
ފައްޔާޒު މިހެން ވިދާޅުވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން، ޑރ.އަހުމަދު އިނާޒް، މިއަދު އިސްތިއުފާ ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓާއެކު ފައްޔާޒު ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒް ވަނީ އިނާޒް ދެއްކެވި ސާބިތުކަން ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ. އަދި ވިދާޅުވީ މިފަދަ ޚުދުމުޚުތާރު ވެރިކަމަކާ ދެކޮޅަށް ތެދުވާނެ އިހުލާސްތެރި ބޭފުޅުން މިއަދު ގައުމަށް ބޭނުންވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ވެރިކަމާއި، ސިޔާސަތުތަކަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ ރައީސް މުއިއްޒު ގާނޫނު އަސާސީގެ ބާރު ކަނޑުވާލައި، ޑިމޮކްރަސީގެ އުސޫލުތަކަށް ހުރަސްއަޅަމުންދާ ކަމަށެވެ.
މުއިއްޒު މިސްރާބު ޖަހާފައިވަނީ އިގުތިސޯދީ ބޮޑު ހަލާކަކާ ދިމާލަށްކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ، ދައުލަތުގެ މާލިއްޔަތާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމުގެ ނަމުގައި މިސަރުކާރުން ދައްކާ ވާހަކަތަކަކީ ހަގީގަތް އޮޅުވާލުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ. ކަންކަން ތަންފީޒު ކުރަމުންދާ ގޮތުން އެކަން ވަރަށް ސާފު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، ވޭތުވެދިޔަ އަހަރު ލިބޭނެ ކަމަށް ބަޖެޓުކުރި ހިލޭ އެހީގެ ތެރެއިން ދައުލަތަށް ލިބިފައިވަނީ އެންމެ 15 ޕަސެންޓް ކަމަށާއި، ހަމައެކަނި 2025 ވަނަ އަހަރު އެކަނިވެސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހޭދަ 1 ބިލިޔަން ދިވެހި ރުފިޔާ އިތުރުވެފައިވާ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވި ނަމަވެސް، އާމްދަނީއަށް ވުރެ ބާރުމިނެއްގައި ހަރަދުތައް އިތުރުވަމުންދާ ކަމަށާއި، އަމިއްލަ ވިޔަފާރިތަކަށް ދައުލަތުން ދައްކަން ޖެހޭ ބިލިޔަނުން ގުނޭ ފައިސާ އަދިވެސް ނުދައްކާ ހުރިއިރު، ބޭރު ފައިސާގެ ސިޔާސަތު ފޭލުވެ، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތަކެތީގެ އަގު އުފުލި، އާއްމު ރައްޔިތުން ތަކުލީފު އުފުލަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ފައްޔާޒު ވަނީ ޕެންޝަން ބޯޑަށް ގެނައި ބަދަލުތަކާއި ފައިސާ ޗާޕުކޮށްގެން ދަރަނި އިތުރުކުރުމާ މެދު ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.
ފައްޔާޒު ވިދާޅުވީ މިއީ އިންވެސްޓްމަންޓެއް ކަމަށް ބުނެ ސަރުކާރުން ދިފާއުވާން އުޅުނު ނަމަވެސް ބައިނަލްއަގުވާމީ އިންވެސްޓަރުންނަށް މިކަން އޮޅުވައެއް ނުލެވޭނެ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި 14 ޕަސެންޓް ނުވަތަ އެއަށްވުރެވެސް ބޮޑު އިންޓަރެސްޓެއްގައި ދަރަނި ނަގަން ޖެހޭނެ ކަމަށާއި، މިއީ މިނިވަން މުސްތަގިއްލު ދައުލަތަކުން ކަންކުރާނެ ގޮތެއް ނޫން ކަމަށެވެ.
ފައްޔާޒު ވިދާޅުވީ، ރައީސް މުއިއްޒު ސަރުކާރުގެ އެއްވެސް ތަރުތީބެއް ނެތް ސިޔާސަތުތަކުގެ ސަބަބުން، ދަރަނި އަދާ ކުރުމަށް ބޮޑު ތާށިކަމެއްގެ ތެރެއަށް ގައުމު ވެއްޓިފައިވާ ކަމަށެވެ. އަދި މިހުރިހާ ކަމެއް ވަރަށް ގާތުން ދިވެހި ރައްޔިތުން ބަލަމުންދާ ކަމަށްވެސް ފައްޔާޒް ވިދާޅުވެފައި ވެއެވެ.




