ފާއިތުވި އެމްޑީޕީ ސަރުކާރުގެ ފްލެޓުތައް އެ ސަރުކާރުގެ ރައީސް ބައްލަވާލައްވަނީ - ފޮޓޯ:ރައީސްއޮފީސް
ޝަރުތުހަމަވަނީ ކިތައް ކޮޓަރިއަށްތޯ މީގެފަހުން ކަނޑައަޅާނީ މިނިސްޓްރީން
މަރްޔަމް މުޙައްމަދު 29 ޑިސެމްބަރ 2025 (ހޯމަ)   17:57
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިމާރާތްކުރާ ފުލެޓުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، އެމީހަކު ޝަރުތުހަމަވަނީ ކިތައް ކޮޓަރީގެ ފްލެޓަކައްތޯ ހައުސިން މިނިސްޓްރީން ކަނޑައަޅާގޮތަށް އުސޫލު ބަދަލުކޮށް ރޭ ދަންވަރު އާންމުކޮށްފިއެވެ.

ހުސްވި ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އިފުތިތާހުކުރި މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ފުދުންތެރިންނާއި ފަގީރުން ހިމެނޭހެން، 7،500 ފުލެޓާއި 15،000 ގޯތި ދޫކުރާނެ ގޮތުގެ އުސޫލު ވަނީ ހާމަކޮށްފައެވެ.

މި ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން، އަމަލުކުރާނެ އުސޫލު ހައުސިން މިނިސްޓްރީން އާންމުކޮށްފައި ވާއިރު، އެ އުސޫލުގައިވާ ގޮތުން، ފުލެޓަށް އެދި ފޯމު ހުށަހަޅާ ފަރާތުން ބޭނުންވަނީ ދެ ކޮޓަރީގެ ފުލެޓެއްތޯ، ނުވަތަ ތިން ކޮޓަރީގެ ފުލެޓެއްތޯ އިހުތިޔާރުކުރެވޭނެއެވެ.

ނަމަވެސް ދިރިއުޅުމުގެ ހާލަތަށް ބަލައި، ޝަރުތު ހަމަވަނީ ކިތައް ކޮޓަރީގެ ފުލެޓަކަކަށްކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށާ، މާލޭގައި ދިރިއުޅޭ މީހުންނަށް ޕޮއިންޓު ގިނަވާނެ ކަމަށް އެ އުސޫލުގައި ވެއެވެ.

އަދި އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަ ކުރިމަތި ނުލެވޭނެ ކަމަށާ، އަދި އަމިއްލަ ނަމުގައި އެއްވެސް ބޯހިޔާވަހިކަމެއް އޮތް ނަމަ ވެސް ކުރިމަތި ނުލެވޭނެ ކަމަށް އެ އުސޫލުގައި ވެއެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާހު ކުރަމުން ހައުސިން މިނިސްޓްރީން ބުނެފައި ވަނީ، މި ސަރުކާރުން ފުލެޓުތައް ދޫކުރަން ނިންމާފައިވަނީ ދެ މޮޑެލަކަށް ކަމަށެވެ.

އެއީ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް ނުވަތަ ހެޔޮ އަގުތަކުގައި ފުލެޓުތައް ކަށަވަރުކުރެވޭ މޮޑެލަކާއި، ރެންޓް ޓު އޯން، ނުވަތަ މަހުކުލި ދައްކައިގެން ފުލެޓު މިލްކުކުރެވޭ މޮޑެލެއް ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެެވެ.

އޭގެތެރެއިން އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް ނުވަތަ ހެޔޮ އަގުތަކުގައި ފުލެޓުތައް ކަށަވަރުކުރެވޭ މޮޑެލްގެ ދަށުން ފުލެޓަށް ކުރިމަތިލާ ފަރާތްތަކަކީ ފުލެޓު މިލްކުކުރުމަށް އެދޭ ފަރާތްތަކަކަށް ވެފައި، ބޭންކުން ދޫކުރާ ހައުސިން ފެސިލިޓީތަކަށް ޝަރުތު ހަމަވާން ވާނެކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

އަދި ރެންޓް ޓު އޯން، ނުވަތަ މަހުކުލި ދައްކައިގެން ފުލެޓު މިލްކުކުރެވޭ މޮޑެލެވެ. މި މޮޑެލަށް ޝަރުތު ހަމަވާނީ 60،000 ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ، އަދި ބޯހިޔާވަހިކަމުގެ އަސާސީ ރަށްވެހިކަމުގެ ޝަރުތުހަމަވާ މާލޭ ރަށްވެހިންނަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން މައުލޫމާތު ދެއެެވެ.

ކޮމެންޓް