
އެމްޑީޕީން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް ފަށާފައިވާ "ހޭވައްލާ ތައްޔާރު" ކެމްޕެއިނުގައި ގއ.އަތޮޅަށް ކުރެއްވި ޒިޔާރަތަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ރަށްރަށުން މިހާރު އިވެމުންދާ އަޑަކީ، ލާމަރުކަޒީ ނިޒާމު ފުނޑާލަމުންދާތީ ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތައް ކަމަށެވެ.
އިގުތިސޯދީ ވަޒީރުކަންވެސް ކުރެއްވި ފައްޔާޒް ވިދާޅުވީ، ރަށްރަށުގެ އިގުތިސޯދުތައް ހުއްޓި ރައްޔިތުންގެ އަތްމަތި މިއިން ދުވަހަކު ދަތިނުވާ ވަރަށް ދަތިވެފައިވާކަން ރައްޔިތުންގެ ގާތަށްގޮސް އެމީހުންގެ ވާހަކަތައް އަޑުއަހާލުމުން އެނގޭކަމަށެވެ.
ފައްޔާޒް ވަނީ ރައްޔިތުންގެ ބާރުވެރިކަން އަލުން ހޯދައިދިނުމަށް އެމްޑީޕީގެ ހިތްވަރުގަދަ ކެންޑިޑޭޓުންނާއި ކެމްޕޭން ޓީމުތަކުން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް، ކައުންސިލް ވޯޓުގައި އެމްޑީޕީ ގެ ކެނޑިޑޭޓުންނަށް ކާމިޔާބު ލިބޭނޭކަން ފާހަގަކުރައްވާފައެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން އެމްޑީޕީން މުޅި ރާއްޖޭގައި ކުރިއަށް ގެންދާއިރު، އެ ޕާޓީން ވަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށްފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ސަރުކާރު ހިންގާ ޕީއެންސީއަށް އިންތިހާބާ ގުޅޭ ގޮތުން ނާޖާއިޒު އެހީ ދެމުންދާކަންވެސް އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.




