ލަންކާގައި ފެންބޮޑުވުމުން ރައްކާތެރި ވުމަށް ބަޔަކު މަސައްކަތްކުރަނީ - ފޮޓޯ: އޭއެފްޕީ
ލަންކާއިން ޚަބަރު ނުވެގެން ހޯދި ދިވެހި އާއިލާ ސަލާމަތުން ތިބިކަން ކަށަވަރުވެއްޖެ
މަރްޔަމް މުޙައްމަދު 29 ނޮވެމްބަރ 2025 (ހޮނިހިރު)   07:24
ބާރުގަދަ ތޫފާނެއް ކަމަށްވާ "ޑިޓުވާ"ގެ ސަބަބުން އަވައްޓެރި ސްރީލަންކާއަށް މޫސުން ވަރަށް ގޯސްވެ މިހާތަނަށް 56 މީހެއްގެ ފުރާނަ ގޮސް ނުރައްކާތެރި ގިނަ ހާދިސާތަކެއް ހިނގަމުން ދަނިކޮށް، ލަންކާގައި ތިބި ދިވެހި އާއިލާއެއްގެ އެއްވެސް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އެ އާއިލާގެ ޚަބަރު ވެއްޖެ ކަމަށް ލަންކާގެ ދިވެހި އެމްބަސީން ބުނެފިއެވެ.

ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން މީޑިއާ އަށް މައުލޫމާތު ދިން ގޮތުގައި ނުވަރަލިޔާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ދިވެހި އާއިލާއަކާ ނުގުޅިގެން އެ އެމްބަސީއަށް ރިޕޯޓް ކޮށްފައި ވެއެވެ. އަދި އެ އާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށާ، އެ މީހުންނާ ނުގުޅިގެން ރިޕޯޓު ކުރުމާއެކު، އެމީހުނާ ގުޅޭތޯ އެ އެމްބަސީއިން މިހާތަނަށް ކުރި މަސައްކަތުން މިހާރު ވަނީ އެމީހުންނާ ގުޅިފައި ކަމަށާ، އަދި އެމީހުން ތިބީ ސަލާމަތުން ކަމަށް، ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ރޭ ބުންޏެވެ.

އަދި އެ މީހުންނާ ގުޅޭގޮތް ނުވެ ދިޔައީ، އެމީހުން ތިބި ސަރަހައްދުން ކަރަންޓު ކެނޑިފައި އޮތުމުން ކަމަށާ، އެ މީހުން ތިބީ ލަންކާ މީހެއްގެ ގޭގައި ހެޔޮހާލުގައި ސަލާމަތުން ކަމަށްވެސް އެމްބަސީއިން ބުނެއެވެ.

1800 އެއްހާ ދިވެހިން ދިރިއުޅެމުން އަންނަ ސްރީލަންކާއަށް ކުރަމުން އަންނަ ވިއްސާރައިގައި ފެންބޮޑުވުމުގެ އިތުރުން, ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވެސް ހިނގަމުން އަންނައިރު، ދިވެހީން އެންމެގިނައިން ދިރިއުޅެމުން އަންނަ ވެރިރަށް ކޮލޮމްބޯ އަށް ވެސް އެކިވަރުގެ ގެއްލުންތައް ވަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަދި ކެލާނީ ކޯރު ވާދީގެ ތިރި ސަރަހައްދުތަކަށް ފެންބޮޑުވެދާނެކަމުގެ ރެޑްއެލާރޓް ވެސް މިހާރު ނެރެފައި ވާއިރު، ލަންކާގައި ދިރިއުޅޭ އާއިލާތަކުގެ ސަލާމަތީ ކަންކަން ދިވެހި އެމްބަސީއިން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށާ، ސްރީލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ ފޯން ނަމްބަރު، 94761886666+ އަށް ގުޅުމަށް ވެސް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން އެދެ އެވެ.

ތޫފާން ޑިޓުވާގެ ސަބަބުން އެތައް ބަޔަކު މަރުވެ ގެދޮރު ގެއްލި، ވީނުވިއެއް ނޭނގި ގެއްލިފައި ވާއިރު، އެ ގައުމުގެ އާންމުންނަށް އެހީތެރިވެދިނުމަށް އެމަޖެންސީ އިންތިޒާމްތަކެއް، ލަންކާގެ ރައީސް ޑިސަނަޔަކެ ވަނީ ހަމަޖައްސައިދީފައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.

ކޮމެންޓް