ރައީސް ނަޝީދު، އެމްޑީޕީގެ ކެމްޕޭނު ޖަލްސާއެއްގައި.-- ފޮޓޯ: އެމްޑީޕީ
ސަރުކާރު ބަލިކޮށް އެމްޑީޕީން ކާމިޔާބު ހޯދައިފި: ރައީސް ނަޝީދު
ޖުނާން އަޙުމަދު 4 އޭޕްރީލް 2026 (ހޮނިހިރު)   22:57
މިއަދު ކުރިއަށްދިޔަ އިންތިހާބުތަކުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބޮޑުތަނުން ސަރުކާރު ބަލިކޮށްފައިވާކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވައިފި އެވެ.

މިއަދު ކުރިއަށްދިޔަ އިންތިހާބުތަކުގެ ވޯޓު ގުނުން ކުރިއަށްދާއިރު ސިޓީތަކުގެ މޭޔަރުންގެ މަގާމު އެމްޑީޕީން ވަނީ ކަށަވަރުކޮށްފަ އެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައި ވެސް ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނާނެކަން ވަނީ ކަށަވަރުވެފައެވެ. 

ރައީސް ނަޝީދު ނިސްބަތްވާ އެމްޑީޕީން ފެންނަ ނުފެންނަ ވޯޓުގައި ކެމްޕޭން ކުރީ ދެ އިންތިހާބު އެއްކޮށްލުމަށް "ނޫނެކޭ" ބުނެއެވެ. 

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކާމިޔާބު ފާހަގަ ކުރައްވައި، ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށާއި ވާދަވެރިންނަށް މަރުހަބާ ވިދާޅުވެފައެވެ.  

"ހުރިހާ ސިޓީއެއް، ގިނަ ރަށްރަށެއް، އަދި ފެންނަ ނުފެންނަ ވޯޓުގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފި. ވޯޓު ދެއްވި ހުރިހާ ބޭފުޅުންނަށް އަދި ވާދަވެރިންނަށް ވަރަށް ބޮޑަށް މަރުހަބާ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިވަގުތު ގާނާގައި ދިރިއުޅުއްވި ނަމަވެސް މި އިންތިހާބުގެ ކެމްޕޭނަށް ރާއްޖެ ވަޑައިގެން ގިނަ ރަށްތަކަކަށް ވަނީ ދަތުރު ކުރައްވައި އަމަލީގޮތުން ކެމްޕޭންގައި ބައިވެރިވެވަޑައިގެންފަ އެވެ.

ކޮމެންޓް