ސޯޝަލް ހައުސިން ވެލިދޫގައި އިފްތިތާހުކުރުމަށްޓަކައި މޮކަޕް ރޯހައުސްގެ ބިންގާ ވެލިދޫ ރައީސް އާތިފް ހުސެއިން (ކ) އާއި ވެލިދޫ ލޯކަލް އޮތޯރިޓީގެ އެމްޑީ އަބްދުﷲ އަލީ އަޅުއްވައިދެއްވަނީ - ފޮޓޯ: ވެލިދޯ ލޯކަލް އޮތޯރިޓީ
ވެލިދޫގައި ފުރަތަމަފަހަރަށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް އެރަށު ކައުންސިލުން ފަށައިފި
ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް، އަމިއްލަ ތަކެތީގައި ކުރިއަށް ގެންދަނީ ސޯލްޓެޑް ފައިބަރ ވޯކްސް ގެ ފަރާތުން
މުޙައްމަދު ޤާސިމް 3 މާރޗް 2026 (އަންގާރަ)   16:02
ނ.ވެލިދޫ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް މިހާތަނަށް ސަރުކާރުން އެއްވެސް ޕްރޮޖެކްޓެއް ހިންގާފައި ނުވާތީ، އެކަމަށް ހާއްސަ އިސްކަމެއް ދީގެން ވެލިދޫ ކައުންސިލުން ކުރިއަށްގެންދާ ސޯޝަލް ހައުސިން މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އަޅާ މޮކަޕް ރޯހައުސްގެ ބިންގާ އަޅައިފިއެވެ.

ފާއިތުވި ދިހަވަރަކަށް އަހަރުދުވަސް ތެރޭގައި 200 ވަރަކަށް ގޯތި ވެލިދޫގެ ބިމުން އެރަށު ރައްޔިތުންނަށް ދޫކޮށްފައި ވާއިރު، އެ ގޯތިތަކުގެ ތެރެއިން މީހުން ދިރިއުޅެން ފަށާފައި ވަނީ އެންމެ ބާރަވަރަކަށް ގޯތީގައި ކަމަށް ވުމުން، ބާކީ ހުރި ގޯތިތަކުގައި ވެސް އިމާރާތް ކުރެވޭނެ ފަސޭހަމަގެއް ގާއިމްކުރުން މުހިންމު ކަމަށް ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ފިޔެސް އާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

އެހެންކަމުން، މި މަޝްރޫއުގެ ދަށުން ފުރަތަމަ އިސްކަން ދޭނީ، ވެލިދޫ ރައްޔިތުންނަށް ކުރިން ދޫކޮށްފައި ހުރި ގޯތިތަކުގެ ތެރެއިން ނުހެދިވާ ގޯތިތަކުގައި އިމާރާތް ކުރުމަށް ކަމަށް ވާއިރު، އެ ކޮންސެޕްޓަށް އެކަން ކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި އިއުލާންކުރާނެ ކަމަށް ވެސް އާތިފް ހުސެއިން ވިދާޅުވިއެވެ.

ފުރަތަމަ، ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެއް އެޅުމަށް ފެށި މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ އަޅާ މޮކަޕް ރޯހައުސް އެޅުމުގެ މަސައްކަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރޯހައުސްގެ ބިންގާ އަޅުއްވައިދެއްވީ، ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން އާއި ވެލިދޫ ލޯކަލް އޮތޯރިޓީގެ އެމްޑީ (މެނޭޖިންގ ޑިރެކްޓަރ) އަބްދުﷲ އަލީ އެވެ.

your imageސޯޝަލް ހައުސިން ވެލިދޫގައި އިފްތިތާހުކުރުމަށްޓަކައި މޮކަޕް ރޯހައުސްގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ކައުންސިލް ރައީސް އާތިފް ހުސެއިން ވާހަކަދައްކަވަނީ - ފޮޓޯ: ވެލިދޯ ލޯކަލް އޮތޯރިޓީ

ސޯޝަލް ހައުސިންގެ ގޮތުގައި ކުރިއަށް ގެންދާ މި މަޝްރޫއުއަށް ޝަރުތު ހަމަވާ ފަރާތްތަށް ބެލުމުގައި ޕޮއިންޓު ދޭ އުސޫލުތައް، މީގެ މަހެއްހާ ދުވަސް ކުރިން އާންމުކޮށް އެ އުސޫލަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފުރުސަތު ވެސް ހުޅުވާލާފައި ވާނެކަމަށް ވިދާޅުވެ އާތިފް ވިދާޅުވީ، މި އިމާރާތްކުރާ ރޯހައުސްތައް ދޫކުރާނީ އެންމެ ގިނަވެގެން ގާތް ގަނޑަކަށް ވިހި އަހަރު ދުވަހުން ފައިސާދައްކާ ހަލާސްކުރާގޮތަށް ކަމަށާ، އެހެންކަމުން އެއީ މަހެއްގެ މައްޗަށް 5000 އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދެއް ދައްކާ ގޮތަށް އެކުލަވާލެވޭ އިންސްޓޯލްމެންޓް ޕްލޭނެއް ކަމަށެވެ.

"ވެލިދޫ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް މިވީހާތަނަށް ސަރުކާރަކުން އެއްވެސް ޕްރޮޖެކްޓެއް ހިންގާފައި ނުވާތީ، މިފަދަ ޕްރޮޖެކްޓަކީ ވެލިދޫ ރައްޔިތުންނަށް ވަރަށް ވެސް ބޭނުންތެރި ޕްރޮޖެކްޓަކަށް ވާނެތީ، މިކަމުގައި މިހިސާބަށް މި ވާސިލުވެވުނީ ވެލިދޫ ކައުންސިލްގެ ފޯކަސް ވަރަށް ބޮޑަށް މިކަމަށް ބަހައްޓައިގެން. މި ބޯހިޔާވަހި ކަމުގެ މަޝްރޫއަކީ ވެލިދޫ ރައްޔިތުންނަށް އަތްފޯރާ އަގުގައި، އިތުބާރާ ޔަގީންކަމާއެކު، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫއެއް." – ވެލިދޫ ރައީސް އާތިފް

your imageސޯޝަލް ހައުސިން ވެލިދޫގައި އިފްތިތާހުކުރުމަށްޓަކައި މޮކަޕް ރޯހައުސްގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ވެލިދޯ ލޯކަލް އޮތޯރިޓީ

ވެލިދޫ ލޯކަލް އޮތޯރިޓީ ކޮމްޕެނީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް، އަމިއްލަ ތަކެތީގައި ކުރިއަށް ގެންދަނީ، ކޮންސްޓްރަކްޝަން މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާ ކުންފުންޏެއް ކަމަށްވާ ސޯލްޓެޑް ފައިބަރ ވޯކްސްގެ ފަރާތުންނެވެ.

އެ ކުންފުންޏަކީ ސަރުކާރުގެ އެކިއެކި މަޝްރޫއުތަކާއި، ބޮޑެތި ރިސޯޓް ބްރޭންޑްތަކުގެ މަޝްރޫއުތައް ވެސް ހިންގުމުގެ ތަޖުރިބާކާރު މާޒީއެއް އޮތް ކުންފުންޏެކެވެ.

ވެލިދޫގެ ހުޅަނގު ދެކުނު ފަރާތުގައި ބިންގާއެޅި މި މޮކަޕް ރޯހައުސް އިމާރާތްކުރުމުގެ މަސައްކަތް 3 މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ ހަވާލުކޮށްފައެވެ.

ކޮމެންޓް