އެމްޑީޕީގެ ކުރީގެ ޗެއާޕަސަން ފައްޔާޒު އިސްމާއިލް.--
ސަރުކާރުން ކުރަންއުޅޭ ކަމަކީ ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުން
ޖުނާން އަޙުމަދު 5 ޖެނުއަރީ 2026 (ހޯމަ)   07:46
ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަމަކީ ވޯޓުން ގައުމުގެ ކަންކަން ނިންމުމުގެ ބާރު ފޭރިގަތުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ވަނީ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައި ވެއެވެ.

ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެ އިންތިހާބު އެއްކޮށްލުމުން ލިބޭ ފައިދާ އާއި ގެއްލުންތަކެއް އެބަހުރި ކަމަށެވެ.

އެކަމަކު ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ކުރަން އުޅޭ ކަމަކީ ގައުމުގެ ކަންކަން ނިންމުމަށް ރައްޔިތުންނަށް ލިބިފައިވާ ބާރު ފޭރިގަތުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަރަދު ކުޑަކުރުމަށް މި ސަރުކާރުން އުޅޭ ތަނެއް ނުފެނެ އެވެ. އެކަމަކު ވޯޓާ ގުޅޭ ކަންކަމުގައި ހަރަދު ކުޑަކުރަން އުޅޭ ސަބަބާ މެދު ވިސްނާލަންޖެހޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.


ހަރަދު ކުޑަކުރަން މި މަތިބަރު ސަރުކާރުން އުޅޭ ތަނެއް ފެނުނު އެކަކުވެސް ނެތް. ވޯޓާ ގުޅުންހުރި ކަންކަމުގައި "ހަރަދު ކުޑަކުރަން" ކުރަން މި އުޅޭ ކަންކަމާމެދު އެންމެހާ ދިވެހިން ވިސްނާލުން ބުއްދިވެރި. - ފައްޔާޒު


ފައްޔާޒު ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބަކީ ސަރުކާރަށް ފާރަވެރިވެ ގާނޫނު ހަދާ އެންމެމަތީ ބާރަށް މަންދޫބުން ހޮވާ އިންތިހާބު ކަމަށްވާއިރު ރައްޔިތުންގެ ބާރުވެރިކަން މަޖިލީހުގައި ބާއްވައި ކޮލިޓީ މެންބަރުން އިންތިހާބުކުރަން އާބާދީ ބޮޑު އަތޮޅުތަކަށް މެންބަރުން ހޮވަންވީ، 5،000 އާބާދީއަކަށް ދާއިރާއެއް އޮންނަ އުސޫލު ކަމަށް އޮތުން އުވާލުން ރަނގަޅެވެ.

އޭނާ ވިދާޅުވީ ޗެކްސް އެންޑް ބެލެންސް ނިޒާމު ވަރުގަދަކޮށް ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، މަޖިލިސް އިންތިހާބު ސްޓެގަރ ކޮށް ދެ ބަޔަކަށް ބަހާލައި، ރިޔާސީ އިންތިހާބާ އެކު ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބައި އަދި ރިޔާސީ ދައުރުގެ މެދުން މަޖިލީހުގެ އަނެއް ބައި މެންބަރުންގެ އިންތިހާބު ބޭއްވުން ރަނގަޅު ކަމަށް ފެންނަ ކަމަށެވެ. ސަބަބެއް ކަމަށް ފައްޔާޒު ވިދާޅުވީ އެކަމަކީ ސަރުކާރުގެ ޕާފޯމަންސަށް ބަލައި ގޮތް ނިންމުމަށް ރައްޔިތުންނަށް ދެވޭ ފުރުސަތަކަށް ވުމެވެ.

ހަރަދު ކުޑަކުރުމަށް އިންތިހާބުތައް އެއްކުރުމުގެ ހެޔޮ ނިޔަތެއް އޮތް ނަމަ، ރިޔާސީ އިންތިހާބައި ކައުންސިލް އިންތިހާބު އެއްކުރަން ޖެހޭ ކަމަށާއި އެ ދެ އިންތިހާބަކީ ރައްޔިތުންނަށް ވެރިކަމެއް ކޮށްދިނުމަށް ގައުމާއި ރަށު ލެވެލްގައި ނެގޭ ވޯޓެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން ގާނޫނުއަސާސީއަށް ބަދަލު ގެންނަން އުޅުމާ މެދު ރައްޔިތުން ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ބާރުވެރިކަމަށް ސީދާ ގޮތުން އަސަރުކުރާނެ މިފަދަ ކަންކަމާ މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާކުރުމުގެ ފުރުސަތު ދޭން ޖެހެ އެވެ. އަދި އޭނާ ފާހަގަކުރެއްވި ފަދަ އިތުރު އޮޕްޝަންތައް ރައްޔިތުންނާ ހިސާބަށް ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެރިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ކޮމެންޓް