އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ފިޔެސް
އެމްޑީޕީން މަޑުޖައްސާލި ނޮވެމްބަރު 17 އެއްވުން އަންނަ އަހަރު ބޮޑުކޮށް ބާއްވަނީ
31 އޮކްޓޫބަރުގެ އެއްވުމުގައި އެމްޑީޕީން ސަރުކާރަށް ހުށަހެޅި ބޯހިޔާވަހިކަމުގެ 6 ޑިމާންޑުވެސް އެބައޮތް - އެމްޑީޕީ
މުޙައްމަދު ޤާސިމް 29 ޑިސެމްބަރ 2025 (ހޯމަ)   14:43
މި ސަރުކާރަށް ދެއަހަރު ފުރުނު ދުވަސްކަމުގައިވާ މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގޮތުން ބޭއްވުމަށް ހަމަޖެއްސި ބޮޑު އެއްވުން އެ ޕާޓީން ފަހުގެ ތާރީހަކަށް މަޑުޖައްސާލުމަށް ފަހު މި ފެށޭއަހަރުގެ ތެރޭގައި ބޮޑުކޮށް އެ އެއްވުން ބާއްވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

މިކަން ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އެމްޑީޕީގެ މައުރޫފް ޒާކިރު (މަޓޭ) އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު، ވިލިނގިލީ ދާއިރާގެ އެމްޑީޕީ ރައީސް ހުސެއިން ހަސަން އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު، ދިއްދޫ ދާއިރާގެ އެމްޑީޕީ ރައީސް އަބްދުﷲ ވަހީދު ބައިވެރިވެ ވަޑައިގެން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފިޔެސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ، ރައީސް މުއިއްޒު ރައްޔިތުންނާއެކު މިފަހުން އެ ބޭއްވި ބައްދަލުވުންތަކުގައި ރައްޔަތުން ފާޅުކުރި އެންމެބޮޑު ކަންބޮޑުވުމަކީ އެމްޑީޕީ ސަރުކާރުން ފަށާފައިވާ ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި 13763 މީހުންގެ ތެރެއިން މިހާރު ފުލެޓް ނުލިބިތިބި 9763 މީހުންނަށް ފުލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭސް ހަމަޖައްސައި، އިތުރު 7000 ފްލެޓް އެޅުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ފުލެޓްތަކުގެ މަސައްކަތް ނިންމައި ފުލެޓް ހަވާލު ކޮށްދިނުމަށް ކަން އެމްޑީޕީން ފާހަގަކުރާ ކަމަށެވެ.

އަދި ގެދޮރުވެރިޔާގެ ދެވަނަ ސްކީމުގައި ހުޅުމާލެއިން 8000 ފްލެޓަށް ކުރިމަތިލި 21347 އާއިލާގެ ފޯމްތައް އިވެލުވޭޓްކޮށް ފުލެޓް ލިބޭފަރާތްތައް ކަނޑައަޅައި ދިނުމަށް ވެސް އެ ރައްޔިތުން ރައީސް މުއިއްޒުގެ އަރިހުގައި އާދޭހާއެކުގައި ދެންނެވި ނަމަވެސް އެ ބޯހިޔާވަހިކަން ހޯދުމަށް ރައްޔިތުން ކުރި އާދޭހަށް އިހްތިރާމް ކުރުމެއްނެތި ފުރަތަމަ ސްކީމުގެ 7000 ފުލެޓް އެޅުމަށް ކަނޑައަޅާފައިވާ ބިންތަކާއި، ދެވަނަ ސްކީމުގައި 8000 ފުލެޓް އެޅުމަށް ކަނޑައަޅާފައިވާ ބިންތައް ލަގްޒަރީ އެޕާޓްމެންޓް އެޅުމަށް އެޗްޑީސީން ވިއްކަން އިއުލާން ކޮށްފައިވާތީ އެމްޑީޕީން އެކަމާ ނުހަނު ކަންބޮޑުވާ ކަމަށް ވެސް މަޓޭ ވިދާޅުވިއެވެ.

އަދި ހުސްވި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބޭއްވުމަށް ނިންމާފައިވާ ބޮޑު އެއްވުން ވަނީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައި ކަމަށް ވީނަމަވެސް، އެ އެއްވުން މި ފެށޭ 2026 ވަނަ އަހަރުގެ ތެރޭގައި ބޮޑުކޮށް ބޭއްވުމަށް ރާއްވަވަމުން ގެންދަވާނެ ކަމަށް ވިދާޅުވެ މަޓޭ ވިދާޅުވީ، މިއަހަރުގެ އޮކްޓޯބަރު މަހުގެ 31 ވީ ހުކުރުދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އެ އެއްވުމުގައި ސަރުކާރަށް 6 ޑިމާންޑެއް ހުށަހެޅި ނަމަވެސް، އެ ޑިމާންޑުތަކަށް މި ސަރުކާރުން ބީރުކަންފަތެއް ދީފައި ވުމުން، އެމްޑީޕީން ދެން ބާއްވާ އެއްވުމެއްގައި ނުކުންނާނީ އެ ޑިމާންޑުތަކާ ވެސް އެކުގައި ކަމަށް މަޓޭ ވިދާޅުވިއެވެ.

މިއަހަރުގެ އޮކްޓޯބަރު މަހުގެ 31 ވީ ހުކުރުދުވަހުގެ ރޭ ބޭއްވި ބޯހިޔާވަހި ކަމުގެ އެއްވުމުގައި އިއްވި 6 ޑިމާންޑަކީ:

  1. މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި ބިންވެރިޔާ އާއި ގެދޮރުވެރިޔާ ދެ ސްކީމުގެތެރެއިން ފުރަތަމަ ސްކީމްގައި ޝަރުތުހަމަވި 22766 އާއިލާ އާއި ދެވަނަ ސްކީމަށް ކުރިމަތިލި 40594 އައިލާގެ ތެރެއިން ޝަރުތު ހަމަވާނެކަމަށް ބެލެވޭ 29234 އާއިލާ އާއިއެކު ޖުމުލަ ފަންސާސް ދެހާސް އާއިލާއެއްގެ ދެ ލައްކަ އަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ބްރިޖުން ގުޅާލެވެންހުރި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ބިންހިއްކަން ފަށާފައިވާ 645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ނިންމުމަށް ފަހުގައި މެނުވީ "ރަސްމާލެ" ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުން.
  2. ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި 13763 މީހުންނަށް ފުލެޓް ދިނުމަށް ކުރީ ސަރުކާރުން ފާށާފައިވާ 11000 ފުލެޓްގެ ތެރެއިން ނިމިފައިވާ 4000 ފުލެޓް 15 ނޮވެމްބަރު 2023 ގައި އިއުލާންކުރި ފްލެޓު ލިސްޓުގައި ފްލެޓު ލިބޭނެކަމަށް ކަނޑައަޅައި އެގްރިމެންޓު ހަދާފައިވާ ފަރާތްތަކަށް އެ ލިސްޓުގައިވާ ގޮތަށް ފުލެޓު ދިނުމަށާއި، އަދި ބާކީތިބި 9763 މީހުންނަށް ފުލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭސް ހަމަޖައްސައި، އިތުރު 7000 ފްލެޓް އެޅުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ފުލެޓްތަކުގެ މަސައްކަތް ފެށުން.
  3. މީގެ ކުރިން ވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޯހިޔާވަހި ކަމުގެ އެއްބަސްވުމަކީ ގަނެވިއްކާ އެއްބަސްވުމަކަށް ވީހިނދު، ފަހި ދިރިއުޅުން 4000 ފްލެޓު ދިނުމުގައި މި ސަރުކާރުން ހަދަމުންދާ ކުލީގެ އެއްބަސްވުން ގަނެއްވިއްކާ އެއްބަސް ވުމަކަށް ބަދަލުކޮށްދިނުން.
  4. ކުރީ ސަރުކާރުން އެފްޑީސީ މެދުވެރިކޮށް އެއްބަސްވުން ހަދައި ސޮއިކޮށްފައިވާ ފުލެޓްތަކުގެ ހައްޤުވެރިންނާއި ހަވާލުކޮށްފައިވާ 4000 ފްލެޓުގެ ކުލި، ކުރީސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ބޮޑު ނުކުރުމާއި، އެތަންތަނުން ނަގަމުން އަންނަ ޑައުން ޕޭމަންޓު ކަނޑާލުން.
  5. ހުޅުމާލޭ ފޭސް-3، ގިރާވަރު ފަޅު، ގުޅީފަޅު، އަދި އުތުރުތިލަފަޅުގެ ބިމުން ނުހިއްކައި މިހާރު ބާކީހުރި ބިން ހިއްކުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށާއި، އެ ސަރަހައްދުތަކުން ހިއްކާ ނިމިފައި ހުރި ބިންތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ކަނޑާ، ގޯތިތައް ހަވާލުކުރުމަށާއި، މިރަށްތަކުގައި ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުން.
  6. ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40594 އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުން. މިއެވެ.

އާސަންދައިގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ބޭސްތައް ނުލިބި ރައްޔިތުންނަށް ދިމާވަމުންދާ އުނދަގޫތަކުގެ މައްޗަށް ވާހަކަދައްކަވަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު، ވިލިނގިލީ ދާއިރާގެ އެމްޑީޕީ ރައީސް ހުސެއިން ހަސަން ވިދާޅުވީ، ދިވެހި ރައްޔިތުން ބަލިވުމުން ބޭނުންވާ އަސާސީ ބޭސްކޮޅު ވެސް ފުރިހަމައަށް ނުލިބި، ދާއިމީ ބައްޔަށް މީހުން ކާންޖެހޭ ބޭސް ތައް ވެސް ހަމައަށް ނުލިބި މި ތަކުލީފު އުފުލަމުން ގެންދާތާ މިހާރު މި ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ކަމަށެވެ.

އެހެންކަމުން މިފަދަ ދޯހަޅި، ނާގާބިލު ސަރުކާރަކަށް ނިސްބަތްވާ އެއްވެސް ކެންޑީޑޭޓަކަށް ކުރިއަށް އޮތް އެއްވެސް އިންތިހާބެއްގައި ވޯޓުދޭންޖެހޭ ސަބަބެއް ވިސްނި ވަޑައިނުގަންނަވާ ކަމަށް ވެސް ހުސެއިން ވިދާޅުވިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު، ދިއްދޫ ދާއިރާގެ އެމްޑީޕީ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، މި ސަރުކާރުގެ ހުރިހާ އަމަލުތަކެއްގައި ވެސް ހިމެނެނީ ދޮގާއި މަކަރު ކަމަށާ، އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދިން ބޯހިޔާވަހިކަން އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގައި ވެސް ބޮޑެތި ދޮގުތަކާއި އޮޅުވާލުން ހިމެނޭ ކަމަށެވެ.

އެގޮތުން އެމްޑީޕީން އިމާރާތްކުރި 4000 ފްލެޓު އޭގެ ހައްގުވެރިންނަށް އެއްވެސް ބަދަލެއް ނުގެނެސް، ނުވަތަ އެއަށްވުރެ ވެސް ފުރިހަމައަށް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެ ވަޑައިގެން ނަމަވެސް މިހާރު އެކަން ވެސް ރަނގަޅަށް ތިލަވެ ހާމަވެފައި ވާއިރު، އެމްޑީޕީ ސަރުކާރުގެ ފްލެޓު ލިސްޓުގައި ފްލެޓު ކިބޭނެކަމަށް ހިމެނި އެގްރިމެންޓުވެސް ހަދާފައިވާ 400 އަށްވުރެން ގިނަ މީހުން ވަނީ އެމީހުންގެ ބޯހިޔާވަހިކަމުން މަހުރޫމް ކޮށްލާފައި ކަމަށް ވެސް އަބްދުﷲ ވަހީދު ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، މިފަދަ މަކަރާ ހީލަތުން ފުރިފައިވާ ނާގާބިލު ސަރުކާރަކަށް ނިސްބަތްވާ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދެއްވުމަށް ދިވެހި ރައްޔިތުންގެ ފަރާތުން އާދޭހާއި އެކުގައި އެދިވަޑައިގަންނަވާ ކަމަށް ވަހީދު ވިދާޅުވިއެވެ.

ކޮމެންޓް