޑަކީ:

  1. މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި ބިންވެރިޔާ އާއި ގެދޮރުވެރިޔާ ދެ ސްކީމުގެތެރެއިން ފުރަތަމަ ސްކީމްގައި ޝަރުތުހަމަވި 22766 އާއިލާ އާއި ދެވަނަ ސްކީމަށް ކުރިމަތިލި 40594 އައިލާގެ ތެރެއިން ޝަރުތު ހަމަވާނެކަމަށް ބެލެވޭ 29234 އާއިލާ އާއިއެކު ޖުމުލަ ފަންސާސް ދެހާސް އާއިލާއެއްގެ ދެ ލައްކަ އަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ބްރިޖުން ގުޅާލެވެންހުރި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ބިންހިއްކަން ފަށާފައިވާ 645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ނިންމުމަށް ފަހުގައި މެނުވީ "ރަސްމާލެ" ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުން.
  2. ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި 13763 މީހުންނަށް ފުލެޓް ދިނުމަށް ކުރީ ސަރުކާރުން ފާށާފައިވާ 11000 ފުލެޓްގެ ތެރެއިން ނިމިފައިވާ 4000 ފުލެޓް 15 ނޮވެމްބަރު 2023 ގައި އިއުލާންކުރި ފްލެޓު ލިސްޓުގައި ފްލެޓު ލިބޭނެކަމަށް ކަނޑައަޅައި އެގްރިމެންޓު ހަދާފައިވާ ފަރާތްތަކަށް އެ ލިސްޓުގައިވާ ގޮތަށް ފުލެޓު ދިނުމަށާއި، އަދި ބާކީތިބި 9763 މީހުންނަށް ފުލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭސް ހަމަޖައްސައި، އިތުރު 7000 ފްލެޓް އެޅުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ފުލެޓްތަކުގެ މަސައްކަތް ފެށުން.
  3. މީގެ ކުރިން ވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޯހިޔާވަހި ކަމުގެ އެއްބަސްވުމަކީ ގަނެވިއްކާ އެއްބަސްވުމަކަށް ވީހިނދު، ފަހި ދިރިއުޅުން 4000 ފްލެޓު ދިނުމުގައި މި ސަރުކާރުން ހަދަމުންދާ ކުލީގެ އެއްބަސްވުން ގަނެއްވިއްކާ އެއްބަސް ވުމަކަށް ބަދަލުކޮށްދިނުން.
  4. ކުރީ ސަރުކާރުން އެފްޑީސީ މެދުވެރިކޮށް އެއްބަސްވުން ހަދައި ސޮއިކޮށްފައިވާ ފުލެޓްތަކުގެ ހައްޤުވެރިންނާއި ހަވާލުކޮށްފައިވާ 4000 ފްލެޓުގެ ކުލި، ކުރީސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ބޮޑު ނުކުރުމާއި، އެތަންތަނުން ނަގަމުން އަންނަ ޑައުން ޕޭމަންޓު ކަނޑާލުން.
  5. ހުޅުމާލޭ ފޭސް-3، ގިރާވަރު ފަޅު، ގުޅީފަޅު، އަދި އުތުރުތިލަފަޅުގެ ބިމުން ނުހިއްކައި މިހާރު ބާކީހުރި ބިން ހިއްކުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށާއި، އެ ސަރަހައްދުތަކުން ހިއްކާ ނިމިފައި ހުރި ބިންތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ކަނޑާ، ގޯތިތައް ހަވާލުކުރުމަށާއި، މިރަށްތަކުގައި ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުން.
  6. ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40594 އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުން.

your image"ކޮބާކޮބާ މަގޭ ގޯތި، ކޮބާކޮބާ މަގޭ ފްލެޓު" އެއްވުމުގެ ތެރެއިން

"ކޮބާކޮބާ މަގޭ ގޯތި، ކޮބާކޮބާ މަގޭ ފްލެޓު" އެއްވުމުގެ ބައިވެރިން ޖުމްލަގޮތެއްގައި ގޮވާލާފައި ވަނީ، ކުރީ ސަރުކާރުން ބިންހިއްކުމަށް ފަށާފައިވާ މަޝްރޫއުތައް ހުއްޓައި ނުލައި ކުރިއަށް ގެންދިޔުމަށް، ރައީސް މުއިއްޒަށް ގޮވާލައްވާކަމަށާ، ބޯހިޔާވަހިކަމާއި ގެއްލިފައިވާ އެހެން ހައްގުތައް ހޯދުމަށް މެދުކެނޑުމެއްނެތި މި ސަރުކާރާ ދެކޮޅަށް، ރައްޔިތުން މިވަނީ މުޒާހަރާކުރަން ޖެހިފައި ކަމަށްވުމުން، މަގުމައްޗަށް ނުނިކުމެ ދެން ނުތިބެވޭނެ ކަމަށެވެ.

އެހެންކަމުން މި މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބާއްވާ އެއްވުމަށް، ވީހާ ވެސް ގިނަ ބަޔަކު ނުކުންނަން ޖެހޭ ކަމަށް، އެ އެއްވުމުގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ ތަކުރާރު ކުރައްވާފައެވެ.

ހުޅުމާލޭގެ ފޭސް-3 އަކާއި، ގިރާވަރު ފަޅާއި، ގުޅީފަޅު، އަދި އުތުރުތިލަފަޅުން ބިން ހިއްކައި، ގޯތި ކަނޑައި ދިނުމަކީ، ގާތްގަނޑަކަށް ފަންސާސް ދެހާސް ދިވެހި އާއިލާއަކަށް ލިބިގެންދާނެ ބޯހިޔާވަހިކަމެކެވެ. އެހެންކަމުން ނިސްބަތުން އާއިލާއެއްގައި ހަތަރު މެންބަރުން ތިބިކަމަށް ބެލި ނަމަވެސް، މިއީ ދެ ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ބޯހިޔާވަހިކަމަކަށް ވެގެންދާނެއެވެ.

ދައުލަތުގެ މާލިއްޔަތާއި ވަސީލަތްތައް، ބްރިޖަކުން ގުޅާލެވެން އޮތް ހުޅުމާލޭގެ ފޭސް-3 އަކާއި، ގިރާވަރު ފަޅާއި، ގުޅީފަޅު، އަދި އުތުރުތިލަފަޅު ތަރައްގީކުރުމަށް ހޭދަ ކުރުމުގެ ބަދަލުގައި، ކަނޑުއޮޅިއެއް ހުރަސްކޮށް ބްރިޖަކުން ގުޅާލެވެން ވެސް ނެތް، ފުށިދިއްގަރުފަޅުގައި ހިންގާ މަޝްރޫއަށް އެކަނި ބޭނުންކުރަމުން ދިޔުމަކީ، ދެ ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ ހައްގުތަކަކުން އެ ރައްޔިތުން މަހުރޫމުވެ، އެ ތަންތަނުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހައްގުވެގެންވާ ބޯހިޔާވަހިކަމަށް ކުރިމަތިކުރުވާނެ އިތުރު ހުރަސްތަކެކެވެ.

ކޮމެންޓް