
މައުލޫމާތު ލިބޭގޮތުގައި އެ އާއިލާ ދިޔައީ ސްރީލަންކާގެ ނުވަރަ އެލިޔާއަށް ކަމަށް ވާއިރު، އެ އާއިލާގެ ޚަބަރެއް ނުވެގެން މިހާރު އެކަން ވަނީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ރިޕޯޓު ވެސް ކޮށްފައެވެ.
ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ލަންކާއަށް ދިޔަ އާއިލާއެއްގެ ހަބަރެއް ނުވެގެން މާލެއިން ރިޕޯޓްކޮށްފައިވާ ކަމަށާ، އެކަން ވަރަށް ގާތުން، ވަރަށް ސީރިއަށްކޮށް މިހާރު ބަލަމުން އަންނަ ކަމަށެވެ.
މަސްއޫދު މައުލޫމާތު ދެއްވި ގޮތުގައި އެ އާއިލާއަކީ، އެއީ ދަތުރު ގޮސް ނޫރަލިޔާ ހިސާބު ދުރުގައި ދަތުރުކުރަމުން ދިޔަ އާއިލާއެއް ކަމަށެވެ.
ލަންކާގައި ދިރިއުޅޭ އާއިލާތަކުގެ ސަލާމަތީ ކަންކަން ދިވެހި އެމްބަސީއިން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށާ، ސްރީލަންކާގައި ދިރިއުޅޭ އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ ފޯން ނަމްބަރު، 94761886666+ އަށް ގުޅުމަށް ވެސް ލަންކާގައި ހުންނަ ދިވެހި އެމްބަސީއިން އެދެ އެވެ.
ތޫފާން ޑިޓުވާގެ ސަބަބުން އެތައް ބަޔަކު މަރުވެ ގެދޮރު ގެއްލި، ވީނުވިއެއް ނޭނގި ގެއްލިފައި ވާއިރު، އެ ގައުމުގެ އާންމުންނަށް އެހީތެރިވެދިނުމަށް އެމަޖެންސީ އިންތިޒާމްތަކެއް، ލަންކާގެ ރައީސް ޑިސަނަޔަކެ ވަނީ ހަމަޖައްސައިދީފައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެއެވެ.
ނިއުސް އަޕްޑޭޓް:
މިރޭ 9:00 ހާއިރު މައުލޫމާތު ލިބުނު ގޮތުގައި އެމީހުންނާ މިހާރު ވަނީ ގުޅިފައެވެ.




