ހެލްތު އެކްސްޕޯ އިޝްތިހާރުކޮށް ހެލްތު މިނިސްޓްރީން ކޮށްފައިވާ ޕޯސްޓެއް.--
ޕީއެންސީ ޖަލްސާއަށް މީހުން މަދުވެދާނެތީ ހެލްތު އެކްސްޕޯ މެދުކަނޑާލަނީ
މަރްޔަމް މުޙައްމަދު 13 ނޮވެމްބަރ 2025 (ބުރާސްފަތި)   09:24
ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން މިއަދު ހަވީރުން ފެށިގެން ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެއްސި ހެލްތު އެކްސްޕޯ، ހުކުރު ދުވަހު ނުބާއްވަން ނިންމައިފި އެވެ.

އެކްސްޕޯގައި އަމަލީގޮތުން ހަރަކާތްތެރިވާ ބޭފުޅަކު ފިޔެސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެގޮތަށް ކަނޑައެޅީ ހުކުރު ދުވަހުގެ ރޭ އޮންނަ ޕީއެންސީގެ ޖަލްސާއަށް މީހުން މަދުވެދާނެތީ ކަމަށެވެ.

"ކުރިން އޮތީ މިއަދު ހަވީރުން ފެށިގެން މިރޭ އެގާރައަށް. ދެން ހުކުރު ދުވަހު ހަވީރުން ފެށިގެން އެގާރައަށް. އެކަމަކު ފުރަތަމަ ހުކުރު ދުވަހުގެރޭ ކެންސަލްކުރީ. އެއީ ޕީއެންސީ ޖަލްސާއަށް މީހުން ނުގޮސްދާނެތީ. މިހާރު ފަހުން ނިންމީ ހުކުރު ދުވަސް ހަވީރުވެސް އެކްސްޕޯ ނުބާއްވާ ގޮތަށް، އެ ޖަލްސާއަށް އިސްކަންދޭން." ނަން ހާމަކުރަން ނޭދޭ އެ މީހާ ބުންޏެވެ.

ހެލްތު އެކްސްޕޯ އަކީ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސިއްހީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ހެލްތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.

މިއަހަރުގެ ހެލްތު އެކްސްޕޯ ކުރިން ރާވާފައި އޮތީ މިމަހުގެ 13، 14، 15 މި ތިން ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް ޕީއެންސީ ޖަލްސާ އޮންނަ 14 ވާ ހުކުރު ދުވަސް ކެންސަލް ކުރުމަށް ފަހު، އެކްސްޕޯގެ ފަހު ދުވަހަކީ 15 ވާ އާދީއްތަ ދުވަސް ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.

އެކްސްޕޯގެ ބައެއް ބައިވެރިން ވަނީ މި ނިންމުމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހި، އެ އެކްސްޕޯއަށް ހާއްސަކޮށް ހަދާފައިވާ ވައިބާ ގްރޫޕްގައި ލިޔެފައެވެ.

"ޑޮކްޓަރުން ޑިއުޓީއަށް ވެސް މިހެން ހެދީމަ ބުރޫ އަރާނެ. އެކްސްޕޯ ކުރިން ހަމަޖެހިފައި އޮތް ދުވަސްތަކަށް ޑޮކްޓަރުންނާއި އެހެން ބައިވެރިވެސް ތިބޭނީ ދުވަސް ހުސްކޮށްގެން. އެކަމަކު މިހާރު އެ ހެދިގޮތުން އެއް ދުވަސް ބޭކާރުވެ، އިތުރު ދުވަހެއް އެކްސްޕޯއަށް ހޭދަކުރަން މިޖެހުނީ." ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އެކްސްޕޯގެ ބައިވެރިޔަކު ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ އާންމުންގެ ގިނަބަޔަކާ ގުޅިފައި އޮތް ސިއްހީ ދާއިރާގެ މުހިންމު ހަރަކާތަކަށްވުރެ ސަރުކާރަށް މުހިންމީ ސިޔާސީ އެއްވުމެއްކަން ސަރުކާރުގެ މި ނިންމުމުން އެނގިގެން ހިނގައްޖެ ކަމަށެވެ.

ޕީއެންސީ އިން މާދަމާރޭ މާލޭ އާޓިފިޝަލް ބީޗް ގައި ބާއްވާ ޖަލްސާއަށް އެ ޕާޓީންނާއި ސަރުކާރުން ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. ވައިގެ މަގުންނާއި ކަނޑުމަގުންވެސް އެކި ރަށްރަށުން އެ ޖަލްސާއަށް މީހުން ގެނައުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް