
މެޓުން މިއަދު ބުނީ، މާދަމާއިން ފެށިގެން މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާ، ސަބަބަކީ ރާއްޖޭގެ ހުޅަނގު ދެކުނުގެ 2 ސަރަހައްދެއްގައި އުފެދިފައިވާ 2 ކޮޅިގަނޑެއްގެ ސަބަބުން ރާއްޖެ ސަރަހައްދުގައި ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވުން ކަމަށެވެ.
އަދި އެ މުއްދަތުގައި ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އެގޮތުން 10 މޭލާއި 20 މޭލަށް ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ވައިގެ ގަދަވާނެ ކަމަށާ، މި ދުވަސްތަކުގައި، ވިލާގަނޑުގައި 35 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކުރެވޭކަމަށް މެޓުން ބުންޏެވެ.
އެހެންކަމުން، ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލެއްވެސް މިހާރު މެޓުން ނެރެފައި ވާއިރު، މި ސަމާލު ދެމި އޮންނާނީ، ހަވީރު 17:00 އިން ފެށިގެން މިރޭގެ 22:00 އަށް ކަމަށް ވެސް މެޓުން ބުނެއެވެ.
އެހެންކަމުން އެ އޮފީހުން ދޭ އިންޒާރުތަކަށާއި، ނެރޭ މޫސުމީ ސަމާލުތަކަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓު އޮފީހުން އިލްތިމާސް ކުރެއެވެ.




