
2024 ވަނަ އަހަރުގެ މޭއި މަހުގެ ފަހުކޮޅު ފަތުރުވެރިކަން ކުރަން ރަށްތަކާއި ފަޅުތައް ތަރައްގީ ކުރުމަށް ހުޅުވާލި ބުރުގައި 1 އަތޮޅަކުން 14 ރަށަކަށާއި، 3 ފަޅަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ޓޫރިޒަމް މިނިސްޓްރީން އޭރު އިއުލާން ކުރި ނަމަވެސް، ތ. ކަނިމީދޫ އަދި ބ. އަތޮޅުގެ ފަޅެއް އެ ލިސްޓުން އުނިކުރުމަށް މިހާރު ވަނީ ނިންމާފައެވެ.
68 ހެކްޓަރުގެ ތ. ކަނިމީދޫ އާއި، 0.62 ހެކްޓަރުގެ ސަރަހައްދެއް ހިމެނޭ ބ. އަތޮޅުން ފަތުރުވެރި ކަމަށް ތަރައްގީކުރަން ނިންމި ފަޅު، އެ ލިސްޓުން އުނިކުރާ ސަބަބެއް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައެެއް ނުވެއެވެ.
ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތް ކަނިމީދޫގައި ކުރުމަށް ދިގު މުއްދަތަކަށް އަމިއްލަ ފަރާތަކަށް މީގެކުރިން ދޫކުރި ނަމަވެސް، ފަހުން އެރަށް ބެލެހެއްޓުން ވަގުތީ ގޮތުން ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއާ ހަވާލު ކުރިއެވެ. ފަތުރުވެރި ކަމަށް އެރަށް ތަރައްގީކުރަން ސަރުކާރުން ހުޅުވާލީ އެއަށްފަހުއެވެ.
ފަތުރުވެރިކަމާ ބެހޭ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ފަތުރުވެރިކަމުގެ އެނދުގެ އަދަދު 67,475 ގައި ހުރި އިރު، 2024 ވަނަ އަަހަރު އެ އަދަދު ހުރީ، 63,248 ގައެވެ.




