ރާއްޖެ އަންނަން ޝެޑިއުލްކޮށްފައިވާ ބައެއް ފްލައިޓްތައް ކެންސަލްވެފައި.--
ރާއްޖެއަށް އަންނަން އޮތް 300 އަށްވުރެ ގިނަ ފްލައިޓް ކެންސަލް
މަރްޔަމް މުޙައްމަދު 18 މާރޗް 2026 (ބުދަ)   16:12
އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ 28 ވަނަ ދުވަހު ފެށި ހަނގުރާމައާ ގުޅިގެން މިހާތަނަށް ރާއްޖެ އަށް އަންނަން އޮތް 300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްވެފައިވާ ކަމަށް، ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނީގެ ސީއީއޯ މުޙައްމަދު ފިރާގު ވިދާޅުވެއްޖެ އެވެ.

ފިރާގު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލައިޓްތައް ކެންސަލް ވުމާ ގުޅިގެން 60،000 އަށް ވުރެ ގިނަ ބުކިން ކެންސަލްވެ، ގާތްގަނޑަކަށް 350،000 ރޫމް ނައިޓްސް ގެއްލިފައިވާ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.

ފުޅާ ދާއިރާއެއްގައި ޓްރެވަލް އަދި އޭވިއޭޝަން ހިދުމަތް ދޭ އިނާ މޯލްޑިވްސްގެ ސީއީއޯ ވިދާޅުވީ މިއީ ހަމައެކަނި އެންމެ މަދުވެގެން ލަފާކުރެވޭ އަދަދުތަކެއް ކަމަށެވެ.

"މީގެ ހަގީގީ އަސަރު މިއަށްވުރެ މާ ބޮޑުވާނެކަން ކަށަވަރެވެ. މި ހާލަތުގެ ސަބަބުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އަޅުގަނޑުމެންގެ އިގްތިސާދަށް ވަނީ ނުހަނު ބޮޑު ޕްރެޝަރެއް ކުރިމަތިވެފައެވެ." ފިރާގު ފާހަގަ ކުރައްވާފައި ވެއެވެ.

ފިރާގު ވިދާޅުވެފައިވަނީ، އިގްތިސާދީ ބޮޑު މި ހީނަރުކަމުން އަރައިގަތުމަށްޓަކައި ސާފު ސިޔާސަތުތަކަކާއެކު މިހާރުން މިހާރަށް ކުރިއަށް ރޭވުންތައް ރާވަންޖެހޭ ކަމަށާއި، މީގެ ކުރިން ކުރެވިފައިވާ ތަޖުރިބާތަކުގެ އަލީގައި، ފަރުވާތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ކުރިއަށް ގޮސް، މިކަމުން އަރައިގަނެވިދާނެ ކަމަށެވެ.

ނަމަވެސް، ކޮންމެ މަރުހަލާއެއްގައިވެސް ފަރުވާތެރި، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަ ކުރައްވައި، މިކަމަށް އަޅުގަނޑުމެން ހަގީގަތުގައިވެސް ތައްޔާރު ތޯ! އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

ކޮމެންޓް