
ފުލުހުންނާއި ސިފައިންނާއި އޭރުގެ އިދިކޮޅު ފަރާތްތައް ގުޅިގެން ކުރި ބަގާވާތުގެ ހަނދާންތައް އާ ކުރައްވައި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދުގެ ނައިބު ރައީސް ވަހީދު ގައުމާ ހަވާލުވެވަޑައިގަތުމުން، ރައީސް ނަޝީދަށް މަޖުބޫރުވީ އިސްތިއުފާ ދެއްވާށެވެ.
އެއީ ބަގާވާތެއް ނޫންކަން ދެއްކުމަށް ޑީއާރުޕީ/ޕީޕީއެމް/ޕީއެންސީން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، މިފަހުން ހާމަވި (އެޕްސްޓީން އާއި ވަހީދުގެ) އީމެއިލްތަކުންވެސް އެނގިގެންދިޔައީ އެ ހާދިސާ ހިނގި ގޮތުގެ ހަގީގަތްކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.
ފައްޔާޒް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު ފެނިގެންދިޔައީ އަނިޔާވެރި ދުވަސްތަކެއް ކަމަށެވެ. އެދުވަހު އެސްއޯ ފުލުހުންގެ ފަރާތުން ގިނަ އަދަދެއްގެ މުޒާހަރާގެ ބައިވެރިން ތަހަންމަލު ކުރަންޖެހުނު އަނިޔާގެ ހަނދާން އާކުރައްވައި ފައްޔާޒް ވިދާޅުވީ، އެމީހުންގެ ގުރުބާނީ ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ފުލުހުންނާއި، ކޯޓުތަކާއި، ރައްޔިތުންގެ ހިމާޔަތުގައި ހުންނަންޖެހޭ ދައުލަތުގެ މުއައްސަސާތަކަށް އޮތް އިތުބާރު އެ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އޮތީ ގެއްލިފައި ކަމަށެވެ.
"ހަގީގަތަކީ، ފުލުހުންނާއި، ކޯޓުތަކާއި، އަދި އަހަރެމެން ހިމާޔަތްކޮށްދޭން ޖެހޭ މުއައްސަސާތަކަށް އޮތް އިތުބާރު އޭގެ ފަހުން އަދިވެސް އިއާދައެއް ނުވެއެވެ. ގައުމު އިސްލާހު ކުރުމުގެ މަގު ވަނީ އޮޅުންބޮޅުންވެ، ދެނެގަންނަން ނޭނގޭ މިންވަރަށް ހަލާކުވެފައެވެ. އަދި މިއަދާ ހަމައަށްވެސް، އަހަރެމެން އެތައް ގުރުބާނީއެއްވެގެން ހޯދި އަސާސީ ހައްގުތައް ދެމެހެއްޓުމަށްޓަކައި ރައްޔިތުން ދަނީ ހަނގުރާމަ ކުރަމުންނެވެ." ފައްޔާޒް ލިޔުއްވާފައި ވެއެވެ.
ފައްޔާޒް ލިޔުއްވާފައިވާ ގޮތުގައި ރައީސް މުއިއްޒަކީ ކޮންމެ ފަދަ އަގަކަށް ނަމަވެސް އަމިއްލަ ބާރު ގަދަކުރަން އުޅޭ ވެރިންގެ ސިލްސިލާގެ އެންމެ ފަހުގެ ބޮޅެވެ. މައުމޫނާއި، ވަހީދާއި، ޔާމީނެކޭ އެއްފަދައިން، އިސްލާހަށް މަސައްކަތްކުރާ ދިވެހި ރައްޔިތުން މުއިއްޒުގެ ވެރިކަންވެސް ނިމުމަކަށް ގެންނާނެ އެވެ.
މިހާރު ދިވެހިން ތަހައްމަލު ކުރަމުން މިދަނީވެސް ފާއިތުވެދާނެ ދުވަސްތަކެއްކަން ފާހަގަ ކުރައްވައި ފައްޔާޒް ވިދާޅުވެފައިވަނީ "އަދި މި ގައުމަށް މިއަށްވުރެ ރަނގަޅު ދުވަސްތަކެއް ކުރިއަށް އެބައޮތް" ކަމަށެވެ.




