
އެއްވެ އުޅުމާއި މުޒާހަރާ ކުރުމަށް ހުރަސް އެޅޭނެހެން މިހާރު އޮތް ގާނޫނު އުވާލަން ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން އަމީން ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ސިޔާސީ މަސައްކަތް ކުރަމުން އައިސްފައިވަނީ "ތާހިރުކޮށް" ނޫން ކަމަށެވެ. ޑީއާރުޕީ، ޕީޕީއެމް، އަދި ޕީއެންސީ ނިސްބަތްވާ ފިކުރުން ހަޑިހުތުރުކޮށް މީގެ ކުރިން އެތައް މުޒާހަރާއެއް ކުރިކަން އަމީން ފާހަގަ ކުރެއްވިއެވެ.
"ކޮވިޑުގެ ދަތި ހާލަތުގަ އެބޭފުޅުންނެއް ނޫންތަ ބުނީ ކޮވިޑު ފެތުރުނަސް މުޒާހަރާ ކުރާނަމޭ. (މަޖިލީހުގެ) ރައީސް ނުހުންނަންތަ އެބޭފުޅުންނާ އެކީގަ. އެއީތަ ގައުމަށް ލޯބިވާ މެންބަރުންނަކީ. މިއަދު އަރާ އަޑުގަދަ ކުރެވިދާނެ. ހަގީގަތް، ތާރީހުން ފެންނަން އޮތީ ހަމަ އެއްގޮތަކަށް. ވަކި ތާހިރު ބައެއް ނޫނޭ ތި ޕީއެންސީ އަކީ،" އަމީން ވާހަކަ ދެއްކެވިއިރު ބާރަށު ދާއިރާގެ މެންބަރު އަޑުގަދަ ކުރައްވާތީއާއެކު، ވިދާޅުވި އެވެ.
ކޮވިޑު ދުވަސްވަރު އޭރު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާން ތަކާއި އިންޒާރުތަކަށް ބެލުމެއްނެތި ކުރި މުޒާހަރާތަކުގެ ކުރީ ސަފުގައި ރައީސް މުހައްމަދު މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އިތުރުން މިހާރު ކެބިނެޓްގައާއި މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވި ގިނަ ބޭފުޅުންތަކެއް ތިއްބެވި އެވެ.
ސިޔާސީ މަސައްކަތަށް ވަނުމުގެ ކުރިން މުދައްރިސެއްގެ ގޮތުގައި އުޅުނިން ކަމަށާއި އޭރު އެ މަގާމު އަދާކުރަން ދަތިވާނެހެން މިހާރު ވެރިކަމުގައި އޮތް ފިކުރުން ސިޔާސީ ހަރަކާތް ހިންގިކަން އަމީން ފާހަގަކުރެއްވި އެވެ.
"އޭރުގަ ވެސް ބޮޑުންނަށް ތިބި މީހުން މިއަދު ވެސް ބޮޑުންނަށް ތިބީ އިއްޒަތްތެރި ރައީސް. އޭރުގެ ޑީއާރުޕީ، ދެން ޕީޕީއެމް، ޕީއެންސީ. މި ހާވަނީ އިއްޒަތްތެރި ރައީސް ހަމަ އެކައްޗެއް. ޓޫރިޒަމް ވެސް ބޮއިކޮޓުކުރީ. އިންޑިއާ އައުޓް ވެސް ޖެއްސީ،" އަމީން ވިދާޅުވި އެވެ.
މި ބިލަށް ބަހުސް ކުރައްވަމުން ޕީއެންސީގެ މެންބަރުން ވިދާޅުވީ ކުރިއާލައި ހުއްދަ ނަގައިގެން ނޫނީ ވަކި ސަރަހައްދުތަކަކަށް އެއްވެ އުޅުން މަނާކުރާ ގާނޫނު އޮންނަން ޖެހޭ ކަމަށާއި މުޒާހަރާ ކުރުމުގެ ހައްގު ހަނިކުރަން ޖެހޭ ކަމަށެވެ.
އެކަމަށް ރައްދު ދެއްވައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ، މުޒާހަރާ ކުރުމާ ދެކޮޅަށް މިއަދު ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވާހަކަ ދެއްކިޔަސް އެ ޕާޓީން ވެރިކަމަށް އައީ އިންޑިއާ އައުޓް އަދި ހަރާމް ހުކުމޭ ކިޔައިގެން މުޒާހަރާ ކޮށްގެން ކަމަށެވެ.
ފިއްޓޭ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅުން ކުރި ބޮޑެތި މުޒާހަރާތައް ކަމަށެވެ. ގާނޫނުން އެއްވެ އުޅުން ހަނިކޮށްފައި އޮތަސް އެމްޑީޕީ ސަރުކާރުން މުޒާހަރާ ކުރަން ފުރުސަތު ދިން ކަމަށާ، މުޒާހަރާ ކުރި މީހުންނަށް ދައުވާ ނުކުރާ ކަން ފިއްޓޭ ފާހަގަ ކުރެއްވިއެވެ.




