
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްޔިތުންނާ އެކީ ރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ އެ 4000 ފްލެޓުގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަން ޖެހޭ މަހު ކުލި 10،500 ރުފިޔާ 10،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 25،000 ރުފިޔާ 8،500 ރުފިޔާއަށް ކުޑަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ތިން ކޮޓަރީގެ ފްލެޓުތަކުގެ އިތުރުން، ދެ ކޮޓަރީގެ ފްލެޓުތަކަށް ދައްކަންޖެހޭކަމަށް މި ސަރުކާރުން ކަނޑައެޅި މަހުކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކޮށް، އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ އަދަދު އެއް މަހުގެ ކުއްޔަށް ވާ ވަރަށް ކުޑަކުރަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ރޭ ވިދާޅުވިއެވެ.
އެޑްވާންސް ފައިސާ މިގޮތަށް ކުޑަކޮށްދެއްވުމާ ގުޅިގެން އެޑްވާންސް ކުރިން ދެއްކި މީހުންގެ ފައިސާ، މަހު ކުލިން އުނިކުރުމަށް ނިންމިކަން ހާމަކޮށް ހައުސިން މިނިސްޓްރީން މީސްމީޑިއާގައި ބުނެފައި ވަނީ، ތިން ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 8،500ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން "އެޖެސްޓު" ކޮށްދޭނެ ކަމަށެވެ. އަދި ދެ ކޮޓަރީގެ ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000ރ. ދެއްކި މީހުންގެ އަތުން ކުޑަކުރި ޑިޕޮސިޓް ފައިސާ ކަމަށްވާ 6،000ރ. އުނިކޮށް ބާކީ ހުރި ފައިސާ ކުރިއަށް ހުރި މަސްތަކުގެ ކުލިން "އެޖެސްޓު" ކޮށްދޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޑައުންޕޭމަންޓު ކުޑަކޮށްދީ، އެތަންތަނުގެ ކުލި ކުޑަކޮށްދިން ދިނުމާގުޅިގެން މީސް މީޑިއާގައި ބައެއް ރައްޔިތުން ބުނަމުންދަނީ، އެ ފްލެޓުތަކުގެ ކުލިން ކުޑަވެގެން އެ ދިޔައީ އެންމެ 500 ރުފިޔާކަމަށާ އެއީ މީގެކުރީގެ ސޯޝަލް ހައުސިންތަކުން ކުޑަކޮށްދެއްވި ކުލީގެ އަދަދާ އަޅާބަލާއިރު، ވަރަށް ކުޑަ މިންވަރެއްކަމަށެވެ.
އަދި ކުރީ ސަރުކާރުން 7000 ރުފިޔާގެ ކުއްޔެއް ނަގަން ނިންމާފައި ވަނިކޮށް، މި ސަރުކާރުން ބޮޑުކުރި ކުލި ކުޑަކޮށްދެއްވި ކަމަށް ވާނީ 7000 ރުފިޔާއަށް ވުރެން ކުޑަކޮށްދިނުުމުން ކަމަށް ބުނެ މީސް މީޑިއާގައި ބައެއް ރައްޔިތުންގެ ކަންބޮޑުވުން ވަނީ ހިއްސާކޮށްފައެވެ.




