
ރާއްޖެއަށް މިއަދު ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔަން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ދެ މިލިޔަން ވަނަ ފަތުރުވެރިޔާގެ ޝަރަފު ހޯދީ، ފިރިމީހާ އާއި ދެ ކުދިންނާ އެކު ޗުއްޓީއަށް އައި އޮސްޓްރިއާގެ އަންހެނެކެވެ.
އެ އާއިލާ އަށް ސައި ލެގޫން މޯލްޑިވްސް ރިސޯޓުގައި ހަ ދުވަހުގެ ޗުއްޓީ ޕެކޭޖެއްގެ އިތުރުން، އެމްއެމްޕީއާރުސީ އާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އާއި މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް ވަނީ އެ ފަތުރުވެރިޔާއަށް ހާއްސަ ހަދިޔާއެއް ދީފައެވެ.
ދެ މިލިޔަން ވަނަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލާއި، އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި އިމިގްރޭޝަން އަދި ކަސްޓަމްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ރަސްމިއްޔާތުގައި ސިފައިންގެ ސިފްކޯގެ ފަރާތުން ހާއްސަ އައިޓަމެއް ވެސް ވަނީ ހުށަހަޅައިދީފަ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1،747،370 ފަތުރުވެރިން ޒިޔާރަތްކުރުމާ އެކު، ސަރުކާރުން ވަނީ މި އަހަރު ދެ މިލިއަން ފަތުރުވެރިން ގެންނަން އަމާޒު ކަނޑައަޅައި، އެކަމަށް މި އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓް އިތުރުވެފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު ނިންމައި، އަންނަ އަހަރުގެ ތެރޭގައި ހުޅުވުމާއެކު، މިއަދު ގާއިމުކުރި ރެކޯޑު މުގުރާލައި، އަންނަ އަހަރު 2.2 މިލިއަން ޓޫރިސްޓުން ގެންނަން އާ އަމާޒެއް ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.




