ލ.އަތޮޅު ކައުންސިލް ރައީސް ރޭ އެމްޑީޕީއާ ގުޅިވަޑައިގެންނެވުމަށް ފަހު ވާހަކަދައްކަވަނީ - ފޮޓޯ: އެމްޑީޕީ
ލ.އަތޮޅު ކައުންސިލް ރައީސް އެމްޑީޕީއާ އަލުން ގުޅިއްޖެ
ޖުނާން އަޙުމަދު 19 ޖެނުއަރީ 2026 (ހޯމަ)   09:54
އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީއަށް ކުރިން ވެސް މުހިންމު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި އެމްޑީޕީ ޓިކެޓުގައި ލ.އަތޮޅު ކައުންސިލް ރައީސް ކަމަށް ހޮވި ވަޑައިގެންނެވި، އިސްމާއީލް އަލީ އެމްޑީޕީއާ ރޭ އަލުން ގުޅިއްޖެއެވެ.

ކުރިން އެމްޑީޕީއަށް ހިދުމަތް ކޮށްދެއްވުމަށް ފަހު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި އިސްމާއީލް އޭރުގެ ޕީޕީއެމް ޕީއެންސީ ކޯލިޝަންއާ ގުޅިވަޑައިގެންނެވީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އިސްމާއީލް ރޭ އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން އެ ޕާޓީގެ މެންބަރުން ދަނީ އޭނާއަށް މަރުހަބާ ދަންނަވަމުންނެވެ.

"ދަތި އުނދަގުލުގައި ވެސް ޕާޓީ ހިފަހައްޓާލި އޭރުގެ ލ.ގަމު އެމްޑީޕީގެ މައި އެއް މުގޫ، ލ.އަތޮޅު ރައީސް އަލުން އަޅުގަނޑުމެންނާ ގުޅުމަކީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު ކާމިއާބުކުރުމަށް ލިބުނު ވަރަށްބޮޑު ހިތްވަރެއް." އެމްޑީޕީން ބުނެއެވެ.

އިސްމާއިލް އަލީ އަކީ ފެށުނީއްސުރެ އެމްޑީޕީގެ ފިކުރުގައި އަދި އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގެ އެންމެ ކުރީގައި އުޅުއްވަމުން އެ އަތޮޅުގެ ތައުލީމީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ވެސްކުރެއްވި ބޭފުޅެކެވެ.

މީހުން ބިނާ ކުރުމާއި ކުރިއެރުވުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ އިސްމާއިލް މެދު ނުކެނޑި 27 އަހަރު ސަރުކާރަށް ހިދުމަތް ކުރެއްވި އެވެ. އެގޮތުން 1994 ވަނަ އަހަރު ސަރުކާރުގައި އޭނާ ވަޒީފާ ފެށީ ތުނޑީ ސްކޫލުގެ ޕްރައިމެރީ ޓީޗަރަކަށެވެ. އޭގެ ފަހުން ލ. ހިތަދޫ ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަހު ސްކޫލްގެ އެސިސްޓަންޓް ހެޑް މާސްޓަރު ކަން 1999 އިން ފެށިގެން 2006 އަކާ ހަމަޔަށް ކުރެއްވި އެވެ.

އޭގެ ތެރެއިން އެއް އަހަރު ބ. ތުޅައިދޫ ސްކޫލުގެ އެސިސްޓަންޓް ހެޑް މާސްޓަރު ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އަދި އެންމެ ފަހުން އެ ދާއިރާއަށް ހިދުމަތް ކުރެއްވީ ލ. އިހައްދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގަ އެވެ.

އިސްމާއިލް ލ.އަތޮޅު ކައުންސިލް ރައީސް ކަމަށް ނުކުންނެވީ، އެ އަތޮޅު ގަމު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރުގެ މަގާމްގައި ހަތަރު ހޭދަކުރެއްވުމަށް ފަހުއެވެ.

ކޮމެންޓް