ކައުންސިލް އިންތިހާބުގެ ތަރުޖަމާނު އަބްދުﷲ ވަހީދު.-- ފޮޓޯ: އެމްޑީޕީ
މި ސަރުކާރުގެ ނާގާބިލުކަން ފޮރުވަނީ ކައުންސިލްތައް ބަދުނާމުކޮށްގެން
ޖުނާން އަޙުމަދު 4 މާރޗް 2026 (ބުދަ)   18:00
ރައީސް މުއިއްޒުގެ ވާހަކައިގައި، ކައުންސިލްތައް ބަދުނާމުކުރައްވަނީ މި ސަރުކާރުގެ ނާގާބިލުކަން ފޮރުވުމަށްޓަކައި ކަމަށް އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީ އިން މިއަދު ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކައުންސިލް އިންތިހާބުގެ ތަރުޖަމާނަކަށް އެ ޕާޓީން ކަނޑައަޅުއްވާފައިވާ، ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ، ކައުންސިލްތައް ބަދުނާމުވާ ގޮތަށް ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ ކައުންސިލްތަކަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށާ، ކައުންސިލްތައް އެއްފަރާތްކޮށް ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގޭ ގޮތަށް ގާނޫނު މިހާރު ބަދަލުކޮށްފައި ވާއިރުގައި ވެސް މިފަދަ ވާހަކަތައް އެމަނިކުފާނު ދެއްކެވުމަކީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށެވެ.

ބޮޑަށް ބެލެވޭގޮތުގައި ވަހީދު އިޝާރާތް ކުރައްވަނީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް 57 ރަށެއްގެ ކައުންސިލުން ހުރަސްއަޅާ ކަމަށް ތުހުމަތުކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އެ ވާހަކަތަކާ ގުޅިގެން ވަހީދު ވިދާޅުވީ، އެއީ ކޮން ރަށްތަކެއްތޯ ބެލުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރްޓީއައި ހުށަހަޅާފައި ވީނަމަވެސް، ސަރުކާރުން އެ މައުލޫމާތު މިއަދާ ހަމައަށް ވެސް ފޯރުކޮށްދީފައި ނުވާ ކަމަށާ، އެފަދަ މައުލޫމާތެއް މި ސަރުކާރަށް ނުވެސް ދެވޭނެ ކަމަށެވެ.

"ކައުންސިލްތައް ބަދުނާމުކޮށް މި ސަރުކާރުން ދައްކާ ވާހަކަތަކަކީ، މި ސަރުކާރުގެ ނާގާބިލުކަން ފޮރުވަންވެގެން ރައީސުލްޖުމްހޫރިއްޔާ ދައްކާ ވާހަކަ، ކައުންސިލްތަކަށް ފުރައްސާރަ ކުރުމަށްޓަކައި ކައުންސިލްތަކަށް ޖެއްސުން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދައްކާ ވާހަކަ." - އަބްދުﷲ ވަހީދު

ލާމަރުކަޒީ ނިޒާމަށް މި ސަރުކާރުން ގެނައި ބަދަލުތަކަށް ފާޑުވިދާޅުވަމުން، އެލްޖީއޭ (ލޯކަލް ގަވަމަންޓް އޮތޯރިޓީ) ހިންގަނީ ސަރުކާރުން އުފެއްދި ކައުންސިލް މިނިސްޓްރީގެ ދަށުން ކަމަށާ، ކައުންސިލަކުން ހުއްދަ ނުދީގެން މަޝްރޫއެއް ހުއްޓިފައި އޮތް ނަމަ، ކައުންސިލް ބައިޕާސްކޮށް އެ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ބާރު ވެސް މި ސަރުކާރަށް އެބައޮތް ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.

ކޮމެންޓް