ސުޕްރީމް ކޯޓް
ބައްޕަ ނިޔާވީ ދޮންމަންމަ ވަރިކުރި ފަހުންކަން ސާބިތުކުރުމަށް ކޯޓަށް
މަރްޔަމް މުޙައްމަދު 12 ޖެނުއަރީ 2026 (ހޯމަ)   18:44
ބައްޕަ ދުނިޔެ ދޫކުރީ ދޮންމަންމަ ވަރިކޮށްފައިކަން ސާބިތުކުރުމަށް ދަރިއަކު ކޯޓުތަކުގައި ދައުވާކުރަން ފަށައިފިއެވެ.

މި މައްސަލަ ކޯޓުތަކުގައި ކުރިއަށް ދިޔައީ އާއްމުކޮށް ހުޅުވައިނުލާ ކަމަށްވާތީ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ސިއްރުކޮށްފައި ވީނަމަވެސް، މައުލޫމާތު ލިބޭގޮތުގައި އެ ބައްޕަޔަކީ މަޝްހޫރު ވިޔަފާރިވެރިއެކެވެ. އަދި ސިޔާސީ މައިދާނުގައި ވެސް ހަރަކާތްތެރި ފަރާތެކެވެ.

އޭނާ ނިޔާވުމުގެ ކުރިން އޭނާގެ އަންހެނުން ވަރިކުރިކަން ސާބިތު ކުރުމަށް ހުށަހަޅާފައިވާ މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ރައުޔު ތަފާތުވެފައި ވާއިރު، ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ފެންނަނީ މި މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވަނީ ހުސްވި ހަފުތާގައި ކަމަށެވެ.

މި މައްސަލަ ފުރަތަމަ ފެމެލީ ކޯޓަށް ހުށަހެޅީ 2024 ވަނަ އަހަރު ތެރޭގައެވެ. ނިޔާވި މީހާގެ ދަރިން، މި މައްސަލައިގައި ސިވިލް ކޯޓަށް ދިޔައީ، 2021 ވަނަ އަހަރު، ބަލި އެނދުގައި އޮތް ދުވަސްވީ ބައްޕަ ނިޔާވުމުގެ ހަތް ދުވަސް ކުރިން ދެ ފިރިހެނުން ހެކިކޮށް އޭނާގެ އަންހެނުން ވަރިކޮށް އަދި އެކަން ފެންނަންއޮތް ލިޔުމަށް ރިއާޔަތްކޮށް އެކަން ވަކިގޮތަކަށް ނިންމައިދިނުމަށް އެދިއެވެ.

މައުލޫމާތު ލިބޭގޮތުގައި ބައްޕަ ނިޔާވިއިރު، އަންބެއް ހުރިކަން ނުވަތަ ނެތްކަން ކަނޑައެޅުމަށް އޭނާގެ ދަރިން ކޮންމެހެން ބޭނުންވީ، ނިޔާވި ބައްޕަގެ ތަރިކައިގެ މައްސަލަ ހިނގަމުން ދާތީ އެކަމުގެ ސަބަބުތަކަށް ޓަކައެވެ.

އެހެންކަމުން މައްސަލަ ރައްދުވާ އަންހެން މީހާ ފެމެލީ ކޯޓުގައި ބުނެފައި ވަނީ، ވަރީގެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވަނީ ފިރިމީހާ ނިޔާވުމުން އޭނާގެ ތަރިކައިން އެ އަންހެން މީހާއަށް ނުދިނުމުގެ މަގުސަދުގައި ކަމަށެވެ.

މީހަކު ނިޔާވުމަށް ފަހު ދެމަފިރިއެއްގެ ވަރި ސާބިތުކުރުމަށް ކޯޓުގައި ދައުވާ ކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ފަސާދައަކަށް މަގު ފަހިވެދާނެކަމެއް ކަމަށް ބުނެ ފެމެލީ ކޯޓުން އެ މައްސަލައިގެ ދައުވާ ފޯމް ބާތިލުކޮށް މައްސަލަ ނިންމިއެވެ.

ހައިކޯޓުގައި މައްސަލަ އަލުން އިސްތިއުނާފުކޮށްފައި ވަނީ ވެސް ދަރިންގެ ފަރާތުންނެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ، ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަން ނުފެންނަ ކަމަށެވެ.

މައްސަލަ މިހާރު ސުޕްރީމް ކޯޓާއި ހަމައަށް ދިޔައީ އެހާ ހިސާބުންނެވެ. އެހެން ނަމަވެސް މި މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް