އަކުއަ ވީޓާ އެޕާޓްމަންޓްތައް ހިމެނޭ އިމާރާތުގެ ކުރެހުމެއް.--
އަކުއަ ވީޓާ އެޕާޓްމަންޓް ގަތް މީހުންނަށް އެޗްޑީސީން ހުރަސްއަޅަނީ
ފިޔެސް 22 ޑިސެމްބަރ 2025 (ހޯމަ)   11:58
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ އެންމެ ހިތްފަސޭހަ އެއް ސަރަހައްދުގައި އިމަރާތް ކޮށްފައިވާ އަކުއާ ވީޓާ ރެސިޑެންސް އިން އެޕާޓްމަންޓް ގަނެފައިވާ ފަރާތްތަކަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުރަސްތަކެއް ކުރިމަތިކުރަމުން އެބަ ދެއެވެ.

14 ބުރީގެ ލަގްޒަރީ އެޕާޓްމެންޓް ކޮމްޕްލެކްސް އެއް ކަމަށްވާ އަކުއަ ވީޓާ އިން އެޕާޓްމަންޓް ބައްލަވައިގެންފައިވާ އެއްބޭފުޅަކީ، ފުޅާދާއިރާއެއްގައި ރާއްޖެއަށް ޓޫރިސްޓުން ގެންނަ ރިސޯޓްލައިފްގެ ވެރިޔާ ޝާޒް ވަލީދެވެ.

ޝާޒް ވަނީ އޭނާއަށް އެޗްޑީސީން ފޮނުވާފައި އޮތް ސިޓީ ސޯޝަލް މީޑިއާގައި އާންމު ކުރައްވާފައެވެ.

ޑިސެމްބަރު 8 ވަނަ ދުވަހު، އެޗްޑީސީ އަށް ޝާޒު ފޮނުއްވި ސިޓީގައި އެދިލައްވާފައިވަނީ ފައިސާ ދައްކައިގެން ގަނެފައިވާ ޕާކިން ސްލޮޓަށް ކާރު ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ހުއްދަ ހޯދާށެވެ.  

ޖަވާބު ސިޓީ، ޑިސެމްބަރު 18 ގައި އެޗްޑީސީން ފޮނުވިއިރު ބުނެފައިވަނީ ޝާޒް ބައްލަވައިގެންފައިވާ އެޕާޓްމަންޓަކީ އެޗްޑީސީން އިމާރާތް ބޭނުންކުރުމުގެ ހުއްދު ދޫކޮށްފައިނުވާ ޔުނިޓެއް ކަމަށެވެ. އަދި އިމާރާތް ބޭނުންކުރުމުގެ ހުއްދަ ހިފަހައްޓާފައިވަނީ ޑިވެލޮޕަރ، އެޗްޑީސީ އަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ ކަމަށެވެ.

your imageއެޗްޑީސީ އިން ޝާޒް އަށް ފޮނުވި ސިޓީ.--

މީގެ އިތުރުން އެޗްޑީސީގެ ސިޓީގައި ބުނެފައިވާގޮތުގައި އިމާރާތުގެ ތިރީ ފަންގިފިލާއަށް ބަދަލުގެނައުމަށް ހުށަހެޅި ކުރެހުންވެސް ފާސްވެފައެއް ނުވެއެވެ.

"އެގޮތުން އެކުރެހުމުގައި ބަދަލު އަންނަ ސަރަހައްދަކީ ތިޔަ ފަރާތަށް ދޫކޮށްފައިވާ ޕާކިންވެސް ހިމެނޭ ސަރަހައްދުނަމަ ވެހިކަލް ޕާމިޓް ދޫކުރެވޭ މިދެންނެވި ކުރެހުން ފާސްވުމުން ކަމުގައި ދަންނަވަމެވެ." އެޗްޑީސީގެ ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

އެހެންނަމަވެސް، ޝާޒް ހިއްސާ ކުރެއްވި އެ އިމާރާތުގެ ގްރައުންޑް ފްލޯގެ ކުރެހުން އޮތީ ފާސްކޮށްފައެވެ. އެ ކުރެހުމުގައި އެޗްޑީސީ (ކުރީގެ އާބަންކޯ) އިން ވަނީ ސްޓޭމްޕްވެސް ޖަހާފައެވެ. އެހެންވީމާ އެޗްޑީސީން އެބުނާ ވާހަކަ ދިމަލެއް ނުވެއެވެ.

ޝާޒް ވިދާޅުވި ގޮތުގައި އަކުއަ ވީޓާ އާއި އެޗްޑީސީއާ ދެމެދު މައްސަލަ އޮތްނަމަވެސް އެއީ އެ އެޕާޓްމަންޓްތަކަށް ފައިސާ ދައްކައިގެން އެތަނަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ޚިދުމަތް ލިބެން ނުޖެހޭނެ ސަބަބެއް ނޫނެވެ.

"އެޗްޑީސީ އާއި އަކުއާ ވީޓާ އާއި ދެމެދު އޮތް ފައިސާ ގެ މައްސަލަ އަކީ  އަޅުގަނޑުގެ މައްސަލައެއް ނޫން. އެގްރީމެންޓް ގައި އެޗްޑީސީގެ ފަރާތުން ވަނީ ސޮއިކޮށް ސިއްކަވެސްޖަހާފައި. އެޗްޑީސީ އާއި އަކުއާ ވީޓާ އާ ދެމެދު މައްސަލަ ހައްލު ކުރުން އެއީ އެ ދެ ފަރާތުގެ ޒިންމާއެއް." ފިޔެސް އަށް މައުލޫމާތު ދެއްވަމުން ޝާޒް ވިދާޅުވި އެވެ.

ޝާޒް ވިދާޅުވި ގޮތުގައި އެޗްޑީސީން އޭނާއަށް ފޮނުވި ސިޓީ އާންމު ކުރެއްވުމާއެކު، އެތަނުން އެޕާޓްމަންޓް ގަނެފައިތިބި އެހެން ބައެއް ފަރާތްތަކަށް ވެސް އެފަދަ އެކި ހުރަސްތައް އެޗްޑީސީން ކުރިމަތިކުރާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. 

ކޮމެންޓް