ރައީސް މުއިއްޒު، ޕީއެންސީގެ ތަރާވީސްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީއެންސީ
މުއިއްޒު ވިދާޅުވީ ލާމަރުކަޒީ ނިޒާމު އެންމެ ރަނގަޅަށް ހިންގޭނީ ޕީއެންސީއަށް ކަމަށް
މަރްޔަމް މުޙައްމަދު 27 ފެބްރުއަރީ 2026 (ހުކުރު)   06:37
ލާމަރުކަޒީ ނިޒާމަށް އެންމެ ފަރިތަ އަދި އެ ނިޒާމު ހިންގުމުގެ ގާބިލުކަން ހުރި ޕާޓީއަކީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން އިންތިޒާމުކޮށްގެން ރޭ ކުރިއަށް ގެންދިޔަ ތަރާވީސްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ. ހާއްސަކޮށް، ސިޓީތަކުގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން ހޮއްވަވައި ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ކައުންސިލްތަކަށް ޕީއެންސީގެ މެޖޯރިޓީ ދިނަސް ކަންކަން އެޖެންޑާކުރުމާއި ތަންފީޒު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުން ކަމަށްވާތީ އެ ބޭފުޅުން ހޮވައިގެން ވައުދުތައް ފުއްދަން ފަސޭހަ ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމާއި ރަށްރަށުގެ ތަރައްގީގެ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ސަރުކާރަށް ނުހަނު ބޭނުންވާ ކަމަށެވެ. މިގޮތުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުން އެދޭ ނަތީޖާ ނެރެދެވޭނީ އެ ނިޒާމަށް އަހުލުވެރި ބަޔަކަށް ކަމަށާއި، އެކަމަށް އެންމެ އެކަށީގެންވަނީ ޕީއެންސީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށާއި، ރަށްރަށަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި، ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ކައުންސިލްތަކެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް އޭގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމުގައި ރައީސް ވިދާޅުވިއެވެ.

ކޮމެންޓް