ރެފެރެންޑަމް އިންސާފުވެރިއެއް ނުވާނެ، މިއީ ބޮޑު އޮޅުވާލުމެއް
ރެފެރެންޑަމް ވޯޓުގައި ރައްޔިތުންގެ އަރިހުން އަހާ ސުވާލަކީ ވެސް ޣައިރު ދުސްތޫރީ ސުވާލެއް - ޑރ. އަހުމަދު އަބްދުالله
މަރްޔަމް މުޙައްމަދު 8 މާރޗް 2026 (އާދީއްތަ)   18:14
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކީ މި ސަރުކާރު ހުދުމުހުތާރު ގޮތެއްގައި ދިގުދަންމާލަން ރައީސް މުއިއްޒު ރައްޔިތުންނަށް އޮޅުވާލާ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށާ، އެ އިންތިހާބު އިންސާފުވެރި ވެސް ނުވާނެކަމަށް ޤާނޫނީ އަދި ސިޔާސީ މައިދާނުގައި ފުންނާބު އުސް ބޭފުޅުންތަކެއް މިއަދު ވިދާޅުވެއްޖެއެވެ.

"ދެ އިންތިހާބު އެއްކޮށްލަން ނުފެނޭ" ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި ބޭފުޅުންގެ ތެރެއިން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވީ، ރިފެރެންޑަމަކީ މުޅިން ހާއްސަ ތަބިއްޔަތެއް ލިބިގެންވާ އިންތިހާބެއް ކަމަށާ، މި ބާއްވާ އިންތިހާބަކީ މިއީ އިންސާފުވެރި އިންތިހާބަކަށް ވެގެން ނުދާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ސަބަބަކީ މި އިންތިހާބަށް ހޭލުންތެރިވެ ތައްޔާރުވުމަށް ރައްޔިތުންނަށް ވަގުތު ވެސް ލިބެންޖެހޭއިރު މި އިންތިހާބު މި ބާއްވަނީ އެފަދަ އެއްވެސް ފުރުސަތެއް ރައްޔިތުންނަށް ދިނުމެއް ނެތި ކަމަށް ވުމުން ކަމަށެވެ.

"ރެފެރެންޑަމާ ގުޅޭ ކެމްޕޭން ކުރުމުގެ ފުރުސަތު ވެސް ލިބެން ޖެހޭ، އަދި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. އަޅުގަނޑަށް ދެންނެވޭނީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މީހުންގެ ޒިންމާ، ދުސްތޫރީ ޒިންމާއާ ހިލާފުވެ ވަކި ފަރާތަކަށް ބުރަވެފައޭ." - ޑރ. އަހުމަދު އަބްދުالله ދީދީ

މިނަގާ ފެންނަ ނުފެންނަ ވޯޓުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވޯޓު ދިނުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެން ވާހަކަ ދައްކަވަމުން ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވީ، ރައްޔިތުންގެ އަރިހުގައި ބިލެއް ތަސްދީގު ކުރުމާ މެދު ގޮތެއް ނިންމުމަށް ނޭހޭނެ ކަމަށާ، އެއީ ގާނޫނުއަސާސީގައި ސަރީހަ އިބާރާތުން ތަސްދީގު ކުރަން ޖެހޭ ގޮތް ބަޔާންކޮށްފައި އޮތުމުން ކަމަށެވެ.

ތަސްދީގު ކުރުމަށް ފެނުމާއި، ދެ އިންތިހާބު އެއްކޮށްލުމަށް ތާއިދު ކުރުމަކީ މުޅިން ދެ މައުޟޫއުއެއް ކަމަށް ވިދާޅުވެ ޑރ. އަހުމަދު އަބްދުﷲ ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާއެކު އެޕްރީލް ހަތަރެއްގައި ނަގާ މި ވޯޓުގައި ރައްޔިތުންނާ ކުރަނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ ބަދަލާ ގުޅޭ ސުވާލެއް ކަމަށެވެ.

"ރައްޔިތުންގެ އަރިހުން އަހަނީ ޣައިރު ދުސްތޫރީ ސުވާލެއް، އެ ސުވާލު ވެގެން ނުވާނެ އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރަން ފެނޭތޯ ނުވަތަ ނުފެނޭތޯ. ސަބަބަކީ ތަސްދީގު ކުރުމަކީ ރައްޔިތުންގެ ރެފެރެންޑަމްގެ ފަހުން އަންނަ އެއްޗެއް." - ޑރ. އަހުމަދު އަބްދުالله ދީދީ

އަދި ހުރިހާ އިންތިހާބެއް ވެސް ވަކި ފަރާތަކަށް ބުރަ ނުވެ ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ކަމަށް ވިދާޅުވެ ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވީ، މި ރެފެރެންޑަމް ކައުންސިލް އިންތިހާބާއެކު ނެގުމަކީ އެކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.

ކޮމެންޓް