އޮކްޓޯބަރު 3 ގައި އެމްޑީޕީން ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން.-- ފޮޓޯ: ޙަސަން އިބްރާހީމް | ފިޔެސް
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުވައިދިނުމަށް އެދި އެމްޑީޕީން ކޯޓަށް
ޖުނާން އަޙުމަދު 24 ފެބްރުއަރީ 2026 (އަންގާރަ)   17:58
ރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގެ ތެރެއިން މައި ދެ އިންތިހާބުކަމުގައިވާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން ރައީސް މުއިއްޒު ނެރުއްވި ގަރާރު ބާތިލު ކޮށްދީ އެ ވޯޓު ހުއްޓުވައިދިނުމަށް އެދި އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން މިއަދު ކޯޓަށް ހުށަހަޅަން ނިންމާފައިވާކަން އެ ޕާޓީން ހާމަކޮށްފިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރައްވާ، އެ ޕާޓީގެ ތަރުޖަމާނު އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، ކައުންސިލް އިންތިހާބާ އެކު ރިފަރެންޑަމް ވޯޓު ނަގަން ސަރުކާރުން ނިންމީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށްޓަކައި ކަމަށާ، އެހެންކަމުން އެ ގަރާރު ދިރާސާކޮށް ބެލުމަށް ފަހު، އެއީ ޤާނޫނާ ހިލާފު ގަރާރެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި މިއަދު ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އަދި އެ ގަރާރަށް ގޮތެއް ނިންމުމުގެ ކުރިން، ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވުމަށް އެކަމާ ގުޅޭ ގޮތުން ވަގުތީ އަމުރެއް ނެރެން ޖެހޭ ކަމަށް ވިދާޅުވެ މައުރޫފް ވިދާޅުވީ،  އެހެން ނޫން ނަމަ، އެ ކަމަކީ ދިވެހި ރައްޔިތުންނާއި، ދިވެހި ރާއްޖެ އަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތި ވެދާނެ ކަމެއް ކަމަށެވެ.

"ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށް، ދިވެހި ރައްޔިތުން މިހާ ހިސާބަށް ތަޖުރިބާ ކުރަމުން އައި ވޯޓުލުމުގެ ހައްގު ނިމުމަކަށް ގެނެސް، ވަކި މީހެއްގެ ބާރުގެ ދަށަށް މުޅި ގައުމާއި ސިޔާދަތު ދޫކޮށްލައިގެން ތިބެވޭކަށް، އަޅުގަނޑުމެނަކަށް އެއްބަސްވެވޭކަށް ނެތޭ އިންތިހާބުތައް އެއްކޮށްލުމަކަށް،" - މައުރޫފް ޒާކިރް

މައި ދެ އިންތިހާބު އެއްކޮށްލުމަށް ނިންމަވައި، އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު އެކަމާގުޅޭ ރެފަރަންޑަމް ވޯޓު ބާއްވަން ރައީސް މުއިއްޒުގެ ގަރާރެއް ނެރުއްވީ މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ.

ކޮމެންޓް