ހުޅުމާލެ.--
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
މަރްޔަމް މުޙައްމަދު 21 ޑިސެމްބަރ 2025 (އާދީއްތަ)   22:59
ހުޅުމާލޭ ފޭސް އެކަކާއި ފޭސް ދެއަކުން ދޫކޮށްފައިވާ ގޯތިތަކުގައި 10 ބުރިއަށް އިމާރާތް ކުރެވޭނެ ގޮތަށް ގަވާއިދުތައް ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައްޔިތުންނާއި ގާތުން ބައްދަލުކުރުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ބައްދަލުކުރެއްވުމުގެ ތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.

"މި ދެ ފިޔަވަހީގައި ދޫކޮށްފައިވާ ގޯތިތަކުގައި އިމާރާތް ކުރެވޭ އުސްމިން ވައުދުވެފައިވާ ގޮތަށް 10 ބުރިއަށް ބަދަލުކޮށްދޭނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ނަމަވެސް، 10 ބުރިއަށް އިމާރާތް ކުރާނަމަ އިމާރާތުގެ އެންމެ ތިރީ ފްލޯ ޕާކިންއަށް ހާއްސަކުރަން ޖެހޭނެ ކަމަށާއި އިތުރު އެއް ފްލޯ ކޮމާޝަލް ބޭނުމަށް ހާއްސަކުރަން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ދެ ފުލޯރ ގޭގައި ދިރިއުޅުމަށް ނޫނީ އެހެން ފަރާތަކަށް ކުއްޔަށް ދެވިދާނެ. 4 ފްލޯރ ލިބޭއިރުގައި އޭގެ ތެރެއިން ގްރައުންޑް ފްލޯރ ކަނޑައަޅަން ޖެހޭނީ އޭގެގެ ބޭނުމަށް ޕާކިންއަށް ދެން އިތުރު އެއްފްލޯ އާމްދަނީ ހޯދުމަށް ދެން ދެ ފްލޯރ ރެސިޑެންޝަލް ބޭނުމަށް ބޭނުން ކުރެވިދާނެ. 10 ބުރިއަށް ނެގޭ ގޮތައް ގަވާއިދަށް ބަދަލުގެނެސް ދެ ފޭސްގެ ފަރާތްތަކަށް އެކަން ކޮށްދޭނަން" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން، ގޯތި ލިބިފައިވާ ފަރާތްތަކަށް ފައިސާ ދައްކައިގެން އަމިއްލަ ކުރެވޭ ގޮތަށް އޮތްއިރު އެގްރީމެންޓުގެ ޖުމްލަ އަގުގެ 10 ޕަސެންޓު ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް