ގާނޫނީ ވަކީލު މުޙަައްމަދު ނިޝާން އިބްރާހީމް، އެމްޑީޕީގެ ރޭގެ ޖަލްސާގައި - ފޮޓޯ: އެމްޑީޕީ
ހައްގުތަށް ހޯދުމަށް ނުކުންނަ މީހުން، މިހާގިނައިން ހައްޔަރުކުރި ސަރުކާރެއް 17 އަހަރު ތެރޭގައި ނުފެނޭ
އަސާސީ ހައްގުތައް ހޯދުމަށް ނުކުތް މީހުން 182 ފަހަރު މި ސަރުކާރުން ވަނީ ފުލުސްއޮފީހަށް ގެންގޮސްފައި
ޖުނާން އަޙުމަދު 31 ޑިސެމްބަރ 2025 (ބުދަ)   10:25
ރައްޔިތުން އެމީހުންގެ އަސާސީ ހައްގުތަށް ހޯދުމަށް ނުކުތުމުން، މިހާ ގިނަ އަދަދަކަށް ރައްޔިތުން ހައްޔަރުކުރި ސަރުކާރެއް ފާއިތުމިވީ 17 އަހަރު ތެރޭގައި އަދި ނުފެންނަ ކަމަށް އެމްޑީޕީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ގާނޫނީ ވަކީލު މުޙަައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރޭ އެމްޑީޕީ ހަރުގޭގައި ކުރިއަށްދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ، ރައީސް މުއިއްޒު މިހާރު އެވަނީ އެމަނިކުފާނުގެ ގާނޫނީ ހައިސިއްޔަތު މުޅިންހެން ގެއްލިފައި ކަމަށާ، ސަބަބަކީ ގާނޫނު އަސާސީގައި ލިޔެފައިވާ އުސޫލުތައް އެމަނިކުފާނު އެވަނީ ރޫޅާލާ ގާނޫނު އަސާސީ މުޅިން ފުނޑާލާފައި ކަމަށް ވާތީކަމަށެވެ.

ގާނޫނުއަސާސީގައި ކަނޑައެޅިފައިވާ އަސާސީ އުސޫލުތައް ނުވަތަ އަސާސީ ހައްގުތައް ހޯދުމަށް މަގުމައްޗަށް ނުކުތުމަކީ މިރާއްޖޭގައި ގާނޫނުން ލިބިދޭ ހައްގަކަށް ވީހިނދު، މި ވެރިކަމުގައި ވަނީ، އަސާސީ ހައްގު ހޯދުމަށް ނުކުތް އެންމެން ވެސް ޖަލަށް ލާފައި ކަން ފާހަގަކުރައްވާ ނިޝާން ވިދާޅުވީ، އަސާސީ ހައްގުތައް ހޯދުމަށް ނުކުތް މީހުން 182 ފަހަރު މި ސަރުކާރުން ވަނީ ފުލުސްއޮފީހަށް ގެންގޮސްފައި ކަމަށެވެ.

އެހެންކަމުން އަސާސީ ހައްގުތައް ހޯދުމަށް ރައްޔިތުން މަގުމައްޗަށް ނުކުތުމުން، މިހާ ގިނައިން އެ ރައްޔިތުން ހައްޔަރުކުރި ސަރުކާރެއް އެ ބޭފުޅާގެ ހަޔާތުގައި ފާއިތުމިވީ 17 އަހަރު ދުވަސްތެރޭގައި ނުފެންނަކަމަށް ނިޝާން ވިދާޅުވިއެވެ.

އަދި ހާއްސަކޮށް ހުސްވި ރަމަޟާންމަހު އަސާސީހައްގު ހޯދުމަށް ނުކުތްމީހުން 82 ފަހަރު ފުލުސްއޮފީހަށް ހާޒިރުކޮށްފައިވާކަން ފާހަގަކުރައްވަމުން ނިޝާން ވިދާޅުވީ، މާޒީގައި ހުޅަނގުގެ ގައުމުތަކުގައި ވެރިކަންކުރި އަނިޔާވެރި ވެރިން ވެސް، އަނިޔާވެރި ފިޔަވަޅުތައް އަޅާފައިވަނީ އެ ގައުމުގެ ރައްޔިތުންނާ މެދުގައި ނޫންކަމަށާ، އެ ވެރިން ފިޔަވަޅު އަޅާފައިވަނީ ވާދަވެރި އެހެނިހެން ގައުމުތަކުގެ މީހުންނާމެދުގައި ކަމަށެވެ.

އެހެން ނަމަވެސް ރައީސް މުއިއްޒު އެއާ ހިލާފަށް މި އަނިޔާވެރިވަނީ އެބޭފުޅާ ވެސް ނިސްބަތްވާ އަމިއްލަ ގައުމުގެ މީހުނަށް ކަމަށް ވާތީ، ރައީސް މުއިއްޒުއަކީ ދުނިޔެ ނުދެކޭވަރުގެ އަނިޔާވެރި ވެރިއަކަށް ވެގެން އެބަދާކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.

އަދި ރައީސް މުއިއްޒު މި ގައުމުގެ ލާމަރުކަޒީ ނިޒާމަށް ގޮންޖައްސަވާފައި އެ ނިޒާމު ފުނޑާލުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެ ނިޝާން ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ ހުރިހާ ބާރުތަކެއް މަރުކަޒުކޮށް އެމަނިކުފާނުގެ އަތްޕުޅަށް ލައްވާ ހުދުމުހުތާރު ވެރިކަމެއް ކުރައްވަމުން ކަމަށެވެ.

އަދި ލޯކަލް ކައުންސިލް އިންތިޚާބު ހިރިމަރަދޫގައި ނުބާއްވައި، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގައި ވޯޓުލާންޖެހޭ ގޮތަށް މި ސަރުކާރުން ނިންމި ނިންމުމަކީ، ގާނޫނާ ހިލާފަށް ހިންގާފައިވާ ބޮޑު ޖަރީމާއެއްގެ ގޮތުގައި ވެސް މަޝްހޫރު ގާނޫނީ ވަކީލު ނިޝާން ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް