އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން މިރޭ އިސްތިއުފާ ދެއްވިކަން ފައްޔާޒު އިސްމާއީލް އިއުލާންކުރެއްވީ، މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވަމުންނެވެ.
އިސްތިއުފާ ދެއްވާ ފައްޔާޒު ލިޔުއްވާފައިވާ ސިޓީގައި ވިދާޅުވެފައިވާ ގޮތުން މަގާމުން އެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވަނީ އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހަކަށް ވެފައި، އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް އިސް ސަފުގައި ތިއްބެވުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ހުރުމުން ކަމަށެވެ.
މިހާރު ހުރި ގޮންޖެހުންތަކާއި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިގެންދާ މަންޒަރު ފެންނަކަމަށް ވިދާޅުވެ ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައިވަނީ، އެ ޕާޓީގައި މިހާރު ވެސް އިސްކޮށް ހަރަކާތްތެރިވާ އެޑްވައިޒަރާއި، ޕާޓީގެ ރައީސްއަށް ފުރިހަމަ އިހުތިޔާރާއި ބާރާއެކު އެ ޕާޓީގެ ކަންކަން ނިންމައި، ކަންކަން ކުރިއަށް ގެންދިއުމަށް އޭނާއަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް ގަސްތުކުރައްވާ ކަމަށެވެ.
އަދި ހަމަ އެހެންމެ، ޕާޓީގެ ރޯޑުމެޕަށް އާންމުންގެ ހިޔާލު ހޯދުމަށް، މެންބަރުންނާ ބައްދަލުވި ބައްދަލުވުންތަކުގައި ޕާޓީގެ ލީޑަރުންނާމެދު ބަސްބުނުމުގެ ފުރުސަތު ހުޅުވާލާނޭ ކަމުގެ ވައުދު ފައްޔާޒް ވެފައި ވާނެ ކަމަށް ވިދާޅުވެ، އެއީ ވެސް ޕާޓީގެ ޗެއަރޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް އެ ސިޓީގައި ފައްޔާޒު ވިދާޅުވެފައި ވެ އެވެ.
އަދި ފައްޔާޒް ޗެއާޕާސަންކަމާ ހަވާލުވި ފަހުން ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުނު ކަމަށާ، އޭރުވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި، ރައީސް ނަޝީދާ ދެމެދު ނުތަނަވަސްކަން އުފެދިފައި އޮތްކަން ފައްޔާޒުގެ ސިޓީގައި ފާހަގަކުރެއްވި އެވެ.
އަދި އެ ނުތަނަވަސްކަމަށް ހައްލު ހޯދުމަށާއި، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މަޝްވަރާކުރުމަށް 2022 ވަނަ އަހަރު ބޭއްވުނު ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެވުނު ކަމަށާއި، އެ ކޮންގްރެސް ނިންމާލީ ދެފަރާތުން ވެސް ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމުގެ ނިޔަތާއި އެއްބަސްވުމާއި އެކުގައި ކަމަށާ، އެހެންނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެ ބޭފުޅުން ވެސް ވާދަ ކުރައްވާނޭކަމަށް އިޝާރާތްކުރެއްވުމުން، އެއީ ޕާޓީ ބައިބައިވުމަށް މެދުވެރިވެދާނޭ ކަމެއް ކަމަށް އިހުސާސުވި ކަމަށާ، އަދި އެއީ ޕާޓީއާއި މުޅި ގައުމުގެ ކުރިމަގަށް ވެސް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސިފަވި ކަމަށް ސިޓީގައި ފައްޔާޒު ވިދާޅުވެފައި ވެއެވެ.
އެކަމަށް ހައްލެއް ހޯދުމަށްޓަކައި ނަޝީދުގެ އެދިވަޑައިގަތުމުގެ މަތީން އެމަނިކުފާނުގެ ޓީމާއެކު ފަސް ފަހަރު ބައްދަލުކުރި ކަމަށާ، އެ ބައްދަލުވުމުގައި ނަޝީދުގެ ޓީމުން ހުށަހެޅީ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަ ނުކުރުމަށާ، އެކަމުގެ ބަދަލުގައި ރިޔާސީ އިންތިހާބުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށާ، އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ކަމަށް ވީނަމަވެސް އެކަމުގައި ދެފަރާތުން އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ހުއްޓާލީ ކަމަށް ވެސް ފައްޔާޒް ވިދާޅުވެފައި ވެއެވެ.
އޭގެ ފަހުން ސޯލިހުގެ ހުށަހެޅުންތަކާއެކު ނަޝީދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުން އެއްބަސްވުމަކަށް އާދެވުނު ކަމަށާ، އެފަހަރު އެއްބަސްވެވުނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ސޯލިހު ވާދަކުރެއްވުމަށާއި، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާމެދު ރިޔާސީ އިންތިހާބުގެ ކުރިން ވޯޓެއް ނެގުމަށާއި އެ ވޯޓުގައި އެމްޑީޕީން ވަކި ކޮޅެއް ނުނެގުމަށް ކަމަށް ވެސް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އެ ޝަރުތުތަކަށް ދެފަރާތުން އެއްބަސްވުމުން ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަތް ކަމަށާ ޕާޓީގެ އެއްބައިވަންތަކަމާއި ބާރުވެރިކަން އަލުން އާރާސްތުކޮށް އިންތިހާބު ކާމިޔާބުކުރެވޭނޭ ކަމުގެ އުއްމީދު އާވެގެން ދިޔަކަމަށް ވިދާޅުވެ، އެ ޝަރުތުތަކަށް އެއްބަސްވުމަށްފަހު ވެސް އޭގެ ދުވަސްކޮޅެއް ފަހުން އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނަށް ގަބޫލުފުޅުކުރެއްވުނީ ރައީސް ނަޝީދާއެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިއުމަށް ކަމަށް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ނަތީޖާއެއްގެ ގޮތުން ޕްރައިމަރީގައި އެ ދެބޭފުޅުން ވެސް ވާދަކުރެއްވީ ކަމަށާ، އެ ޕްރައިމަރީ ނިމުނުއިރު އެތައް އަހަރެއް ވަންދެން އެކުގައި އިސްލާހީ މަސައްކަތުގައި ދުވަސް ހޭދަކުރި ރަހުމަތްތެރިންނާ މޫނު ކެނޑި، އާއިލާއެއްގެ ގޮތުގައި އޮތް ޕާޓީ ދެފަޅިވެ، ރިޔާސީ އިންތިހާބު ވެސް ގެއްލި ދިޔައީ ކަމަށް ވެސް ފައްޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވީއިރު ވެސް ޕާޓީ އޮތީ އެ ނުތަނަވަސް ކަމުގެ ތެރޭގައި ކަމަށް ފާހަގަކުރެއްވާ ފައްޔާޒް ވިދާޅުވީ، އެ އިންތިހާބުގައި ދެ ޕާޓީ ގުޅިގެން އުފައްދާ ކޯލިޝަނަކުން ގޮނޑިތަކަށް ވާދަކުރުމަށް ހުށަހެޅުމުން އެ ހުށަހެޅުމަށް ތާއީދު ނުލިބުނު ކަމަށެވެ.
މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބުވީ ކޮންމެ ގޮނޑިއެއްވެސް ނާކާމިޔާބުވެފައި އޮތީ ވަރަށް ކުޑަ ފަރަގަކުން ކަމަށް ވިދާޅުވެ، ފައްޔާޒު ވިދާޅުވީ އެކުގައި ކުރިއަށް ދެވުނު ނަމަ އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވާ ފައްޔާޒް ދާދި ދެންމެ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ އަސާސީ ހައްގުތަކާއި ރައްޔިތުންގެ ބާރުވެރިކަން ހޯދައިދިން ޕާޓީގެ މެންބަރުންނާއެކު ގާތުން މަސައްކަތް ކުރެއްވުމަކީ އެޞޭފުޅާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފް ކަމަށާ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ޕާޓީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި ވެސް އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.
"ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ޗެއަރޕާސަންގެ މަގާމުން މިވަގުތުން ފެށިގެން އަޅުގަނޑު އިސްތިއުފާ ދީފީމެވެ. އެ މަގާމުގައި އަޅުގަނޑު ހުރި މުއްދަތުގައި ޕާޓީގެ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހިތްވަރުގަދަ އާންމު މެންބަރުންނާއި ޕާޓީގެ ކަންކަމުގައި ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ގައުމީ މަޖިލީހާއި ސެކްރެޓޭރިއޭޓުގެ މެންބަރުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ." ފައްޔާޒް ވިދާޅުވިއެވެ.




