ރައީސް މުއިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި - ފޮޓޯ: ރައީސް އޮފީސް
މުދާ ކްލިއަކުރުން 24 ގަޑިއިރަށް، ޑެމެރޭޖް ނާރާ ވަގުތު 124 ގަޑިއިރަށް ބަދަލުކުރަނީ
މަރްޔަމް މުޙައްމަދު 18 ޑިސެމްބަރ 2025 (ބުރާސްފަތި)   09:06
ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއަރކުރުން 24 ގަޑިއިރަށް ބަދަލުކޮށް، އެ މުދަލަށް ޑެމެރޭޖް ނާރާ ވަގުތު 124 ގަޑިއިރަށް އިތުރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންގެ ތެރެއިން ކާގޯގެ ހިދުމަތް ހޯއްދަވާ ބައެއް ފަރާތްތަކުން ވަނީ މިހާރު އެއަރޕޯޓުގައި އެމްއޭސީއެލްއިން މުދާ ކްލައަރ ކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭކަމަށެވެ.

އެހެންކަމުން މުދާ އެތެރެކޮށް ގިނަ ވަގުތު ބަހައްޓަން ޖެހުމުން އެއަށް ދައްކަން ޖެހޭ އަގު ނުވަތަ ޑެމަރޭޖް ފީ އިތުރުވެގެންދާކަމަށް ވިޔަފާރިވެރިން ފާހަގަކުރަމުން އަންނާތީ، މުދާ ކްލިއަކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން އެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތު ކުރެވުނު މަޝްވަރާތަކާއެކު، މުދާ ބަހައްޓައިގެން އަގު ދައްކަން ނުޖެހޭ ވަގުތު ނުވަތަ ޑެމަރޭޖް ނާރާ ވަގުތު މިހާރު 80 ގަޑިއިރު އޮތް ނަމަވެސް އެކަން ބަދަލުކޮށް އެވަގުތު އިތުރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، އަދި ހަމަ އެއާއެކު މުދާ ކްލިއަރ ކުރުމުގެ މަސައްކަތް 24 ގަޑިއިރު ކުރެވޭނެހެން އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ޑެމަރޭޖް ދައްކަން ޖެހި ބޮޑު ހަރަދެއް އަތުންދާކަމަށް ވިދާޅުވި. މިކަމުގައި އެމްއޭސީއެލްއާއި މަޝްވަރާކޮށްލާފައި މި ނިންމީ މި 80 ގަޑިއިރު 124 ގަޑިއިރަށް، ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނަން. އަދި ކަސްޓަމްސްއާއި އެމްއޭސީއެލް ގުޅިގެން ކްލިއަރިން މަސައްކަތަށް މިހާރު މިއޮންނަނީ 1 ޝިފްޓް ނޫނީ 2 ޝިފްޓް ގާތްގަނޑަކަށް 18 ގަޑިއިރު. އެގޮތަށް އޮތުމުގެ ބަދަލުގައި ރައުންޑް ދަ ކްލޮކް 24 ގަޑިއިރަށް ބަދަލުކޮށްދޭނަން."

- ރައީސް މުއިއްޒު

ސަރުކާރުން ބޭނުންވަނީ ގޯސްކޮށް ހުރި ކަންކަން ހަރުދަނާކޮށް ރަނގަޅަށް ހިންގަމުންދާ ކަންކަން އިތުރަށް ރަނގަޅުކުރުމަށްކަމަށް ވިދާޅުވެ، ޖުމްލަކޮށް ވިޔަފާރިވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް މަޝްވަރާކޮށް ހައްލު ހޯއްދާވާނެކަމުގެ ޔަގީންކަންވެސް ރައީސް މުއިއްޒު ދެއްވިއެވެ.

އެގޮތުން، ބޭރުން މުދާ ގެންނަ ވިޔާފާރިވެރިންނަށް އެއަރޕޯޓު އަދި ސީޕޯޓުތަކުގައި ދިމާވާ ހުރިހާ ދަތިތަކެއް ހައްލުކޮށްދިނުމަށް އެކަމުގައި މަޝްވަރާކޮށްގެން ހައްލު ގެނެސްދެއްވާނެކަމަށާ، ވިޔަފާރިވެރިން ފާޅުކޮށްފައިވާ ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނޭ ބިދޭސީންގެ ކޯޓާ މައްސަލައާއި ބިލްތަކަށް ފައިސާ ނުލިބި ދައުލަތަށް ޓެކްސް ދައްކަން ޖެހުން ފަދަ މައްސަލަތަކުގައި، ކަމާއި ގުޅުން ހުރި އިދާރާތަކުގެ މަޝްވަރާ ހޯއްދަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދަޅުވިއެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރައްވާނެކަމަށާ، އެފަދަ ވިޔަފާރިތަކަށް، އެއް އުޅަނދުނަމަވެސް ރަޖިސްޓްރީ ކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމު ކުރުމަށް މަޝްވަރާކުރައްވާނެކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ތިލަފުށީގައި މިއަންނަ މަހު ބީއެމްއެލްގެ އޭޓީއެމްއެއް ބަހައްޓާނެކަން ވެސް ހާމަކުރައްވާ އެމަނިކުފާނު ވަނީ، ފައިސާ ނުލިބި ހުރި ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ، ދައުލަތުން އެފަރާތްތަކަށް ދައްކަން ހުރި ފައިސާއިން ކަނޑާލެވޭނެ ގޮތަށް ވީހާވެސް ގިނަ ފަރާތްތައް ހިމެނޭނެހެން ރަނގަޅު އިންތިޒާމެއް ހަމައްޖައްސަވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓް