
ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ އިނާމް ހާސިލްކުރައްވާފައިވާ އަދި މޯލްޑިވްސް މިޑިއާ ކައުންސިލްގެ މެންބަރުކަމުގެ މަގާމާއި، އެޓާނީ ޖެނެރަލް އޮފީހުގެ ކޮމިއުނިކޭޝަން ޑައިރެކްޓަރގެ މަގާމުވެސް ފުރުއްވި ހުސެއިން މިފަދައިން ވިދާޅުވީ، އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި، އެމްޑީޕީން މާލެ ސަރަހައްދާ މެދުގައި އެންމެފުރަތަމަ ގެންގުޅުނު ތަސައްވުރަކީ ވެސް މި ސަރަހައްދަކީ ގުޅި ލާމެހިގެން އަންނަ ބޮޑު ސަރަހައްދަކަށް ހެދުން ކަމަށާ، މި ސަރަހައްދު ގުޅާލެވޭ ބްރިޖު ނިމޭހިސާބުގައި ބޮޑު ޖަލެއް އެޅުމަކީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް، ފިޔެސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ހުސެއިން ވިދާޅުވިއެވެ.
"ޖަލެއް އަޅާކަމުގައި ވާނަމަ ޖަލެއް އެޅުން އެންމެ ރަނގަޅީ އެކަހެރިތަނެއްގައި، ރަސްމާލެ އަކީ އެކަމަށް ވަރަށް ރަނގަޅުތަނެއް. އެއީ އަޅުގަނޑުމެން 2011 ވަނަ އަހަރު އަޅުގަނޑުމެންގެ ވެރިކަމުގައި ރައީސް ނަޝީދު އޭރު ވިދާޅުވި، މި މާލެ ސަރަހައްދު ގުޅާލާނީ ގިރާވަރުފަޅާ ހަމައަށޭ، ދެން އުތުރު ތިލަފަޅު މި އަންނަނީ، މާލެ ގުޅިލާމެހިގެން މި ދަނީ އެހިސާބަށް، ދާއިރު އަނެއްކާވެސް އެ ބްރިޖު ނިމޭހިސާބުގައި ބޮޑު ޖަލެއް އެޅީމާ އެއީ ރަނގަޅުކަމެއް ނޫން. އެކަހެރިކޮށް އަޅުގަނޑުމެންނާ ދުރުގައި މާލެސަރަހައްދާ ދުރުގައި އޮތް ރަސްމާލޭގައި އެކަންކުރުން ވަރަށް ރަނގަޅު، އެއީ އެކަން ކުރަން ވާނެ ވެސް ގޮތަކީ." - ހުސެއިން ވިދާޅުވިއެވެ.
އަދި އަންނަމަހު އަމަލީ މަސައްކަތް ފަށާނެ ކަމަށްވެސް ހޯމް މިނިސްޓަރު ފާއިތުވި ހަފުތާގައި ވަނީ ވިދާޅުވެފައެވެ. މިނިސްޓަރު މީޑިއާތަކާއި ހިއްސާކޮށްފައިވާ މައުލޫމާތުގައި ވަނީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ހޯޕް އައިލެންޑަށް އިންވެސްޓްކުރާ ބަޔަކަށް ދ. ވާނީ އާއި މާލެ އަތޮޅާއި އ. އަތޮޅުން 2 ފަޅު ދިނުމަށް ވެސް މިހާރު ހަމަޖެހިފައިވާ ކަމަށާ، މި މަޝްރޫއަށް ހަރަދުކުރަން ޖެހޭ އެންމެ ދަށް މިންވަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 15 މިލިއަން ޑޮލަރު ކަމަށެވެ.
އަދި ހޯޕް އައިލެންޑުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް މިކަމާގުޅިގެން ގިނަ އާންމުންގެ ކަންބޮޑުވުންތައް މީސްމީޑިއާގައި ވެސް ފާޅުކުރަމުން އަންނައިރު، ގިނަ ބަޔަކު ބުނަނީ، ހޯޕްއައިލެންޑްގެ ނަމުގައި އުތުރުތިލަފަޅުގައި އަޅަން އުޅޭ ޖަލަކީ 19247 އާއިލާ އެއްގެ ބޯހިޔާވަހިކަމުގެ ހައްގަށް އުނިކަމެއް އަތުވެދާނެ ކަމަކަށްވާތީ އެކަން އެގޮތަށް ނުކުރުމަށް މި ސަރުކާރަށް ގޮވާލާ ކަމަށެވެ.




