އިރާނުގެ ގައުމީ ފުޓުބޯޅަ ޓީމް - ފޮޓޯ: ރޮއިޓާރޒް
ވޯލްޑް ކަޕުގައި ބައިވެރިނުވުމަށް އިރާނުން ނިންމައިފި
ޖުނާން އަޙުމަދު 12 މާރޗް 2026 (ބުރާސްފަތި)   10:56
ވޯލްޑް ކަޕް 2026ގައި ބައިވެރިނުވުމަށް އިރާނުން ނިންމާ އެކަން އިއުލާނުކޮށްފިއެވެ.

ވޯލްޑް ކަޕް 48 ޓީމާއެކު ޖޫން 11 ން ޖުލައި 19 އަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވަން ނިންމާފައިވާއިރު، މިދިޔަ ހަފްތާގައި ފީފާއިން އެޓްލާންޓާގައި ބޭއްވި ވޯލްޑް ކަޕްގެ ތައްޔާރީތަކާއި ގުޅޭ ސަމިޓްގައި އިރާނުން ބައިވެރިނުވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.

ވޯލްޑް ކަޕް 2026ގައި ބައިވެރިނުވުމަށް އިރާނުން ނިންމާ، އިރާނުގެ ގައުމީ ޓީވީގައި މިކަން އިއުލާނުކުރެއްވީ އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ދޮންޔަމާލީ އެވެ.

ދޮންޔަމާލީ ވިދާޅުވީ، ވޯލްޑްކަޕް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއިން އީރާނަށް ދެމުންދާ ވައިގެ ހަމަލާތަކާއި، އެމެރިކާގެ ފަސާދަ ވެރިކަމުން އީރާނުގެ ވެރިޔާ ޝަހީދުކޮށްލުމާ ގުޅިގެން ވޯލްޑްކަޕްގައި އީރާނަށް ބައިވެރި ވެވޭނެ އެއްވެސް ހާލަތެއް ނެތްކަމަށެވެ.

އެމެރިކާއިން ފާއިތުވި ނުވަ ވަރަކަށް މަސްދުވަހުގެ ތެރޭގައި ދެ ހަނގުރާމައާއި ކުރިމަތިލާން އީރާނަށް ޖައްސައިފި ކަމަށް ވިދާޅުވެ ދޮންޔަމާލީ ވިދާޅުވީ، މިފަދަ އަނިޔާވެރިކަމެއް އިރާނާއި ދެކޮޅަށް އެމެރިކާއިން ހިންގާ އެތައް ހާސް މީހުން ޝަހީދުކޮށްފައި ވާއިރު، ހަމަ ޔަގީނުންވެސް އިރާނަށް މިފަހަރުގެ ވޯލްޑްކަޕްގައި ބައިވެރި ނުވެވޭނެ ކަމަށެވެ.

މީގެ ދެ ހަފްތާ ކުރިން އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ހަމަލާތައް ދޭން ފަށާފައި ވާއިރު، އެމީހުން ވަނީ، އިރާނުގެ ރޫހީ ލީޑަރު ހާމަނާއީ ޝަހީދުކޮށްލާ، ގަލްފު ސަރަހައްދު ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލާފައެވެ.

ކޮމެންޓް